ހއ. ކެލާ ޝެއިޚް އިބްރާހިމް ސްކޫލްގައި މިއަަހަރުގެ ސަޤާފީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފިއެވެ.
އެގޮތުން ސަގާފީ އެކި ކުޅިވަރުތައް ހިމަނައިގެން "މަތާރަން ފިލާ ސަގާފީ ހަވީރު"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަވީރު، މިއަދު ހަވީރު 16:00 އިން ފެށިގެން 17:40 އާ ހަމައަށް އެރަށު ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މިވަގުތު ކެލާ ސްކޫލާއި ހަވާލުވެ ހުންނެވި މުޙައްމަދު ޝިފާއު ވިދާޅުވީ މި ހަރަކާތްތަކުގައި އެލްކޭޖީ ދަރިވަރުން އިން ފެށިގެން ގްރޭޑް 10 ގެ ދަރިވަރުންނާއި ހަމައަށް ބައިވެރިވެފައިވާ ކަމަށެވެ.
ދަރިވަރުންނާއި އެކު ބައެއް ކުޅިވަރު ތަކުގައި ބެލެނިވެރިންގެ އިތުރުން ޓީޗަރުންވެސް ބައިވެރި ވެފައިވާކަން އެސްކޫލްއިން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ކުޑަކުދިން ދައްކާލާފައިވާ ހަރަކާތަކީ ކުރީ ޒަމާނުގައި ގޭތެރޭގައި ހިފާ ގެންގުޅުނު އާސާރީ ތަކެތި ދައްކާލުމުގެ ގޮތުން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. އެގޮތުން އެ ހަރަކާތުގައި އިހު ޒަމާނުގައި އެއްޗެހި މިނެކިރުމަށް ގެންގުޅޭ އާލާތްތަކުގެ އިތުރުން ބައެއް މަސައްކަތްތައް ކުރުމަށް ގެންގުޅޭ ސާމާނުތައް ދައްކާލަފައިވެއެވެ.
މީގެ އިތުރުން މަތީ ގްރޭޑް ތަކުގެ ދަރިވަރުން ވަނީ ކާބަފައިންގެ ދުވަސްވަރު ދިރިއުޅުމަށް ކޮށް އުޅުނު ބައެއް މަސައްކަތްތައް ދައްކާލާފައެވެ. އޭގެ ތެރޭގައި "ކަންޏަށް އަރައިގެން" މަސްބާނާ ގޮތާއި ބޮޑުކީސް ބޭނުން ކޮށްގެން ރުއް އެއްޗެހި ފަޅާ އުޅުނު ގޮތް ދައްކާލަފައިވާނެ ކަމަށް އެސްކޫލްއިން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ރުކަށް އަރާ ރާ ކުރާނެ ގޮތާއި ދިޔާ ހަކުރު ހަދާނެ ގޮތާއި ކަނޑޫ ކަހާއި ކެއުމަށް ތައްޔާރު ކުރާނެ ގޮތުގެ އިތުރަށް އޮޑި ދޯނި ފަހަރު އެހެލާ އުޅޭ ގޮތްތައް ވެސް މި ހަރަކާތްތަކުގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން:
- ގާތެޅުން
- ހަނނުލުން
- ބިންބި ތެޅުން
- ރޯނުވެށުން
- ކޭން ގެންދިއުން
- ތޮށަލިވިއުން
މިފަދަ މަސައްކަތްތައް ކުރާނެ ގޮތްތައްވެސް ވަނީ ދައްކާލަފައެވެ.
ކޮންމެ ގްރޭޑް އަކަށް ވަކި ސްޓޯލެއް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ އިތުރުން ސަޤާފީ އެކި ކުޅިވަރުތައްވެސް ކުރިއަށް ގެންގޮސްފައިި ވާކަން އެ ސްކޫލްއިން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ތިންހަމަ
- ފަސްއޮށް
- ކޮރާ ކުޅުން(ޓައިމް ކުޅުން)
- ކައްލިކުޅުން
އެ ސްކޫލްއިން ވިދާޅުވެފައިވާ ގޮތުގައި މިފަދަ ހަރާކާތްތަކެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ކުރީ ޒަމާނުގައި ގެންގުޅުނު ތަކެއްޗާއި ކޮށް އުޅުނު މަސައްކަތްތަކާއި ކުޅިވަރުތައް މިއަދާ ހަމައަށް އައިސްފައިވާ ގޮތް މިޖީލުގެ ކުދިންނަށް ދައްކުވައި ދިނުމާއި އެޒަމާނުގައި ވެސް އެކި މަސްއަކަތްތަކުގައި ފަންނުވެރި ބޭފުޅުން އުޅުއްވި ކަން ކުދިންނަށް އަންގައިދިނުން ކަމަށެވެ. އަދި އޭރުގެ ރިވެތި އާދަކާދަތައް އަދުގެ ދަރިންގެ ކިބައިގައި ހަރުލެއްވުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭތީކަމަށް އެ ސްކޫލްއިން ވިދާޅުވެފައި ވެއެވެ.
މި ހަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލުމަށް ސްކޫލްގެ ސްޓާފުންނާއި ބެލެނިވެރިންގެ އިތުރަށް ދަރިވަރުން ކޮށްފައިވާ މަސައްކަތް ފާހަގަ ކޮށް އެ ސްކޫލްގެ ފަރާތުން ވަނީ އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!