މުޖުތަމައު ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމުގެ ޒުވާން ޓީޗަރުން އުފައްދައިގެން: ރައީސް

E8886322-79A8-4F9B-B16D-3CC1CE34F956

ތަރައްގީއާ ފައި ހަމަވާގޮތަށް މުޖުތަމައު ހަރުދަނާވެ ކުރިއަރައި ތަރައްގީވާނީ ޒަމާނީ ތައުލީމަށް ލޯ ހުޅުވިފައިވާ ޒުވާން މުދައްރިސުންތަކެއް އުފައްދައިގެން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލް އަގްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޙިތާބުގައި ރައީސް ވިދާޅުވީ، ހަރުދަނާ ސަހްސިއްޔަތެއްގެ ވެރި ދަރިވަރުންތަކެއް އުފެއްދުމަށް ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް ހާއްސަ އިސްކަމެއްދިނުމަށް އެދިވަޑައިގެންނެވި އެވެ.

ޔުނެސްކޯއިން މިއަހަރު މުދައްރިސުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު ކަމުގައިވާ،"ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" މައްޗަށް އަލިއަޅުވާ ލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޤައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަމާއި، އުފުލަންޖެހޭ ޒިންމާ ބޮޑުކަންކަމުގައި އެވެ.

ހިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާން ޓީޗަރުން މަދު ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއާ ކޮންމެ އަހަރަކު އަލަށް ގުޅޭ މުދައްރިސުންގެ ބޮޑު އައްލަބިއްޔަތަކީ ވެސް ޒުވާނުންކަން ފާހަގަކުރެއްވި އެވެ. އަދި މިހާރު ތަމުރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަން ފާހަގަކުރައްވައި އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ހާސިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަން ކަމަށާއި އޭގެ ބަދަލުގައި ކާމިޔާބަކީ، އެތަންތަނުން ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަހްސިއްޔަތުގެ ހަރުދަނާ ކަމާއި އެދަރިވަރުން އަނެކުންނާ މުއާމަލާތުކުރާ ގޮތާއި ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރު ކަންފަދަ ކަންތައްތައްކަން ކަމަށެވެ.

އެހެންކަމުން މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތައުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށްކަމުގައި ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ހަމައެކަނި ކިޔަވައިދިނުމެއް ނޫންކަން ހާމަކުރައްވައި ރައީސް ވިދާޅުވެފައިވަނީ މިހާރުގެ ތައުލީމީ ސިޔާސަތަކީ ރަނގަޅު ތައުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމައަށް ނެރެދިނުމާއި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމުގައެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، މި ސިޔާސަތުތަކަށް ހާއްސަ އިސްކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި