މަޚްލޫފްގެ މައްޗަށް "ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ" އުފުލައިފި

ފޮޓޯ: އެޑިޝަން
ފޮޓޯ: އެޑިޝަން

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓު އަޙްމަދު މަޚްލޫފުގެ މައްޗަށް ރިޝްވަތުގެ ދަޢުވާ އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު މީޑިއާތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް ގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާއި މަނީ ލޯންޑްރިންގގެ މައްސަތައް ތަކާއި ގުޅިގެން ދަޢުވާ ކުރުމަށް 24 ނޮވެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންއިން ހިންގި ތަޙުޤީޤުގައި އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ގ.ހާފްސީ، އަޙްމަދު މަހްލޫފް އަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލަވަނީ ބަލާފަ އެވެ.

‎މަޙްލޫފުގެ މައްޗަށް ދަޢުވާ އުފުލީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާ އެވެ.

ދަޢުވާކުރާ ސަބަބެއްކަމަށް ޕީޖީ އޮފީހުން ވިދާޅުވީ އަޙްމަދު މަޚްލޫފް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުރިއިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުޤާބިލުގައި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކުން މީނާއަށް ދިން 33000$ (ތެއްތިރީސްހާސް އެމެރިކާ ޑޮލަރު) މީނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަށް 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ކުންފުނީގެ އެކައުންޓުން މަހުލޫފްގެ އަމިއްލަފުޅު އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާ މައްސަލާގައި 2019ވަނަ އަހަރުގެ ކުރީކޮޅުވެސް މިނިސްޓަރ މަހުލޫފް ސަސްޕެންޑްކޮށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރިކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މިިނިސްޓަރ މަޙްލޫފުގެ މައްޗަށް ދެ ދަޢުވާއެއް ކުރުމަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެއީ ރިޝްވަތު ނެގިކަމުގެ ދަޢުވާއަކާއި ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެކެވެ. މިމައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ މަޤާމުގެ މަސްއޫލިއްޔަތަކުން އެކަހެރިކޮށްފައެވެ. މިނިސްޓަރ މަހުލޫފް ސަސްޕެންޝަނުގައި ހުންނަވާތާ 4 މަސް ފަހުން އުވާލާ ވަޒީފާއަށް އަނބުރާ ނެރެފައިވަނީ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި