ކޯވިޑް-19ގެ އާ ވޭރިއަންޓާއެކު ގައުމު ބަންދުކުރަން ޖެހިއްޖެނަމަ އަގުނުކުރެވޭވަރުގެ ބޮޑެތިގެއްލުންތަކެއް ރައްޔިތުންނަށް ކުތިމަތިވާނެކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ކޯވިޑްގެ އާ ވޭރިއަންޓް، "އޮމިކްރޯން"އަކީ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އެ ވޭރިއަންޓާއި ގުޅިގެން އަޅާނެ ފިޔަވަޅުތަކާމެދު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގްޓީމް)އާއެކު މަޝްވަރާކުރަށްވާ މިއަދު ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙްގެ މި ވިދާޅުވުމަށް އިޝާރާތްކުރަށްވަމުން ޝިފާޢު ވިދާޅުވީ، އަނެއްކާ މިގައުމު ބަންދުކުރަން ޖެހިއްޖެނަމަ އަގުނުކުރެވޭވަރުގެ ބޮޑެތިގެއްލުންތަކެއް ރައްޔިތުންނަށް ކުތިމަތިވާނެ ކަމަށެވެ.
"ފުރުސަތު ލިބިފައިވާ ފަރާތްތަކުން ވެކުސިން ޖައްސަވާ، މާސްކު އަޅުއްވާ ރައްކާތެރިވުމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އާދަކުރެއްވުން އިންތިހާއަށް ބޭނުންތެރި." ޝިފާޢު ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވެސް މިއަދު ވަނީ ކޯވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިން ހުރިހާ ފަރާތްތަކަކުން ވެސް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.
ކޯވިޑް-19ގެ އާ ވޭރިއަންޓް، "އޮމިކްރޯން" ފެތުރެން ފެށުމާ ގުޅިގެން، ރާއްޖޭގައި އަޅާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ ބުނެފައެވެ.
ދެކުނު އެފްރިކާއިން ފެނުނު މި ވޭރިއަންޓް 'އޮމިކްރޯން'އާއެކު ޤައުމުތަކުގެ ބޯޑަރުތަކުގައި ފިޔަވަޅުތައް ވަރުގަދަކޮށް، ދެކުނު އެފްރިކާއަށް ދަތުރުކުރާ ފްލައިޓުތައް ދަނީ ކެންސަލް ކުރަމުންނެވެ.
ކޯވިޑު އައު ވޭރިއަންޓު ފެނުނުކަން ދުނިޔޭގެ ސިއްޙަތު ޖަމީއްޔާއަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ވޭރިއަންޓަކީ ކަންބޮޑުވާންޖެހޭ އެއްޗެއް ގޮތުގައި ބަލައި، މި ވޭރިއަންޓަށް އޮމިކްރޯންގެ ނަމުން އެ ޖަމީއްޔާއިން ވަނީ ނަންދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!