އިހަވަންދޫ މާއިޒްގެ އަޞަރުގަދަ ތަޤުރީރުން އެންމެން ރޮއްވާލައިފި

Maiz-Ihavandhoo

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ދެމުން އަންނަ ރިވެލި އެވޯޑް ރޭގައި ދީފައިވާއިރު، އެ އެ ވޯޑުދިން ރަސްމިއްޔާތުގައި ހއ. އިހަވަންދޫ ސްކޫލްގެ ޑައިމަންޑް ކްލާހުގެ ދަރިވަރު މުޙައްމަދު މާޢިޒު ދިނީ އަސަރުގަދަ މެސެޖްތަކެކެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެން މިރަސްމިއްޔާތުގައި މާޢިޒު ދެއްވި ތަޤުރީރުން މާޢިޒުފަދަ މުޖުތަމަޢުގެ ހާއްސަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކުގެ އަޑު ކިތަންމެ ރަނގަޅަކަށް ވެސް އިއްވައިދީފިއެވެ.

މާޢިޒުގެ ތަޤުރީރު ފަށަމުން ރެއަކީ އޭނާގެ ހަޔާތުގައި ވަރަށް އުފާވެރި ރެއެއްކަން ސަބަބާއެކު ބުނެދިނެވެ. "މި އުފާވެރިކަން އަޅުގަނޑަށް މި ލިބެނީ މިރެއަކީ، މިރެއަކީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ފުރަތަމަ ފަހަރު ވަރަށް ޝަރަފްވެރި އެ ވޯޑެއް އަޅުގަނޑަށް ލިބޭ ރެއެއްވީމަ، އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްޙޫރިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން، މިފަދަ ނިޢުމަތެއް ދެއްވިކަމަށްޓަކައި މާތްﷲ ޞުބްހާނަޢަތައާލާއަށް ޝުކުރު ދަންނަވަން،" މާޢިޒު ބުންޏެވެ.

އަސަރުން ފުރިފައިވާ މާޢިޒުގެ ތަޤުރީރުގެ ބުނެފައި ވަނީ، ލޯތްބާއި އޯގާތެރިކަމަކީ ކޮންމެ އިންސާނަކަށް ބޭނުންވާނެ އެއްޗެއް ކަމަށެވެ. އެއީ އަޅުގަނޑުމެން ދިރިއުޅުމުގައި ވަރަށް މުހިންމު އެއްޗެއްކަން ފާހަގަކޮށް، ލޯތްބާއި އޯގާތެރިކަމާނުލައި އިންސާނަކަށް ދިރިނޫޅެވޭނެކަމަށް މާޢިޒު ބުންޏެވެ. އަދި އިންސާނަކަށް އެންމެ މުހިންމު އެއްޗަކީ ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަމާއި މީހުންގެ އިޚްތިރާމް ކަމަށާއި، މި މުޖުތަމައުގައި އެހެން މީހުންނަށް ބޭނުންވާ ވަރަށްވުރެ ބޮޑަށް ލޯތްބާއި، އަޅާލުމާއި، އޯގާތެރިކަން މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާކަމަށް މާޢިޒު ވަނީ ބުނެފައެވެ. "މިރޭ ސިފަވަނީ ތިޔަބޭފުޅުން ފަރާތުން ލޯތްބާއި، އޯގާތެރިކަމާއި، އަޅާލުން ލިބޭކަމަށް،" މާޢިޒު ބުނެފަ ވެއެވެ.

ކޮންމެ ކުއްޖަކީ ވެސް ތައުލީމް ބޭނުންވާނެ، ސްކޫލަށް ގޮސް ކިޔަވަން ބޭނުންވާނެ ކުއްޖެއްކަން ފާހަގަ ކުރަމުން އޭނާ އަކީ ވެސް މީގެކުރިން ސްކޫލަށް ދިޔަ ކުއްޖެއްކަމަށް މާޢިޒު ބުންޏެވެ. "ނަމަވެސް އަޅުގަނޑުމެން ސްކޫލަށް ގޮސް ކިޔެވުމުގައި ވަރަށް ގޮންޖެހުންތަކެއް އެބަހުރި، ނަމަވެސް އަޅުގަނޑުމެންނަށް ކިޔެވުމަށް ވަރަށް ހަނި ފުރުޞަޠު ލިބޭ" މާޢިޒު ބުނެފަވެއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަށްވެސް އެހެން މީހުންނެކޭ އެއްބީދައަކުން މިސްކިތައް ގޮސް ނަމާދު ކުރެވޭނެ ގޮތް ހުންނަން ބޭނުންވާ ކަމަށް މާޢިޒު ވަނީ ބުނެފައެވެ.

"ނަމަވެސް ހިތާމައާއިއެކު ފާހަގަކޮށްލަން ޖެހެނީ ރާއްޖޭގައި ވަރަށް މަދު ތަނެއްގައި ނޫނީ މިފަދަ އިންތިޒާމް ކޮށްފައި ނުވާކަން، އަޅުގަނޑުމެންގެ އުންމީދަކީ އަދި އެދުމަކީ މިފަދަ ފުރުޞަތުތައް އަޅުގަނޑުމެންނަށް ލިބުން،" މާޢިޒު ބުނެފަ ވެއެވެ.

މާޢިޒު ބުނީ އެކުދީންގެ މަންމަމެން ވަމުންދާ މަތިވެރި ޤުރުބާނީއަކީ ދުވަހުކުވެސް ހިތުން ފިލުވާލަން އުނދަގޫ ޤުރުބާނީއެއްކަމަށެވެ. އަދި އެ މަންމަމެން އެވާ ގުރުބާނީއާއި، ކޮށްދޭ ކަންތައްތަކުގެ އަގު އަދާކޮށެއް ނުދެވޭނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

"މިއަދު އަޅުގަނޑުމެންނަށް މިލިބުނު ކާމިޔާބުގެ އަސްލަކީ އަޅުގަނޑުމެންގެ ލޯބިވާ މަންމައާއި، ބައްޕަގެ ބުރަ މަސައްކަތް، އެކަމަށްޓަކައި މަންމެންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން، ޝުކުރިއްޔާ މަންމާ، ޝުކުރިއްޔާ ބައްޕާ" މާޢިޒު ބުންޏެވެ.

"ކާކަށްތޯ އެނގޭނީ މާދަން ކަންވާނެ ގޮތެއް، ކާކަށްތޯ އިނގޭނީ މާދަން މިގޮތަށް ތިބޭފުޅުންނަށް މިކަހަލަ ގޮނޑިއެއްގައި އިންނަން ނުޖެހޭނެކަމެއް. އެކަކަށް ވެސް ނޭނގޭނެ، ތި ބޭފުޅުން މިހެން ގޮޑިއެއްގައި އިންނަން ޖެހޭ ދުވަހުން ތިބޭފުޅުން ހިތަށްއަރާނެ އަޅުގަނޑުމެން މި އުފުލަނީ ކިހާ ބޮޑު ބުރައެއް ކަން. އަޅުގަނޑުމެންނަށް އެހެން މީހުންގެ ލޯތްބާ އޯގާތެރިކަން ބޭނުންވާފަދައިން ތިބޭފުޅުންނަށް ވެސް ލޯތްބާއި އޯގާތެރިކަން ބޭނުންވާނެކަން"

އަސަރާއެކު މާޢިޒު ބުނަމުން ދިޔައެވެ.

އެފަދަ ދުވަހަކުން އެގޮތް މެދުވެރިވާ މީހަކަށްނަމަ ރޮވޭނެ ކަމަށާއި، އަސަރު ކުރާނެ ކަމަށާއި، އަދި އިހުސާސް ކުރެވޭނެ ކަމަށް މާޢިޒު ބުންޏެވެ.

"އެކަމަކު އޭރުން ހުންނާނީ ވަގުތު ފާއިތުވެފަ. ތި ބޭފުޅުންނަށް މާތްﷲ ވަނީ ވަރަށް ފުރިހަމަ ފުރުސަތެއް ދެއްވާފަ. އެއީ އަޅުގަނޑުމެންނަށް ހެޔޮގޮތުގަ ހިދުމަތް ކުރުން. އެ ފުރުސަތު ހެޔޮގޮތުގައި ބޭނުންކޮށްފި ނަމަ މާތްﷲ ގެ ވާގިފުޅާއެކު މި ގޮނޑީގަ އިންނަން ޖެހޭ ދުވަހު ތިބޭފުޅުންނަށް ވެސް ލޯތްބާ، އޯގާތެރިކަން، އަރާމާ ފިރުމުންތަށް އިތުރުވެގެން ދާނެ" މާޢިޒު އަސަރާއެކު ބުނެފަވެއެވެ.

މާއިޒުގެ ވާހަކަތަކުން އެތައް ބަޔަކަށް މިއަދު އަސަރު ކުރުވައިފިއެވެ. މާއިޒުގެ ވާހަކަތައް މިއަދު ސޯޝަލް މީޑިއާގައި މީހުން އަންނަނީ ހިއްސާ ކުރަމުންނެވެ. އޭނާއަށް މީހުން އަންނަނީ ތައުރީފު ކުރަމުން ނެވެ.

މާއިޒު މިއަދު ސާބިތު ކޮށްދިން ކަމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވީ ނަމަވެސް ދިރިއުޅުމުގައި ކުރިއަށް ދެވިދާނެ ކަމާއި ކެރުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *