ކޯވިޑް-19ގެ ހާލަތު ގޯސްވެ، ހދ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހެނދުނު 10 ޖަހާކަށްހާއިރުއެވެ.
މިމަހުގެ 5 ވަނަ ދުވަހު ހަނިމާދޫން ކޯވިޑްކޭހެއް ފެނުނުފަހުން، ފާއިތުވި 7 ދުވަހުގެ ތެރޭގައި އެރަށުން ވަނީ 40 މީހަކު ޕޮޒިޓިވްވެފައެވެ. އެރަށުން މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެރަށުގެ ރެސްޓޯރެންޓެއްގައި މަސައްކަތްކުރާ ކުއްޖެކެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގެ ސީނިއާ ކޮމިނިއުޓީ އޮފިސަރ ޒުބައިދާ އިބްރާޙީމް "ތިލަދުން"އަށް ވިދާޅުވީ، ކޯވިޑް ރާއްޖެއިން ފެނުނީއްސުރެ އެރަށުގައި ދިރިއުޅޭ މީހުންކުރެ ރޯގާގެ އަލާމާތް ފެންނަ މީހުން ކޯވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ މަރުކަޒުން ގެންދަވަނީ ކުރަށްވަމުންނެވެ.
"ސިއްހީ މަރުކަޒުން މިތިބީ މިރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަށް، ރަށް މިހާރު މިވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައި، އުންމީދަކީ މިހާލަތުން އަރައިގަނެވުން، އެކަމަށް މި އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން" ޒުބޭދާ ވިދާޅުވިއެވެ.
މިފަހަރުގެ ކޯވިޑްގެ ކޭސްތަކާއި ގުޅިގެން އެރަށުގެ 52 ގެ އެއް ވަނީ މޮނިޓަރިންނަށް ލާފައެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުން ވަނީ ކޯވިޑާއި ގުޅިގެން އެޗްޕީއޭއިން އާންމުކޮށްފައި އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފައެވެ.
ހަނިމާދު ވަނީ މީގެ ކުރިން ކޯވިޑާއި ގުޅިގެން މިއަހަރު ޖޫން މަހުގެ 9 ވަނަ ދުވަހުން ޖުލައި 12 ވަނަ ދުވަހުގެ ނިޔަލަށް މޮނިޓަރިން ހާލަތުގައި ބާއްވާފައެވެ. ޖޫން 9ގެ ހަނިމާދޫ ކްލަސްޓާއާއި ގުޅިގެން ފެނުނު ކޭސްތަކާއި ގުޅިގެން ޖުމްލަ 77 މީހެއް އެރަށުން ޕޮޒިޓިވްވިއެވެ. އޭގެ ތެރޭގައި ހަނިމާދޫ ސްކޫލްގެ ބައެއް ދަރިވަރުންނާއި، އެރަށު ޞިއްޙީ މަރުކަޒުގެ ޑަކްޓަރެއް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!