އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ދައުލަތުގެ ބަޖެޓުން ފެނިގެން ދަނީ މި ސަރުކާރުގެ ހިތްވަރާއި، ބުންވަރުކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ، ބަޖެޓް ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ބަޖެޓް ފޮތުގެ ބަނޑޭރި ގަނޑުގައި ހުރި ލިޔުމާއި، ތަސްވީރުތަކާއި ބަޖެޓްގައި ހުރި އެއްޗަކާ ގުޅިލާމެހިފައިވާތަން ފެނިގެން ދިޔަ ކަމަށެވެ. ބެޖެޓް ފޮތުގެ ބޭރުގަނޑުގައި އޮތް ބަހުރުވާއި، ކުރެހުންތަކާއި، ތަސްވީރުތައް ބަޖެޓްގައި ލިޔެވިފައިހުރި އެއްޗެއްސާ ވަރަށް ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

2019 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ނާޒުކު އުނދަގޫ، ބަލިމަޑުކަމުގެ ހާލަތުގައި، އަދި އެ ބަލިމަޑުކަމާއެކު މުޅި ދުނިޔެއަށް ކުރިމަތިވި އިޤުތިސާދީ ހީނަރުކަމުގެ ހާލަތުގައި ވެސް ދިވެހި ސަރުކާރުން ހިތްވަރުކޮށްފައި، ދިވެހި ރައްޔިތުންގެ އުއްމީދުތަކުގައި، ޚާއްޞަކޮށް ތަރައްޤީގެ އުންމީދުތަކުގައި ޙަޤީޤީ ކުލަޖައްސައިދިނުމުގެ ނިޔަތް އޮތްކަން ބަޖެޓުން ސާފުކޮށް ފެންނަން އޮތް ކަމަށް ރިޟާ ވިދާޅުވިއެވެ.

"އެ ނިޔަތް އޮތްކަން ބަޖެޓު ފޮތުގެ އެތެރޭގައި ހުރި ގަނޑުތަކުން ވަރަށް ތަފުސީލުކޮށް ސާފުވާން އެބައޮތް، 36 ބިލިއަނަށްވުރެ ބޮޑު ބަޖެޓެއް ކުރިއަށް އޮތް 2022 ވަނަ އަހަރަށް ހުށަހަޅުން ކެރުނީމާ އަޅުގަނޑު ދަންނަވާނީ، ސަރުކާރުގެ ހިތްވަރު ހުރިކަން، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި، އެންމެ ކުޑަމިނުން އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި، ރައްޔިތުންގެ ތަރައްޤީގެ އުއްމީދުތަކުގެ ޙަޤީޤީ ކުލަޖައްސައިދިނުމުގައި މި ސަރުކާރުގެ ހިތްވަރު އެބު ހުރިކަން ފެނިގެންދޭ" ރިޟާ ވިދާޅުވިއެވެ.

ރިޟާ ވިދާޅުވީ، ދުނިޔެއަށް ދިމާވި މި ދަތި ޙާލަތާއި އެކުގައި، މުޅި ދުނިޔޭގެ މާލީ ހާލަތާއި، މާލީ ނިޒާމު ދިޔައީ ފުނޑެމުން ކަމަށާއި، ޚާއްޞަކޮށް ދިވެހިރާއްޖެއަކީ، ޤައުމުގެ އިޤްތިޞާދުގެ 99 އިންސައްތަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު، މުޅި ފަތުރުވެރިކަން އެކީގައި ހުއްޓިގެންދިޔުމުގެ ސަބަބުން ދިވެހި ދަޢުލަތަށް ލިބޭ އާމްދަނީ އެކީއެކައްޗަކަށްހެން ހުއްޓިގެންދިޔަ ކަމަށެވެ.

އަދި ޙަޤީޤަތަކީ، އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއާއި މިއަދު މި ދަނީ ކުރިއަށް އޮތް އަހަރަށް އަދި މި އަހަރުގެ ބާކީ އޮތް ބަޔާއެކީގައި ފަތުރުވެރިކަން އަލުން އާރާސްތުވެ، ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު އިތުރުވެ، ދައުލަތުގެ މާލިއްޔަތަށް ދިރުން ލިބޭނެކަމުގެ އުންމީދު އާވެގެން ކަމަށް ރިޟާ ވިދާޅުވިއެވެ.

"ކޯވިޑުގެ މި ދަތިއުނދަގޫ ހާލަތުގައި ވެސް ސަރުކާރުން އިސްކުރީ ޙިކުމަތްތެރިކަމާ އެކީގައި، ކެތްތެރިކަމާއެކީގައި، އިޚުލާޞްތެރިކަމާއެކީ ދިވެހި
ރައްޔިތުންނަށް ޚިދުމަތްކުރުން، ދިވެހި ރައްޔިތުން ބަނޑަށްޖެހުނަނުދީ، މަގުމަތިވިޔަނުދީ، އަދި ޚާއްޞަކޮށް ދިވެހިރާއްޖޭގެ ރަށްތަކުގެ ކުރަމުންދިޔަ މަސައްކަތް ހުއްޓުނަނުދީ، މަސައްކަތްތައް، ތަރައްޤީގެ ޕްރޮޖެކްޓުތައް އެއްވެސް ޕްރޮޖެކްޓެއް ހުއްޓުނަނުދީ ލާރި ލިބެން އޮތް ގޮތަކަށް، ފައިސާ ލިބެން އޮތް ގޮތަކުން ހޯދައިގެން ވެސް ހިތްވަރުކޮށްފައި މިއަދަށްޓަކައި، މާދަމާއަށް ޓަކައި ސަރުކާރުން އުއްމީދުކުރާތީވެ، އެ ހާލަތުން ރައްޔިތުން ސަލާމަތްކޮށްދިނުމުގެ އިޚުލާޞްތެރި ނިޔަތުގައި ސަރުކާރުން ކުރި މަސައްކަތް." ރިޟާ ވިދާޅުވިއެވެ.

ކުރީ ސަރުކާރުކާރުން ކުޑަކަމެއް ކޮށްލެވުނަސް ކަންކުރި ގޮތްކަމަށް ވިދާޅުވަމުން، މި ސަރުކާރުން މަޝްރޫޢުއެއް ހިންގިޔަސް ކަންކުރަމުންދާ ގޮތްކަމަ އޭނާ ވިދާޅުވެދެއްވީ ކުޅުޅަކާއި، ވެލައެއްގެ މިސާލު ނަންގަވަމުންނެވެ.

"ކުކުޅެއް ބިހެއް އަޅާފައި ދަންޏާ މުޅި ރަށުގެ ރައްޔިތުންނަށް އެނގިލާވަރު ކޮށްލާފައި ދާނީ، ވަރަށް އަޑުގަދަވާނެ، އެކަމަކު ވެލައެއް ހާހުން، ދެ ހާހުން ބިސްއަޅާފައި ދިޔަޔަސް، ހަމަ ކުކުރާވެސް ނުލާ" ރިޟާ ވިދާޅުވިއެވެ.

މި މިސާލު ތިލަކޮށްލައްވަމުން އޭނާ ވިދާޅުވީ، ނިމުނު ސަރުކާރުން ކުޑަކުޑަ ކަމެއްކޮށްލާފައި ވެސް މުޅި ޤައުމުގެ އެއްކޮޅުން އަނެއްކޮޅަށް ހަވާ އަރުވައި، އެއް އަހަރު ވަންދެން ބެރުދުންމާރި ތާލަފިޅި ފުމޭކަމަށާއި، އެހެން ހެދުމުން އެ ކުރެވުނީ ވަރަށް ބޮޑުކަމެއް ގޮތުގައި ފެންނަކަމަށާއި، ނުވަތަ ދައްކުވާ ކަމަށެވެ. މި ބޭނުގައި ފޮޓޯއާއި މަންޒަރުތައް ދައްކާފައިވާކަމަށާއި، ނަމަވެސް މި ސަރުކާރަކީ ބަސްމަދު، ޢަމަލު ގިނަ ސަރުކާރެއްކަމަށް މިއަދު ރައްޔިތުން ބުނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޙަޤީޤަތަކީ، ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީގެ ހިތަދޫއާއި ދޭތެރޭގައި މީހުން ދިރިއުޅޭ އެންމެ ރަށެއް ވެސް، ހަމަ އެންމެ ރަށެއް ވެސް މިއަދު ނެތޭ މި ކޯވިޑުގެ ދަތި ޙާލަތުގައި ވެސް ފަތިސް ނަމާދުން ފައިބާއިރު ހައިމާކު ދަތްގަނޑު ހިލަތައް މަތީގައި، ގޮނޑުދޮށްތައް މަތީގައި، މަގުތައް މަތީގައި ހައިމާކު މަސައްކަތްކުރާ އަޑު ނީވޭ ހަމަ އެންމެ ރަށެއް ވެސް ނެތޭ" ރިޟާ ވިދާޅުވިއެވެ.

އޭގެ މާނައަކީ، ތަރައްގީގެ މަޝްރޫޢުތައް މިއިން ޒަމާނަކު ނުހިންގާވަރަށް، މި ދަތިކަމުގެ ތެރޭގައި ވެސް މި ސަރުކާރުން ދަނީ ހިންގަމުންކަމަށާއި، އެއީ މި ސަރުކާރުގެ ހިތްވަރާއި، އިޚްލާޞްތެރިކަންކަމަށް ރިޟާ ވިދާޅުވިއެވެ.

އެއީ ބަޖެޓު ފޮތުގެ ބޭރުގައި ލިޔެފައި އޮތް "ފާގަތި ދިރިއުޅުމަކަށް" މި ސަރުކާރުން ކުރާ އުއްމީދުކަމަށާއި، ޚާއްޞަކޮށް އެމްޑީޕީން ކުރާ އުއްމީދުކަމަށާއި، އަދި އެއީ ރިޔާސީ އިންތިޚާބުގެ ވަޢުދުތައް ފުއްދުމަށާއި، އެޖެންޑާ 19ގެ ވަޢުދުތައް ފުއްދުމަށް ކުރާ އުއްމީދާއި މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހިތްވަރު ބަޖެޓް ފޮތުގެ ބޭރުގަޑުންނާއި އެތެރޭގެ ހުރި ގިނަ ސަފުހާތަކުން ރީތިކޮށް ސާފުކޮށް ފެންނަން ހުރިކަމަށް ވެސް ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ޢަލީ ރިޟާ ވަނީ މަޖިލިސްގައި އޭނާ ތަމްސީލް ކުރަށްވާ މިލަންދޫ ދާއިރާއަށް އަންނަ އަހަރު ބަޖެޓުން ޖާގަދީފައިވާ ކަންކަމަށް އަލިއަޅުވާލަށްވާ ވެސް ވާހަކަ ދައްކަވާފައެވެ. ތަރައްގީގެ ކަންކަމަކީ ނިމޭނެ ކަމެއް ނޫންކަމަށާއި، އަބަދުވެސް ކަންކަން ކުރަންވެފައި ހުންނަކަން ފާހަގަ ކުރަށްވަމުން ރިޟާ ވިދާޅުވީ، މިލަންދޫ ދާއިރާއަކީ ވޭތުވި 2 ދައުރު މާބޮޑު އަހަމިއްޔަތުކަމެއް ލިބިފައިވާ ދާއިރާއެއް ނޫންނަމަވެސް މި ސަރުކާރާއެކު ގިނަ މަސައްކަތެއް އެ ދާއިރާގެ ރަށްތަކުގައި ކުރެވެމުންދާކަމަށެވެ.