މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ދަށަށް ގޮސްފައިވީ ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދު މި އަހަރުގެ ތެރޭގައި މައްޗަށް މައްޗަށް ގޮސްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

2019 ވަނައަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތުން ޖުމްލަ ހަރަދުކޮށްފައި ވަނީ 16.342 ބިލިއަން ރުފިޔާ އެވެ. އެއީ 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ހަރަދުކުރި 16.907 ބިލިއަން ރުފިޔާ އަށް ވުރެ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާ ދަށް އަދަދެއްކަމަށް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކައެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ދައުލަތުގެ ޖުމްލަ ހަރަދު ދަށަށް ދިއުމުގެ ސަބަބަކީ، ކެޕިޓަލް ހަރަދު ވަރަށް ބޮޑުތަން ދަށަށް ދިއުމެވެ. މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް ހަރަދުން ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ ދަށްވީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ކުރި ހޭދަ، މިދިޔަ އަހަރުގެ ފުރަތަމަ 8 މަސްދުވަހު ހޭދަކުރި 4.61 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 2.2 ބިލިއަން ރުފިޔާ މަދުވެ، 2.38 ބިލިއަން ރުފިޔާ އަށް ދައްވެފައި ފައިވާތީ އެވެ. މި އަހަރުގެ ފުރަތަމަ 8މަސްދުވަހު ކެޕިޓަލް ހަރަދުގެ ގޮތުގައި 3.967 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ކެޕިޓަލް ހަރަދު އުޅެނީ 5.49 ބިލިއަން ރުފިޔާގަ އެވެ.

Ad
rt

އޮގަސްޓް މަހަށް ބަލާއިރު ކެޕިޓަލް ހަރަދު ދަށަށް ދިއުމުގެ ސަބަބުން ސަރުކާރުގެ ޖުމްލަ ހަރަދު ވަނީ ދަށަށް ގޮސް މިދިޔަ އޮގަސްޓް މަހު 1.823 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރިއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަރަދުކޮށްފައި ވަނީ 1.981 ބިލިއަން ރުފިޔާ އެވެ.

އޮގަސްޓް މަހު ދައުލަތުން ކުރި ޖުމްލަ ހަރަދު ދަށަށް ދިއުމުގެ ސަބަބަކީ ވެސް ކެޕިޓަލް ހަރަދު ދަށަށް ދިއުމެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު ކެޕިޓަލް ހަރަދުގެ ގޮތުގައި 415 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ޢަދަދު އުޅެނީ 464 މިލިއަން ރުފިޔާގަ އެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު ޕީއެސްއައިޕީ އަށް 213.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕީއެސްއައިޕީ އަށް ހަރަދުކުރި 344 މިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 130 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އޮގަސްޓް މަހަށް އެކަނި ބަލާއިރު ދައުލަތް ހިންގުމުގެ ޖުމްލަ ހަރަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު ދައުލަތް ހިންގުމަށް 1.4 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މިދިޔަ 2018 ވަނަ އަހަރުގެ އޮގަސްޓް މަހު އެ އަދަދު އުޅެނީ 1.5 ބިލިއަން ރުފިޔާގަ އެވެ.

އެހެން ނަމަވެސް، މިދިޔަ އޮގަސްޓް މަހު މުސާރަ އާއި އިނާޔަތްތަކަށް ހޭދަކުރި މިންވަރު ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން، މިދިޔަ އޮގަސްޓް މަހު މުސާރަ އާއި އިނާޔަތްތަކަށް 814 މިލިއަން ރުފިޔާ ހަރަދުކުރިއިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހު މުސާރަ އާއި އިނާޔަތްތަކަށް ހަރަދުކޮށްފައި ވަނީ 762 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ބަޖެޓު ވަނީ 154 މިލިއަން ރުފިޔާ އިން ދަރަނި ވެފަ އެވެ. އެއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ އަށް މަސްދުވަހާ އަޅާބަލާއިރު ކުރިއެރުމެކެވެ.