އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ އެއް ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް އެ ޕާޓީން ވަކިވާން ހުށަހަޅުއްވައިފިއެވެ.

އަދާލަތު ޕާޓީގައި އިސްކޮށް މަސައްކަތްކުރެއްވި މަޝްހޫރު ދީނީ ޢިލްމްވެރިޔާ ޑރ. އަނާރާ ވަނީ އޭނާ އަދާލަތު ޕާޓީން ވަކިވާން ހުށަހަޅުއްވާފައިވާކަމަށް މިއަދު ވިދާޅުވެފައެވެ.

Ad
rt

އަދާލަތުން ވަކިވާން ހުށަހެޅުއްވިކަން ހާމަކުރަށްވާ، އެކަމަށް އެދި ހުށަހެޅުއްވި ސިޓީގައި ޑރ. އަނާރާ ވަނީ ވޭތުވި ދުވަސްތަކުގައި އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާނާއި އަދި ޕާޓީގެ މެންބަރުންގެ ފަރާތުން ލިބިލެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.

މިހާރު ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަނާރާއަކީ މިހާތަނަށް ރައްޔިތުންގެ މަޖިލިސްގައި އަދާލަތު ޕާޓީ ތަމްސީލް ކުރެއްވި ހަމައެކަނި މެންބަރެވެ. މިގޮތުން އޭނާ ވަނީ 18 ވަނަ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ގޮނޑި އަދާލަތުގެ މެންބަރެއްގެ ގޮތުގައި ތަމްސީލް ކުރައްވާފައެވެ.

މީގެއިތުރުން ކުރީގެ ސަރުކާރުގެ ދުވަސްވަރު އަދާލަތުގެ ޕާޓީގެ ރައީސް ސެއިޚް އިމްރާން ޖަލަށް ލުމުން އޭރު އަދާލަތު ޕާޓީއައިގެން މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި އެންމެ އިސްކޮށް އޭނާ ވަނީ މަސައްކަތްކަތް ކުރައްވާފައެވެ. އަދި މި ސަރުކާރު ގެނައުމަށް ވެސް އޭނާ ވަނީ ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

ޑރ. އަނާރާއަކީ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ ދީނީ ޢިލްމްވެރިއެކެވެ. އަދި އޭނާ ގެންދަވަނީ އިޖުތިމާޢީ މަސައްކަތްތައް ކުރެއްވުމުގެ އިތުރުން ދީނީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާ، ދީނީ މަޢުލޫމާތުތައް ފޯރުކޮށްދެއްވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.