ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭގެ މައްޗަށް ބަންގްލަދޭޝް ކުރި ހޯދައިފިއެވެ.
ބަންގްލަދޭޝް މިއަދުގެ މެޗް ކާޔާބުކުރީ މެޗު ނިމެންދަނިކޮށް މެޗްގެ 86 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، 2-1 ލަނޑުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިއީ ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރެވެ. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ބަންގުލަދޭޝްއިން ރާއްޖެ ބަލިކުރި ފަހުން އެގައުމަށް މިހާތަނަށް ރާއްޖެ ބަލިކުރެވިފައެއް ނުވެއެވެ.
ފުރަތަމަ މި މެޗްގެ ލީޑްނެގީ ބަންގްލަދޭޝްއިންނެވެ. މިގޮތުން މެޗްގެ 12 މިނިޓްގައި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ވަނީ އެ ޓީމެއް ގޯލެއް ކާމިޔާބުކޮށްދީފައެވެ. މެޗްގެ ނަތީޖާ ހަމަހަމަކޮށް ދިވެހިންގެ ހާސްކަމަށް ލުޔެއް ގެނެސްދިނީ މެޗުގެ 32 ވަނަ މިނިޓްގައި މުހައްމަދު އުމެއިރު ބަންގްލަދޭޝްގެ ގޯލަށް ވައްދާލި ބޯޅައިންނެވެ.
މެޗްގެ ނަތީޖާ ހަމަހަމަކޮށް ނިމެންދަނިކޮށް، ބަންގްލަދޭޝްގެ ކޮޅަށް މެޗް ބުރަވި ޕެނަލްޓީ އެ ޓީމަށް ލިބުނީ ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އަތުން ގެއްލުނު ބޯޅައެއް ހޯދައި ބަންގްލަދޭޝް އިން ކައުންޓަ އެޓޭކެއްގައި ކުރިއަށް ޖެހިލި ބޯޅައެއްގައި ރާއްޖޭގެ ކީޕަރު އަލީ ނާޖިހު (ނާޖީ) ކުރި ފައުލަކާއި ގުޅިގެންނެވެ.
އެ ޕެނަލްޓީން ބަންގްލަދޭޝްގެ އިތުބާރު ޑިފެންޑަރު ޓޯޕޫ ބަރްމަން ވަނީ ކާމިޔާބުކޮށް، ރާއްޖޭގެ 18 އަހަރުވީ ރެކޯޑް ނިމުމަކަށް ގެނެސްފައެވެ.
މި މުބާރާތުގެ ފުރަމަ މެޗްގައި ރާއްޖެ ވަނީ ލަންކާއާއި އެއްވަރު ވެފައެވެ. އެ މެޗުގައި ރާއްޖެ 4 ލަނޑު ޖަހައި، ބޮޑު ލީޑެއްގައި އޮއްވައި ލަންކާއިން ވަނީ ފަހަތުން އަރައި 4 ލަނޑުޖަހައި މެޗް ހަހަމަކޮށްފައެވެ.
މިއަދުގެ ނަތީޖާއާއިއެކު މި މުބާރާތުގެ ފައިނަލް ދިޔުމުގެ އަމިއްލަ ބާރު ރާއްޖެއަށް ވަނީ ހަނިވެފައެވެ. ރާއްޖެއަށް ދެން ފައިނަލުން ޖާގައެއް ލިބޭނީ ފަހު މެޗުގައި ސީޝެލްސް އަތުން ބޮޑު ތަފާތަކުން މޮޅުވެ، ބަންގްލަދޭޝް އާއި ލަންކާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. ނަމަވެސް މިރޭ ލަންކާ އިން ސީޝެލްސް ބަލިކޮށްފިނަމަ ފަހު މެޗުގައި ބަންގްލަދޭޝް އާއި ލަންކާ އެއްވަރުކޮށްލައިގެން އެ ދެ ޓީމަށް ފައިނަލް ކުޅެވޭނެ އެވެ.
ރާއްޖެއިން ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ދެކޮޅަށް ނުކުންނާނީ އަންގާރު ދުވަހު ހަވީރު 3:30 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!