ފުރިހަމަ ޑިމޮކްރަސީއަކަށް 2008 އާއި ހަމަޔަށް ދިވެހިންކުރި ވަރުގަދަ ދަތުރުގެ ނަތީޖާއަކަށް ދިވެހިންނަށް ލިބުނީ ފިކުރުތަކަކަށްވުރެ ބޮޑަށް ވަކިމީހަކަށްޓަކާ ޖާނާމާލުން ގުރުބާންވާން ތައްޔާރަށްތިބި "ސިޔާސީ ޕާޓީ" ތަކެކެވެ.
ގޭންގުތައް ކުލަބުތަކަށް ބަދަލުވެ އިސްލާހުވިއިރު، ޑިމޮކްރަސީގެ ހަގީގަތް އައީ އެއާ ދިމާ އިދިކޮޅަށެވެ. އަޅުގަޑުމެންގެ ސިޔާސީ ޕާޓީތަކުގެ ހަގީގަތަކީ ކޮންމެވެސް ސަބަބަކަށްޓަކާ ވަކިމީހަކަށް ފިދާވާނެ ބަޔަކު އުފެއްދުމުގެ ހަރުގެ ތަކެކެވެ.
ކޮންމެކަމެއް ކޮށްގެން، ކޮންމެފަދަ ގޮތަކުން ކަމުގައިވިޔަސް ވެސް މެއެވެ. އިހުޒަމާނުގައި ވަލުތެރޭގައި އުޅުނު ގަބީލާތައްފަދަ ބައިތަކަކަށް ގައުމުގެ ބޮޑުބައި ބެހިގެންދިޔުން އެއީ ޑިމޮކްރަސީކަމުގައެއް ނުބުނެވޭނެއެވެ. މަޝްވަރާކުރުމާ ބަހުސުކުރުމާ "ކަލެކްޓިވް ވިސްޑަމް" އަކަށް އައުމުގެ ސަގާފަތެއް ބައެއްގެ މެދުގައި އޮތުމުން ނޫނީ ޑިމޮކްރަސީއެއް އޮތްކަމަކަށް އަޅުގަޑަށް ގަބޫލެއް ނުކުރެވެއެވެ.
2006 ވަނައަހަރު އެމެރިކާގެ ސީއައިއޭއިން ލިިޔުނު ބަޔާނެއްގައި، ދިވެހިރާއްޖެ ދަތުރުކުރަމުންދަނީ ގަބީލާފިކުރުތަކަކާ ދިމާޔަށްކަމުގައި ބުނުމުން އަޅުގަޑު އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކީމެވެ. މިއަދު މިއޮތީ އަޅުގަޑުމެން އެންމެންގެ ކުރިމަތީގައި ކަންއޮތްގޮތް ފެންނާށެވެ.
ސީއައިއޭގެ މީހުންނަށް ވެސް ހޭނޭރިކަމަކީ، އެމީހުންގެ ގައުމުވެސް ދިޔައީ ގަބީލާފިކުރަކާއި ދިމާއަށް ކަމެވެ. ދޮންނަސްލުގެ ގަބީލާފިކުރު އައިސް ގައުމު ހިސާރުކޮށް ޑިމޮކްރަސީގެ ރިވެތި ހަމަތައް - ތަފާތުތައް ބަލައިގަންނަ، އެންމެންގެ ޝާމިލުވުން އޮތް މުޖުތަމައެއްގެ ބިނާކުރުމުގައި ހޯދިފައިވާ ކުރިއެރުންތައް، ވަޅުޖައްސާލައިފިއެވެ.
ޑިމޮކްރަސީގެ މަގަށް ދުނިޔެ ރުޖޫއަ ކުރެވޭނެކަން އެނގޭނީ ފަހުންނެވެ. އެއްޖިންސުން ކައިވެނިކުރުން އެއީ އިންސާނީ ހައްގަކަށްވާއިރު، ބުރުގާއެއް އަޅައިގެން އުޅުން އެއީ ގާނޫނީގޮތުން މަނާކަމަކަށް ވާންޖެހޭނެކަމަށް ގަބޫލުކުރުން އެއީ މިއަދުގެ ތަހުޒީބުކަމުގައި ވެއްޖެއެވެ.
މަރަށްމަރުހިފުމަކީ ނާތަހުޒީބުކަމަކަށްވާއިރު، ކުޑަސިއްރެއް ފަޅާއަރުވާލުމުން އެއީ ގައުމަށް ޣައްދާރުވުމުގެ އެންމެބޮޑުކުށް ކަމުގައިބަލާ އެމީހެއްގެ ދުވަސްދުއްވާލުމަށް ހުރިހާ ވަސީލަތެއްގެ ބޭނުންހިފުން އެއީވެސް ތަހުޒީބުކަމުގައި ވެއްޖެއެވެ. މިއީ މިއަދުގެ ދުނިޔެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!