ރާއްޖޭގެ ދެ ސަރަހައްދެއްގައި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު ޤާއިމްކުރަން ނިންމާފައި ވާކަމަށް މިނިސްޓަރ ޖެންޑަރ ފެމެލީ، އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ސިދާތާ ވިދާޅުވީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒު ގާއިމްކުރަން ނިންމާފައި ވާ ކަމަށެވެ. އަދި މި ސެންޓަރުތައް އެޅުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނުގެ ސަރަޙައްދެއްގައި ކަމަށެވެ. އެހެންނަމަވެސް އެމަރުކަޒުތައް އަޅާނެ ރަށްތަކެއް މިނިސްޓަރ ވިދާޅެއްނުވެއެވެ.
މިނިސްޓަރ ޝިދާތާ ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންނަށް އެންމެ އެކަށޭނެ މަރުކަޒުތައް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން ގެންދަވާނެކަމަށެވެ. އެގޮތުން މިތަންތަން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް އެ ސެންޓަރުތަކުގައި ތިބިގެންވެސް މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި ކަންކަންކުރެވޭނެ ގޮތްތަކަށް ބިނާކުރުން ކަމަށާއި، އެތަންތަނަކީ އުމުރުން ދުވަސްވީ މީހުން ބަންދު ކޮށްގެން ގެންގުޅޭ ތަނަކަށް ނުހަދާނެ ކަމަށެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ މައްސަލަތައް މިނިސްޓްރީއަށް ކޮންމެ އަހަރަކުވެސް ލިބެމުންދާއިރު އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 70 އަށްވުރެ ގިނަ މައްސަލަ ހުށައަޅާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!