ހދ. ވައިކަރަދޫގައި ސަރުކާރުން ތަރައްޤީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
މި ޖިމް ހުޅުއްވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.
ނައިބު ރައީސް ބޮޑުތިލަދުންމަތީގެ 4 ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތިންވަނަ މަންޒިލެއްގެ ގޮތުގައި މިއަދު ވައިކަރަދޫއަށް ޒިޔާރަތްކުރަށްވާފައިވާއިރު، ވައިކަރަދޫ އައުޓްޑޯ ޖިމް ހުޅުއްވައި ދެއްވުމުގެ އިތުރުން އެރަށުގެ ބައެއް މުއައްސަސާތަކަށް ވެސް ވަނީ ޒިޔާރަތް ކުރަށްވާފައެވެ.
މިގޮތުން ވައިކަރަދޫ ސިއްހީ މަރުކަޒަށާއި، ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު ސްކޫލަށް ވެސް ވަނީ ޒިޔާރަތް ކުރަށްވައި އެތަންތަނުގެ ހާލަތު ބައްލަވާ ލައްވާފައެވެ.
މީގެއިތުރުން ނައިބު ރައީސް ފައިޞަލް ވަނީ ވައިކަރަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، ސިއްހީ މަރުކަޒާއި އަދި އަތޮޅު މަދަރުސާގެ އިސްވެރިންނާ ވެސް ބައްދަލު ކުރަށްވާފަ އެވެ.
ވައިކަރަދޫއަށްފަހު ނައިބު ރައީސް ވަޑައިގަތީ ކުޅުދުއްފުށީ ސިޓީއަށެވެ.
އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!