މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ އިސްކަންދޭނީ، އެ ސްކޫލް ސަރަހައްދުގައި ދިރިއުޅޭ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދުން ދަރިވަރު ނިސްބަތްވާ ސްކޫލަކުން ޖާގަ ހަމަޖައްސަވައިދޭނެ ކަމަށެވެ.

Ad
rt

މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސާކިއުލާ ބުނާގޮތުން، ޖާގަ ދިނުމުގައި ދެ ވަނަ އަށް އިސްކަންދޭނީ، އެ ސްކޫލުގައި އުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ދަރިވަރުންނަށެވެ. އެކަމަކު އެ ދަރިވަރުންނަކީ ވެސް އެ ސްކޫލު ހިމެނޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ވާންޖެހެ އެވެ.

ދަރިވަރުން ސުކޫލަށް ވެއްދުމުގައި އިސްކަންދިނުމުގައި ތިން ވަނައަށް އިސްކަންދެނީ، އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށެވެ.

އެ ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގަ އެވެ.

ސާކިއުލާގައިވާ ގޮތުން، ސަރުކާރު ސްކޫލުތަކުން ފައުންޑޭޝަން ނިންމައި ގްރޭޑު އެކަކަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެންދާނެ އެވެ.

"ވީމާ 2020 ވަނަ އަހަރު މާލެ ސިޓީގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުން ކުރިއަށް ގެންދެވޭނެ ގޮތް މައުލޫމާތަށްޓަކައި ދެންނެވީމެވެ،"

ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ ކުރިން މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އިސްކަންދީފައިވަނީ، ކޮންމެ ރަށެއްގެ ދަރިވަރަކަށް ވިއަސް އެ ދަރިވަރަކު ދިރިއުޅޭ އެޑްރަހަށް ބެލުމަށްފަހުގަ އެވެ.