ކަންކަމަށް އުސޫލުތައް ހަދާ ތަންފީޒު ކުރަން ފެށުމުގެ ކުރިން އެކަންކަން ދިރާސާކޮށް އެކަންކަމުން ރައްޔިތުންނަށް ދިމާވާނެ އުނދަގޫ ތަކަށް ރިޔާއަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރާޢީ މިހެން ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީއިން، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމުގެ ކުރިން ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން ދުއްވަން ދަސްކުރަން ލާޒިމުވާ ގޮތަށް ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދު އެކުލަވާލައި، މި މަހުގެ 11 ވަނަ ދުވަހު އާންމުކުރައްވާފައި ވަނިކޮށް، އެކަމާއި ގުޅިގެން ކުމުންދޫ ޢަލީ ޤާސިމް ފާޅުކޮށްފައިވާ ޚިޔާލެއް ޓްވީޓާގައި ހިއްސާކުރައްވަމުންނެވެ.

Ad
rt

ޚިޔާލު ފާޅުކުރަމުން ޢަލީ ޤާސިމް ބުނެފައި ވަނީ، ޑްރައިވިން ސްކޫލަކަށް ގޮސްގެން ވަކިވަރަކަށް ގަޑި ހަމަކޮށްގެން ނޫނީ ލައިސަންސް ނުލިބޭގޮތަށް ހަމަޖެއްސިއިރު، ރަށްރަށުގައި އުޅޭ ރައްޔިތުން ދަތުރުކޮށްފައި ޑްރައިވިން ސްކޫލް ހުންނަ ރަށަށް (މާލެ) ގޮސް ހޭދަކުރަންޖެހޭ ވަގުތާއި، އެރަށެއްގައި ހުރުމަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުކަން ވިސްނާލަން އެދޭކަމަށެވެ.

މާލެއަށް ވިސްނުން ބަހައްޓައިގެން ހުރިހާ ސިޔާސަތެއް ހެދުމުން ބިކަވެގެން ދަނީ ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތު މީހާ ކަމަށް ޚިޔާލުފާޅުކުރަމުން އޭނާ ވަނީ ބުނެފައެވެ.

ޢަލީ ޤާސިމްގެ މި ޚިޔާލު ޓްވީޓާގައި ހިއްސާ ކުރަށްވަމުން ރާޢީ ވިދާޅުވީ، ‏ކޮންމެ ގޮތަކަށް އުސޫލާއި ގަވައިދު ހަދާ ތަންފީޒު ކުރަން ފެށުމުގެ ކުރިން އެކަންކަން ދިރާސާ ކޮށް އެކަމުން އާއްމު ރައްޔިތުން ނަށް ދިމާވާނެ އުނދަގޫ ތަކަށް ރިޔާއަތް ކުރުން މުހިއްމު ކަމަށެވެ.

"ކޮއްމެ ކަމެއް ޕީސީއާރު ލަތީފަށް ވުމަކީ ދެރަކަމެއް." ރާޢީ ވިދާޅުވެފަވެއެވެ.

ޓްރާންސްޕޯޓުން މި ގޮތަށް ގަވާއިދު ބަދަލު ކުރުމުގެ ކުރިން، ކުރިން އޮންނަ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ދޭ ދުއްވުމުގެ އިމްތިހާނެއް ފުރިހަމަ ކުރުމުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ލިބޭނެ އެވެ. އަދި ޑްރައިވިން ސްކޫލްތަކުގައި ދުއްވަން ދަސް ކުރިޔަސް، ވަކި މުއްދަތެއް ވަންދެން ދަސްކުރަން ދުއްވުން ކުރިން ލާޒިމް ނުވެއެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން އަލުން އާންމުކުރި، ޑްރައިވިން ސްކޫލް ހިންގުމުގެ ގަވާއިދުގައިވާ ގޮތުން ދުއްވަން ދަސް ކުރާއިރު ޑްރައިވިން ސްކޫލެއްގައި ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވަން ދަސްކުރަން ޖެހެއެވެ. އަދި ދުއްވަން ދަސްކުރާ މީހުންގެ އެ ވަރަށް ދުއްވަން ދަސްކުރިތޯ ޑްރައިވިން ސްކޫލްތަކުން ކަށަވަރު ކުރަން ޖެހޭއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދަން ހުށަހަޅާއިރު އެކަމުގެ ރެކޯޑްތައް ވެސް ހުށަހަޅަން ޖެހެއެވެ.

އެ ގަވާއިދުގައިވާ ގޮތުން، ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރާއިރު، އެކި ބާވަތުގެ އުޅަނދުތައް ދުއްވަންޖެހޭ މުއްދަތު ތަފާތެވެ. ސައިކަލެއް ނަމަ މަދުވެގެން 40 ގަޑިއިރު ވަންދެން ޑްރައިވިން ސްކޫލްގައި ދުއްވަން ދަސް ކުރަން ޖެހެއެވެ.

ކާރާއި ޕިކަޕް ފަދަ އުޅަނދުތައް ދުއްވަން ދަސް ކުރުމުގައި މަދުވެގެން 30 ގަޑިއިރު ހަމަކުރަން ޖެހޭއިރު، އެ ނޫން ބާވަތުގެ އުޅަނދުތައް ދުއްވަން ދަސްކުރުމުގައި ހަމަ ކުރަން ޖެހެނީ 25 ގަޑިއިރު ކަމަށް އާ ގަވާއިދުގައިވެ އެވެ.