2022 ވަނަ އަހަރުގެ ނިޔަލަށް ހދ. ނޭކުރެންދޫ ޖަލު އަޅާ ނިމޭނެ ކަމުގެ ޔަގީންކަން، މިނިސްޓަރ އޮފް ހޯމްއެފެއާޒް ސެއިޚް އިމްރާން ޢަބުދުﷲ ދެއްވައިފިކަމަށް ނޭކުރެންދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ނޭކުރެންދޫ ކައުންސިލުން މިހާރު ގެންދަވަނީ އެރަށުގައި ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކާއި، އަދި އިތުރަށް ބޭނުންވާ ކަންކަމާގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރުމަށް ވެރިރަށް މާލެއަށް ދަތުރެއް ކުރަމުންނެވެ. މި ދަތުރުގައި އެ ކައުންސިލުން އިއްޔެ ވަނީ ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲއާއި ބައްދަލު ކުރަށްވާފައެވެ.
ހޯމް މިނިސްޓަރު އިމްރާނާއި ބައްދަލުކުރެއްވި ޓީމްގައި ހިމެނިވަޑައިގަންނަވަނީ، މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ އާއި، އެމްޑީޕީ މަކުނުދޫ ދާއިރާގެ ރައީސް އަހްމަދު މައުސޫމާއި، ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ ސިރާޖާއިގެ އިތުރުން ކައުންސިލް މެންބަރު މުޙައްމަދު ޒާހިރު އެވެ.
"ނޭކުރެންދޫގައި އަޅާ ޖަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭގޮތުން ހޯމް އެފެއާރޒް ގެ މިނިސްޓަރ ޝެއިހް އިމްރާން އަބްދުއްﷲ އާއި ބައްދަލުކުރުމުން 2022ގެ ނިޔަލަށް ޖަލު އަޅާ ނިންމަވާނޭކަމުގެ ޔަޤީންކަން ވަނީ ދެއްވާފަ" ނޭކުރެންދޫ ކައުންސިލުން ވިދާޅުވިއެވެ.
ނޭކުރެންދޫ ޖަލުގެ މަޝްރޫޢުއަކީ ނޭކުރެންދޫ ރައްޔިތުން ކުރަމުންދާ ދިގު އިންތިޒާރެކެވެ. ނޭކުރެންދޫގައި ޖަލެއް އަޅުއްވައިދެއްވާނޭ ކަމަށް ފުރަތަމަ ވަޢުދުވީ 2011 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ޕާޓީ (އެމްޑީޕީ) ގެ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދަވައި ދެއްވުމަށް ނޭކުރެންދުއަށް ކުރެއްވި ޒިޔާރަތުގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝީދެވެ.
ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވުމާއި ގުޅޭގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޖޫން މަހުގެ 24 ވަނަ ދުވަހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، މިޖަލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެއްކަމަށާއި ބަޖެޓް ތަންދިން މިންވަރަކުން މަސައްކަތް މިއަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދާނެކަމަށެވެ.
މެންބަރު ރާޢީ ވަނީ މި މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތެއް ކުރަށްވާފައެވެ. އަދި އޭނާ އިންތިޚާބުވެވަޑައިގެންފަހުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް މަޝްރޫޢުއަކަށް އެކަން ހައްދަވައި، ކެނޑިނޭޅި ގެންދަވަނީ އެ މަޝްރޫޢުގައި ހަގީގީކުލަޖެއްސުމަށް ވަކާލާތުކުރަށްވަމުންނެވެ.
ނޭކުރެންދޫގައި އަޅާ ޖަލު ހަދާ ސަރަހައްދުގެ އި.އައި.އޭ (އެންވަޔަރަމަންޓް އިންޕެކްޓް އެސެސްމަންޓް) ރިޕޯރޓާ، އެސް. އައި.އޭ (ސޯޝަލް އިންޕެކްޓް އެސެސްމެންޓް) ހައްދަވައިދެއްވާނޭ ފަރާތެއް ހޯދަން ހޯމް މިނިސްޓްރީން މިހާރު ވަނީ ތިން ފަހަރެއްމަތިން ޢިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!