"އިންޓަރ އޮފީސް ޗެލެންޖް ކަޕް 2022 " ގެ ނަމުގައި ށ. ބިލެތްފަހީ ކައުންސިލުން އިންތިޒާމްކޮށް އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ މި މުބާރާތަކީ ރަށުގެ މުއައްސަސާތަކަށް އަމާޒުކޮށް މިމަހު 11 އިން 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ބިލެތްފަހީ ކައުންސިލް އިދާރާ، ބިލެތްފަހީ ސިއްޙީ މަރުކަޒު، ބިލެތްފަހީ ސްކޫލްގެ އިތުރުން އެރަށު ފެނަކަ ބްރާންޗުން ވަނީ ބައިވެރިވެފައެވެ.
މިމުބާރާތުގައި ވަނީ ހޭންޑްބޯލް އަދި ފުޓްސެލް މުބާރާތުން ޗެމްޕިއަނަށް ދިޔަ ޓީމް ތަކަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި ރަނަރަޕް ޓީމްތަކަށް ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. މީގެ އިތުރުން ވެސް މި މުބާރާތުގައި އެކިއެކި ވަނަ ތަކަށް ދިޔަ ފަރާތްތަކަށް ވަނީ ޓްރޮފީ ހަވާލު ކޮށްފައެވެ.
ހޭންޑްބޯލް މުބާރާތުން ޗެމްޕިއަންކަން ހޯދާފައިވަނީ ކައުންސިލް އިދާރާގެ ޓީމެވެ. އަދި ފުޓްސެލް މުބާރާތުން ޗެމްޕިއަންކަން ލިބުނީ ޓީމް ހެލްތް އަށެވެ.
ރަށުން ބޭރުން ބައެއް ކުޅުންތެރިން ގެނެސްގެން ކުރިއަށް ދިޔަ މި މުބަރާތުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކައުންސިލުން ފާހަގަކޮށްފައިވަނީ ރަށުގެ މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ އިތުރުން ކުޅިވަރުތަކުގައި އެފަރާތްތަކުން ބައިވެރިވެ ކުޅިވަރުގެ ރޫހު ދިރުވުމެވެ.
ކައުންސިލުން ވަނީ މި މުބާރާތުގައި ރެފްރީއިން ހޯދުމަށް ފުލުހުންގެ ފަރާތުން ވެދެއްވި އެހީތެރިކަން ފާހަގަ ކޮށް އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި ކައުންސިލްގެ މުވައްޒަފުންގެ އިތުރުން ރައްޔިތުންވެސް މިކަމަށް ދެއްވި އެއްބާރުލުމަށް އެފަރާތްތަކަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ބިލެތްފަހި ކައުންސިލުން ވަނީ ޖުލައި 26 ގައި ޒުވާނުންނަށް ހާއްސަކޮށް "ކައުންސިލްކަޕް" އެއް ކުޅުމަށް ރޭވިފައިވާކަން ވެސް ފާހަގަ ކުރައްވާފައެވެ.