ގުދޯގުދޯ ގޮވުމުގައި ވެސް ހައްދެއް އޮންނަންވާނެ: ޝާހިދު

MP Shahid Funadhoo

ދަރަނި ބޮޑުވެފައި ވަނީ ކުރީސަރުކާރުން ހިންގި ގިނަ މަޝްރޫޢުތަކަށް މި ސަރުކާރުން ފައިސާ ދައްކަންޖެހުމުންކަމަށާއި، އިދިކޮޅު މެންބަރުން ދަރަނީގެ ވާހަކަ ދައްކާއިރު "ގުދޯގުދޯ ގޮވަންވެސް ވަކި ހައްދެއް" އޮންނަންވާނެ ކަމަށް، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.

މެމްބަރު ޝާހިދު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް، މާލިއްޔަތު ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރަށްވަމުންނެވެ.

ޝާހިދު ވިދާޅުވީ، ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން މި ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއްކަމަށް ވިދާޅުވަމުންދާކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި ދަރަނި ބަޖެޓެއް ގޮތަށް ހަދައިގެން ވިޔަސް ދާއިރާތަކުގެ ރަށްތަކަށް ބޭނުންވާ ފައިސާ ހޯދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު މެންބަރުންގެ ވެރިކަމުގެ ފަސް އަހަރު، 2013 އިން 2018އަކީ ދިވެހި އިޤްތިޞާދުގައި ވެސް ފާގަތި ފަސް އަހަރުކަމަށާއި، ނަމަވެސް މި ސަރުކާރު ވެރިކަމާހަވާލުމާއެކު ކުރިމަތިވީ ދުނިޔެދުއް އެންމެ ތަދު، ބޮޑު ބަލިމަޑުކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ބަލިމަޑުކަމުގައި އެމްޑީޕީއަށް ވެރިކަން ކުރަން ލިބުން އެއީ ދިވެހިންގެ އެންމެ ބޮޑު ނަސީބު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"ބަޖެޓް ދަރަނިވީ ގޮތާމެދު ބަހުސް ކުރެވޭއިރު އެބަ ވިސްނާލަންޖެހޭ މިދިޔަ ފާގަތި ފަސް އަހަރު ދިވެހިރާއްޖެއަށް ލިބުނު ފައިސާތަކަށް ވީގޮތާމެދު، އޭރު އަޅުގަނޑުގެ ދާއިރާގައި ބިން ހިއްކުނު، އެއާޕޯޓެއް އެޅުނު، ސްކޫލެއް އެޅުނު، ފުޓްސަލް ދަނޑެއް އެޅުނު، ތެދެއްމެ ވަރަށް ގިނަ ކަންކަން ކުރެވުނު، މަގުތަކުގައި ތާރުވެސް އެޅުނު" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުނަދޫ ބިން ހިއްކުމަށް ކުރެވުނު ޚަރަދަށް ފައިސާ ދައްކަންޖެހުނީ މި ސަރުކާރަށް ކަމަށެވެ. އެ، ތަނަވަސް ފަސް އަހަރުގެ ތެރޭގައި ލިބުނު ފައިސާއަށް ވީގޮތެއް ނޭނގި، ފުނަދޫގައި ގާއިމުކުރި އެއާޕޯޓަށް ވެސް، ބިން ހިއްކަން ވެސް ފައިސާ ދައްކަންޖެހުނީ މި ބަލިމަޑުކަމުގެ ތެރޭގައި މި ސަރުކާރުން ހޯދާ ފައިސާއިންކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ތަނަވަސް ފަސް އަހަރު ލިބުނު ފައިސާއަށް ވީ ކިހިނެއްތޯ؟ އޭރު ފުނަދޫގައި އެޅުނު ސްކޫލްއިމާރާތަށް، މި ސަރުކަރުން އަޅާ އިމާރާތެއްގެ ދެ ގުނަ ބޮޑު ޚަރަދުގައި އަޅާ ބޭނުން ނުކުރެވޭ ވަރުވީއިރު ވެސް އެ ފައިސާ ވެސް ދައްކަންޖެހުނީ ޚުދު އަޅުގަނޑުމެންނަށް،" ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ތަނަވަސް 5 އަހަރު ތެރޭގައި މާއުނގޫދޫއަށް މުސާރައިގެ އިތުރުން ކުރެވުނު ޚަރަދަކީ އެރަށުގެ ބަނދަރަށް ގެނެވުނު ކުޑަކުޑަ ބަލެއްކަމަށެވެ. ނަމަވެސް އެކަމަށް ހިންގި ޚަރަދުވެސް ދައްކަން ޖެހުނީ މި ސަރުކާރަށް ކަމަށެވެ.

ޅައިމަގުގައި ފުޓްސަލް ދަނޑެއް އަޅަން ގެންދިޔަ ސާމާނު އެރަށުގައި ހުރެ ފީވެ، ހަލާކުވެ ދިޔައީ ކަމަށާއި، އެތަކެއްޗަށް ދިޔަ ޚަރަދާއި، އަލުން އާ ދަނޑެއް އަޅަން ކުރަން ޖެހުނު ޚަރަދުގެ އިތުރުން އޭރު އެރަށު އިންޖީނުގޭ ބަދަލުކުރުމަށް ކުރެވުނު ޚަރަދުވެސް ދައްކަން ޖެހުނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ރަނގަޅު އެއީ ރައީސް ޔާމީން ކޮށްދެއްވި ކަންތައްތައް ކަމަށް އެބޭފުޅުން ބައްލަވައިގެން ތިއްބެވިޔަސް މައްސަލައެއް ނެތް، އެކަމަކު ސުވާލަކީ އެ ފައިސާތައް ކޮންތާކަށްތޯއޭ ވަނީ، ސަލާމަތް ބުއްދި އެބަ ގަބޫލުކުރޭ މިއި މައިގަނޑު ސަބަބަކީ މި ބަޖެޓްތައް ދަރަނިވާންޖެހޭ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ފުނަދޫ ހިއްކި ހިއްކީނުން މިހާރު އޮތީ އަލުން ހިއްކައި، ރިވެޓްމަންޓްތައް ޖަހަންޖެހިފައި ކަމަށެވެ. ނަމަވެސް ފުނަދޫ ހިއްކިއިރު އެރަށުގެ ބިން ފުރިފައި އޮތްކަން އެ ސަރުކާރަށް ނޭނގޭ ކަމަށެވެ. އެހެންކަމުން އެކަމަށް އަނެއްކާ ޚަރަދުކުރަންޖެހިފައިވާ ކަމަށާއި، އަދި އޭރު މަގުހެދިއިރު ފެން ހޮޅިއަޅަން އަލުން ތާރު ކަނޑާ ނަގަންޖެހޭނެ ކަން ވެސް އެ ސަރުކާރަށް ނޭނގުނުކަމަށާއި، އެކަން ވެސް އޮތީ ކުރަންޖެހިފައިކަމަށް ވުމުން ދަރަނިވާ މައިގަނޑު ސަބަބުތަކަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަންކަން ރަނގަޅު ގޮތުގައި އެ ސަރުކާރުން ކުރިނަމަ މި ބަޖެޓް ދަރަނި ބަޖެޓެއްގެ ގޮތުގައި ވާންނުޖެހޭނެ ކަމަށާއި، މިކަން މިގޮތަށް ކުރަށްވާފައި އެކްޓިވްވިސްޓުން ލައްވާ ދަރަނީގެ ވާހަކަ ދައްކާއިރު، ގުދޯގުދޯ ގޮވަންވެސް ވަކި ހައްދެއް އޮންނަށްވާނެ ކަމަށް މެންބަރު ޝާހިދު ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކުރޭސަރުކާރުގެދަރަނި މިސަރުކާރަކުންނުދައްކަ ކޮންދޮގެންހަދާކަން މިސަރުކާރުންބަލަނީ ހަެްތާވެސްދަރަނިބޮޑުކުރެވޭތޮ މިހާދަރަނިބޮޑުސަރުކާރެށް އަދިނާދެ ގުދާގުދާ ގޮވަނީވެސް ތީޗެހިން

  2. ވަރަށްބޮޑު ތެދެއްމީ. ތަފާތު ސަބަބުތަކާހެދި ތެދުގަބޫލު ކުރަން ބޭނުންނުވިޔަސް ވިސްނާލީމަ ކޮންމެ މީހަކަށްވެސް އެގޭނެ.

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި