ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓްގައި ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު ބަހާފައިވަނީ 40 ޑޮލަރު (616.80 ރުފިޔާ) ކަމަށް ރިސޯޓުތަކުގެ މުވައްޒަފުންގެ ސާވިސް ޗާޖުގެ މައުލޫމާތު ގެނެސްދޭ ވެބްސައިޓް www.maldivessc.com ގައި ބުނެފައިވެ އެވެ.
މިވެބްސައިޓުގައި ބުނެފައިވާގޮތުން މިއީ ސެޕްޓެމްބަރ މަހު އެންމެ މަދުން ސާވިސްޗާޖު ދީފައިވާ ރިސޯޓެވެ. އެ ވެބްސައިޓުގައި 77 ރިސޯޓުގެ ސާވިސްޗާޖް ހިމަނާފައިވާއިރު ދެވަނައަށް އެންމެ މަދުން ދިން ރިސޯޓުގެ ގޮތުގައި ހިމަނާފައިވަނީ އީކުއޭޓަރ ވިލެޖް 75 ޑޮލަރުގެ ގޮތުގައެވެ. އެންމެ މަތިން ދީފައިވާ ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް 621.93 ޑޮލަރު (9590.16ރ) ބަހާފައިވެ އެވެ.
ވޭތުވެ ދިޔަ ހަތަރު މަހު ހޮނޑާފުށި އައިލެންޑް ރިސޯޓުން ދީފައިވާ ސާވިސްޗާޖަކީ ރާއްޖޭގެ ރިސޯޓެއްގައި ދީފައިވާ އެންމެ ކުޑަ އަދަދު ކަމުގައި ވެދާނެއެވެ. އެވެބްސައިޓްގައި ވާގޮތުން ޖުލައިމަހު އެރިސޯޓުން ދީފައިވާ އަދަދަކީ 8 ޑޮލަރު 123.36 ރުފިޔާ އެވެ. ޖޫންމަހު ދީފައިވާ އަދަދަކީ 5 ޑޮލަރު 77.10 ރުފިޔާއެވެ. އޮގަސްޓްމަހު 21 ޑޮލަރެވެ.
އެރަށުގައި ވަޒީފާ އަދާކުރާ މުވައްޒަފުން މިނޫހަށް މަޢުލޫމާތު ދޭގޮތުގައި މިޢަދަދު ތަކަކީ ސައްޙަ ތެދު މަޢުލޫމާތެކެވެ. އެރިސޯޓުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެރަށުގައި 200 މުވައްޒަފުން އުޅޭކަމަށާއި އެއިގެ ތެރިން ދިވެހިންގެ ނިސްބަތަކީ 20 މީހުން ކަމަށާއި އެހާ ކުޑަ އަދަދެއް ސާވިސް ޗާޖުގެ ގޮތުގައި ދިނުން ގަބޫލު ނުކުރެވޭނެ ކަމަށާއި ސާވިސް ޗާޖު ދިނުމުގައި އެރިސޯޓުން އިޙްމާލުވާކަމަށް އެރިސޯޓުން މަޢުލޫމާތު ދިން މުވައްޒަފުން ބުނެއެވެ. ޓްރިޕްއެޑްވައިޒަރ ގައި މިރިސޯޓްގެ ރޫމެއް ރެޔަކަށް ވިއްކަން ޖަހާފައި ހުރީ 300 ޑޮލަރަށެވެ.
އެރަށުން ވާހަކަ ދެއްކި މުވައްޒަފަކު ބުނިގޮތުގައި މިދިޔަމަހު ޓޫރިޒަމް މިނިސްޓްރީ ސާވިސްޗާޖާއި ރިސޯޓުގެ ކަންކަން ބެލުމަށްޓަކައި ޓީމެއްގޮސްފައިވާކަމަށް މަޢުލޫމާތުދެއްވިއެވެ. އިތުރަށް ބުނެފައިވަނީ އެއިނާއަކީ ރާއްޖޭގެ އެހެން ރިސޯޓުތަކުގައިވެސް މަސައްކަތް ކުރި މީހެއްކަމަށާއި ސްޓާފުނެގެ ކެއުމާއި ސްޓާފުނެގެ ޙިދުމަތުގެ ފެންވަރު ވަރަށް ދެރަކަމަށް، މިސާލެއްގެ ގޮތުން ފާހަގަ ކުރީ ސްޓާފުނެ ބޭނުންކުރަންޖެހޭ ތުވާލި ފަދަ ތަކެތި އަމިއްލައަށް ގެންދަންޖެހޭ ރިސޯޓެއް އެނޫނީ ނުދެކޭކަމަށް ފާހަގަ ކުރިއެވެ.
ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެކި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. މިވެބްސައިޓަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކު އަޕްޑޭޓް ވަމުން އަންނަ ސައިޓެކެވެ.
ހޮނޑާފުށި ރިސޯޓް ހުޅުވީ 2018 ވަނަ އަހަރު މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. ހުޅުވިއިރު އެތަނުގައި 160 އެނދުގެ 80 ކޮޓަރި ހުރެއެވެ. އެކި އަހަރުތަކަށް ބަހާލައިގެން ކޮންމެ އަހަރަކު 100 ކޮޓަރި ހުޅުވުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް އެއްކޮށް ނިމުމުން 400 ކޮޓަރި އެ ރިސޯޓްގައި ހުންނާނެއެވެ.
ހަނިމާދޫގެ އުތުރުން ހަތް ކިލޯމީޓަރު ދުރުގައި އޮންނަ ހޮނޑާފުށި ރިސޯޓަކީ ތްރީ އޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. އަދި ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓްވެސްމެއެވެ.
ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ މި ރިސޯޓަކީ ހަތަރު ތަރީގެ ރިސޯޓެކެވެ. ނަމަވެސް އެތަނުން ފަސް ތަރީގެ ޚިދުމަތް ލިބޭނެ ކަމަށް ތްރީއޭ ކުންފުނިން އެރިސޯޓު ހުޅުވިއިރު މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވެ އެވެ. ހޮނޑާފުށި ހުޅުވާފައިވަނީ އެރަށް ތްރީއޭ އަށް ލިބުނުތާ 12 ވަރަކަށް އަހަރު ފަހުންނެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ތްރީއޭ ކުންފުނި ދެން އިތުރަށްވިސްނާނެ ކަމެއްނެތް..