ހޯރަފުށީ އެއާޕޯޓް ފާލަމުގެ މަސައްކަތް ލަސްވާތީ ކުރި ސުވާލަށް ތަފްސީލީ ޖަވާބެއް

Aishath Nahula

ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް އަރާފޭބުމަށް އެޅުމަށް ނިންމާފައިވާ ފާލަމުގެ މަސައްކަތް ނުފެށި ލަސްވާތީ އެ މަސައްކަތް ގޮސްފައިވާ އޮތް ހިސާބެއް އޮޅުން ފިލުވުމަށް މިއަދު ސުވާލުކޮށްފިއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި މި މައްސަލާގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި ސުވާލުކުރެއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢުއެވެ.

ޝިފާޢުގެ ސުވާލުގައި ފާހަގަކުރެއްވީ، ހއ. އަތޮޅުގެ ގިނަ ރައްޔިތުން ބޭނުންކުރަމުންދާ ހޯރަފުށީ އެއާޕޯޓަށް އަހަރެއްވީ އިރުވެސް އެ އެއާޕޯޓަށް އަރާފޭބުމަށް ބޭނުންކުރާ ފާލަމުގެ މަސައްކަތް ކުރިއަށް ނުދާތީ، އެކަމުގެ ދަތި ރައްޔިތުން ތަހައްމަލުކުރަންޖެހި އެކަން ރައްޔިތުން ދަނީ ތަކުރާރުކޮށް ފާޅުކުރަމުންކަމަށައި، އެހެންކަމުން އެ ފާލަމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވަން ބޭނުންފުޅުވާކަމަށެވެ.

އަދި އެ ފާލަމުގެ އަމަލީ މަސައްކަތް ފެށޭނީ ކިހާ ހިސާބަކުތޯއާއި، އެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ވަނީ ކިހާ ތާކުތޯވެސް ޝިފާޢު ސުވާލުކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، އެ ސުވާލުގެ ޖަވާބުގައި ތަފްސީލްކޮށް ކަންހިނގާދިޔަގޮތް ވިދާޅުވެދެއްވާނެ ކަމަށެވެ.

މި ގޮތުން މިނިސްޓަރު ނަހުލާ ދެއްވި ޖަވާބުގައި ފާހަގަ ކުރެއްވި ކަންކަން:

  • ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެއް ހެދުމަށް 21 ސެމްޓެމްބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވި،
  • ހޯރަފުށީ އެއާޕޯޓް މަސައްކަތް ކުރަނީ ރީޖަނަލް އެއާޕޯޓްސްއިން ކަމަށްވާތީ، 2 ނޮވެމްބަރު 2020 ގައި ޖެޓީގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން އެންގި،
  • 8 ނޮވެމްބަރު 2020 ގައި ޖެޓީ އެޅުމުގެ ހުއްދަ ދެއްވުމަށާއި، ބަޖެޓް ހަމަޖައްސެއްމަށް ފިނޭން މިނިސްޓްރީގައި ދެންނެވުނު، އަދި އެމްޓީޓީސީސީން ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ކުރެހުމާއި، ބީއޯކިއު ފޮނުއްވި،
  • 10 ނޮވެމްބަރު 2020 ގައި ޕްލޭނިން މިނިސްޓްރީން ޑިޒައިންކޮށްދެއްވި ކުރެހުމާއި، ބީއޯކިއުއާއި، ކޮންޓްރަކްޓް ޑްރާފްޓް އެގްރީމެންޓް އެމްޓީސީސީގައި ދެންނެވުނު،
  • 28 ނޮވެމްބަރު 2020 ގައި ޖެޓީ މަސައްކަތަށް ޚަރަދު ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީއިން ދެއްވި، އަދި ފައިސާ ހޯދުމަށް ފޯމު ހުށަހެޅުމަށް ދެންނެވި،
  • 13 ޑިސެމްބަރު 2020 ގައި އެ ފޯމު ޓެންޑާ ބޯޑަށް ފޮނުވުނު (ބީސީތްރީޒީރޯ ފޯމް)
  • 13 ޑިސެމްބަރު 2020 ގައި އެމްޓީސީސީއިން ހުށަހަޅާފައިވާ، ބީއޯކިއުއާއި، މެތޮލޮޑޮޖީއާއި، ވޯކްޝެޑިއުލް ގަބޫލުކުރާކަމަށް މިނިސްޓްރީން ޓެންޑާ ބޯޑުގައި ދެންނެވި،
  • 28 ޑިސެމްބަރު 2020 ގައި އެގްރިމެންޓްގެ ޑްރާފްޓާއި، ތަފްސީލީ ކުރެހުންތައް އެމްޓީސީސީން ލިބުނު،
  • 28 އޭޕްރިލް 2021 ގައި ޓެންޑަރ ބޯޑުން އެމްޓީސީސީއާއި މަސައްކަތް ހަވާލުކުރުމަށް ނިންމި،
  • 19 އޭޕްރިލް 2021 ގައި، ރީޖަނަލް އެއާޕޯޓްސްއަށް އެ އަހަރު ބަޖެޓް ލިބިފައިނުވާތީ އެ މަސައްކަތް ކުރިއަށް ގެންދެވޭނީ ރީޖަނަލް އެއާޕޯޓްސްއިން ކަމަށް ދެކޭތީ ފިނޭންސް މިނިސްޓްރީގައި ދެންނެވުނު،
  • 10 މެއި 2021 ގައި ޖެޓީ މަސައްކަތް ދެން ކުރިއަށް ގެންދާނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމަށް ފިނޭންސް މިނިސްޓްރީން އެންގެވި،
  • 26 މެއި 2021 ގައި ކްލައެންޓް ޓްރާންސްޕޯޓަށް ބަދަލުކުރުމަށްފަހު ބީއޯކިއު ފޮނުއްވާ ދެއްވުމަށް އެމްޓީސީސީގައި ދެންނެވުނު،
  • 27 މެއި 2021 ގައި ބަޖެޓް ހޯދުމަށް ބީސީއޯޓޫ ފޯމް ހުށަހެޅުނު،
  • 30 މެއި 2021 ގައި ކްލައެންޓް ޓްރާންސްޕޯޓަށް ބަދަލު ކުރުމަށްފަހު އެމްޓީސީސީން ބީއޯކިއު ފޮނުވުނު،
  • 3 ޖޫން 2021 ގައި ބީސީޒީރޯތްރީ ފޯމް ޓެންޑަރ ބޯޑަށް ފޮނުވުނު،
  • 6 ޖޫން 2021 ގައި އެމެންޑެޑް ބީއޯކިއު ޓެންޑަރ ބޯޑަށް ފޮނުވުނު އަދި އެދުވަހު ބަޖެޓް ތަފްސީލް ޓެންޑަރ ބޯޑަށް ފޮނުވުނު،
  • 10 ޖޫން 2021 ގައި އެގްރީމެންޓްގެ ފައިނަލް ޑްރާފްޓް އެމްޓީސީސީއަށް ފޮނުވުނު،
  • 27 ޖޫން 2021 ގައި އެގްރީމެންޓް ޑްރާފްޓް އޭޖީގެ ލަފަޔަކަށް ފޮނުވުނު،
  • 4 އޯގަސްޓް 2021 ގައި އެގްރީމެންޓް ޑްރާފްޓްއަށް އޭޖީ ލަފާވަނީ ލިބިފައި،
  • 5 އޯގަސްޓް 2021 ގައި ޖެޓީ އެގްރިމެންޓްގައި އެމްޓީސީސީއާއިއެކު ސޮއިކުރެވުނު، މަސައްކަތުގެ މުއަދަތު 150 ދުވަސް ވަނީ ދީފައި،
  • 19 ނޮވެމްބަރު 2021 ގައި މަސައްކަތުގެ ޕްރޮގްރެސް ރިޕޯޓް ނުލިބޭތީ، އެ ރިޕޯޓް ފޮނުވާދިނުމަށް ދެންނެވުނު، (އަދިހަމަ އޭގެ ކުރިންވެސް މައުލޫމާތު ހޯދަން މަސައްކަތްކުރެވުނު، ނަމަވެސް މައުލޫމާތެއް ލިބިފައެއް ނުވޭ،)
  • 13 ނޮވެމްބަރު 2021 ގައި މަސައްކަތް ކުރިއަށްދާގޮތް ބަޔާންކޮށް އެމްޓީސީސީގެ ސިޓީއާއި، ވޯކް ސެޑިއުލެއް ލިބުނު،

"އެ ސިޓީގައި ވަނީ ޖެޓީ އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދަކީ ހޯރަފުށީ ކައުންސިލުން މިހާރުވެސް ޗެނަލެއް ކަނޑައެޅުމަށް އީއައިއޭ ހަދާފައިވާ ސަރަހައްދެއްކަން، އެމްޓީސީސީން ބެލީ ކައުންސިލްގެ އީއައިއޭއަށް ބިނާކޮށް އިތުރު އީއައިއޭއެއް ނުހަދާ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް، ނަމަވެސް އީޕީއޭއިން އެންގެވީ ޖެޓީ މަޝްރޫޢުއަށް އަލުން އީއައިއޭ ހަދަންޖެހޭނެ ކަމަށް، އީއައިއޭ އަލުން ހަދަންޖެހޭކަން އިނގުނީ އޮކްޓޯބަރު މަހުގެ ތެރޭގައި، މިހާރު އީއައިއޭ ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް، ކުރިން އީއައިއޭ ހެދި ޗެނަލް ކޮނުމުގެ މަސައްކަތް ނޮވެމްބަރުމަހުގެ ތެރޭގައި ފެށޭނެކަމަށް އެމްޓީސީސީން ބުނެފަވޭ" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ވޯކްޝެޑިއުލް ލިބުނުއިރުވެސް ޝެޑިއުލްގައި ބަޔާންކޮށްފައިވާ ބައެއް ތާރީޚްތައް ވަނީފަހަނައަޅާ ގޮސްފައި ކަމަށާއި، މެންބަރު ޝިފާއު ބޭނުންފުޅުނަމަ އެ ވޯކްޝެޑިއުލް ހިއްސާކުރަށްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވަނީ ފާހަގަ ކުރަށްވާފައެވެ.

މިނިސްޓަރު ނަހުލާގެ މި ޖަވާބަށްފަހު ރިޔާސަތުން، މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މިނިސްޓަރު ނަހުލާ އެ މައްސަލައިގެ ޔައުމިއްޔާ ފުރިހަމައަށް ބަލަހައްޓަވައި، ވިދާޅުވެ ދެއްވައިފިކަމަށެވެ.

މި ސަރުކާރުން ތަރައްޤީ ކުރި ފުރަތަމަ އެއާޕޯޓަކީ ހޯރަފުށީ އެއާޕޯޓެވެ. އެ އެއާޕޯޓް ރަސްމީކޮށް ހުޅުވީ 19 ނޮވެމްބަރު 2020 ގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި