ރާއްޖޭގައި 101 ދައުރެއްގައި 90 ބޭފުޅުން ވެރިކަންކުރަށްވައިފި، މައްސަލަތައް ހުރީ ހުރިގޮތަށް: ސައްލެ

MP Ahmed Saleem, Salle

ރާއްޖޭގައި މިހާތަނަށް 101 ދައުރެއްގައި 90 ބޭފުޅުން ވެރިކަންކުރަށްވައިފި ކަމަށާއި، ނަމަވެސް ގައުމުގައި މައްސަލަތައް ހުރީ ހުރިގޮތަށް ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ސައްލޭ ވަނީ 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅިގެން ދަނީ ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު ލޮޅުމެއް އެރި ދަނޑިވަޅުގައިކަން ފާހަގަ ކުރަށްވާފައެވެ. މިގޮތުން 2020 ވަނަ އަހަރުގެ 9 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ޖީ.ޑީ.ޕީ 33 އިންސައްތަ ދަށަށް ދިޔަކަމާއި، ލިބެންޖެހޭ އާމްދަނީ ވެސް 35 އިންސައްތަ ދަށަށް ދިޔަކަން ހިސާބުތަކުން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

ސައްލެ ވިދާޅުވީ، އެއްވެސް ގައުމެއްގެ ބަޖެޓް ހަދާއިރު އާލަމީ ވަބާއެއް އަންނާނެ ކަމަށް ބަލާނެ ކަމަށް ހިތްނުބުނާކަމަށާއި، އެހެންނަމަވެސް ކަންވީގޮތަކީ ކުރިން އަންދާޒާވެސް، ލަފައެއްވެސް ކޮށްލެވިފައިނުވާ ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހުނީކަމަށެވެ.

ޚަރަދަށް ބަލާނަމަ 1 މިލިއަން ރުފިޔާގެ ބޮނޑި ބަނދެފިނަމަ 4000 ބޮނޑި ކޯވިޑްގެ ތެރޭގައި ސަރުކާރުން ޚަރަދުކޮށްފިކަމަށާއި، އެއީ ބަޖެޓް ކޮށްފައި އޮތްކަމެއް ނޫންކަމަށާއި، އަދި ކުރިން އެއްވެސް ސަރުކާރަކަށް ކުރިމަތިލާންޖެހުނު ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގައި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކަމަށާއި، ދަރަނި ނަގައިގެން ވިޔަސް ސަރުކާރުން ނިންމީ ރައްޔިތުންނަށް ދަތިވިޔަނުދީ ޚިދުމަތްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

ބަހުސް ކުރިއަށް ގެންދަވަމުން ސައްލެ ވަނީ ތަޅުމުގައި އިދިކޮޅު މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާ ވެސް ވާހަކަ ދައްކަވާފައެވެ. މިގޮތުން އެ މެންބަރުންގެ ވާހަކަފުޅުތަކުން އޭނާއަށް ވިސްނިވަޑައިގަންނަވަނީ މިއީ މުޅިން އަލަށް އާބާދުވި ޤައުމެއްގެ ގޮތުގައި ކަމަށް ސައްލެ ވިދާޅުވިއެވެ.

"މުޅިން އަލަށް ފާޚަނާކުރަން ފެށި ބައެއްގެ ގޮތުގައި. މުޅިން އަލަށް މިސްކިތަށް ނަމާދަށް ދާން ފެށި ބައެއްގެ ގޮތުގައި. އެހެނެއް ނޫން، 2000 އަހަރު ވީ ޤައުމެއް. ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖެ އިސްލާމްވިތާ 868 އަހަރު ވެއްޖެ. މިއަދު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ވަގުތީ މިސްކިތުގައި ނަމާދުކުރެއޭ ބުނުމުން އެއީ އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވާނެ" ސައްލެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ގައިބޮލުން ތާހިރުވުމަށް ނަޖިސް ފެން ބޭނުންކުރެއޭ ބުނުން އެއީ، އަޑުއަހަން ފަސޭހަ ވާހަކައަކަށް ނުވާނެކަމަށާއި، އަދި ބަލިމީހާ ޑޮކްޓަރަށް ގެންދަނީ ވީލް ބަރޯގައި ކަމަށް ވަންޏާ އެއީ ބަލަން ފަސޭހަ މަންޒަރަކަށް ނުވާނެ ކަމަށެވެ.

"1954 ވަނަ އަހަރުން ފެށިގެން މި މަޖިލީހަށް ބަޖެޓު ހުށަހަޅަން ފަށައިފި. އިއްޒަތްތެރި ރައީސްގެ ރާއްޖޭގައި 101 ދައުރެއްގައި 90 ބޭފުޅުން ވެރިކަންކުރައްވައިފި. އެކަމަކު މައްސަލަތައް ހުރި ގޮތަށް އެ ހުރީ. އެ ހުރިހާ ކަމެއް ލިސްޓު ހައްދަވައިގެން ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑުމެންގެ އިހުމާލު މީގައި ކީއްވެބާވައޭ އަޅުގަނޑު ހިތަށްއަރަނީ ފާހަގަކުރެވިގެންނުދަނީ؟" ސައްލެ ވިދާޅުވިއެވެ.

ލޯނުނެގުމާއި ދަރަނި ނަގައިގެން ކަންކަން ކުރުމަކީ ގަބޫލު ކުރާ ގޮތުގައި ކުރުން ރަނގަޅު ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް، ޙަޤީޤަތަކީ 2012 އިން ފެށިގެން މިއަދާ ހަމައަށް މަޖިލީހަށް އަރަނި ބަޖެޓެއް ހުށަހަޅާފައި ނުވާކަމަށް ސައްލެ ވިދާޅުވިއެވެ. އަދި ބެލެންސް ބަޖެޓެއް ވެސް ހުށަހަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ، ކޮވިޑުގެ މި ދަތިއުނދަގޫ މި ހާލަތުގައި ދަރަނި ނަގައިގެން އަޅުގަނޑުމެން ކަންކަން ކުރަން ބަޖެޓު ހުށަހެޅުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ހައިރާންވާންޖެހޭ ކަމެއް ނޫން. ވޭތުވެދިޔަ ސަރުކާރު ހިނގަމުންދިޔައީ ދުނިޔޭގެ އިޤުތިޞާދު ރަނގަޅު ދުވަސްވަރެއްގައި، ތެލުގެ އަގު ހެޔޮ ދުވަސްވަރެއްގައި، ދުނިޔެ މިދެކޭ ފަދަ މުސީބާތެއް އިރާދަކުރައްވައިގެން އެ 5 އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިފައެއް ނެތް. އެހެންނަމަވެސް، ކަންކަން ކުރަމުންދިޔައީ ބޮޑެތި ލޯނުނަގައިގެން. އެ ލޯނު އެއްސަމުންދިޔައީ ކޮން ތަންތަނަކަށްތޯ؟ މާލެ ސަރަޙައްދަށް، ހުޅުމާލެ ހިއްކަން، ވެލާނާ އިންޓަރނޭޝަނަލް ބޮޑުކުރަން، އައި.ޖީ.އެމް.އެޗް އިންވެގެން އިތުރު ހޮސްޕިޓަލެއް އަޅަން، މާލޭގެ ރިންގް ރޯޑް ހަދަން. މާލެ ސަރަޙައްދު ތަރައްޤީކުރުމުގެ
ވިސްނުމުގައި ކުރި ކަންކަމުން މާލެ ރައްޔިތުންނަށްވީ ކޮން ފައިދާއެއްތޯ؟ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބުނުތޯ؟ މާލޭގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުވެގެންދިޔަތޯ؟" ސައްލޭ ވިދާޅުވިއެވެ.

ސައްލޭ ވިދާޅުވީ ކުރީ ސަރުކާރުން ލޯނު ނަގައިގެން ކުރި ކަންކަމަކީ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރަން ކުރި ކަންކަނމް ނޫންކަމަށެވެ. އަދި އެކަމުގައި ފޮރުވިފައިވާ ސިއްރަކީ ރަށްތައް ފަޅުކުރުން ކަމަށާއި، ރަށްފުށުގެ މީހުން މާލެއަށް ޝައުގުވެރިކޮށް، މާލެ ތޮއްޖެއްސުން ކަމަށެވެ.

ސައްލޭ ވަނީ 2016 ވަނަ އަހަރު ނެރުނު އެމްއެމްޕީއާރުސީގެ ޚާއްޞަ ރިޕޯޓުން މި ސަރުކާރުން ލޯނު ނަގަން ޖެހުނު ސަބަބު ސާފުވާކަމަށް ވެސް ވިދާޅުވެފައެވެ. ރާއްޖޭގެ މާލިއްޔަތުގައި ހުންނަންޖެހޭ 1.2 ބިލިއަން ރުފިޔާ މާލިއްޔަތުގައި ނެތްކަން އެ ރިޕޯޓުން ފެންނަކަމަށާއި، އޭގެ ނަތީޖާއަކީ އެ ސަރުކާރުން ވެސް ކަންކަން ކުރަންޖެހުނީ ލޯނު ނަގައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި