އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރައްޔިތުންނަށް އިޖުތިމާއީ ރައްކާތެރިކަމާއި، އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުކޮށް، އުމްރާނީ ތަރައްގީ ގެނެސްދޭނެ ބަޖެޓެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝިފާޢު ވިދާޅުވީ، 2022ވަނަ އަހަރުގެ ބަޖެޓަކީ މިއީ، ހާސްކަންމަތީގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނަށް، ދިވެހި ޒުވާނުންނަށް، ދިވެހި ޖިންސުންލަޠީފުންނަށް އުއްމީދާއި، އާރޯކަމާއި ކުރިއެރުމުގެ މަގު ވަރަށް ބޮޑަށް ފަހިވެ، ކޮށިގެންދާ ބަޖެޓެއް ކަމަށެވެ.

Ad
rt

ބަޖެޓަށް ތާއީދު ކުރަށްވާ ދެއްކެވި ވާހަކާގައި އެ ބަޖެޓަކީ ރައްޔިތުމީހާގެ ބަޖެޓްކަމަށް ޝިފާޢު ސިފަކުރެއްވި ސަބަބުތައް އޭނާ ވަނީ ވަރަށް ތިލަކޮށް ތަފްސީލްކޮށް ދެއްވާފައެވެ.

މިގޮތުން 2022 ވަނަ އަހަރުގެ ބަޖެޓު އަންނައިރުގައި ދިވެހި އެތައް ޖިންސުންލަޠީފުންނެއް ތިބީ ދިރިއުޅުމަކާ ދިމާއަށް ދާނެ މިސްރާބެއް، މަގެއް ނުފެނިފައިކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް، މި 2022 ވަނަ އަހަރުގެ ބަޖެޓުގެ ސަބަބުން ކައުންސިލު އިދާރާގައި ވަޒީފާ އަދާކުރަމުންދާ އަންހެން ކަނބަލާއި، ރިސޯޓުގައި ވަޒީފާ އަދާކުރަމުންދާ ފިރިހެން ބޭފުޅާ ވެސް ޒަވާޖީ ހަޔާތަކާ ދިމާއަށް ދިޔުމުގެ އުއްމީދު ވަރަށް އާވެގެން އެބަދޭ. މިނިމަމް ވޭޖްގެ ސަބަބުން ކައުންސިލު އިދާރާގައި ވަޒީފާ އަދާކުރާ އަންހެން ކަނބަލުގެ މުސާރަ ބޮޑުވެގެންދާނެކަމުގެ ޔަގީންކަމާއި، ރިސޯޓުން ލިބޭ އެއްޗެއް އިތުރުވާނެކަމުގެ ޔަގީންކަން އޮތުމުން، ކައިވެންޏަކާ ދިމާއަށް ދިޔުމަށް މިހާރު އެ ތިބީ މިސްރާބުޖަހާފައި" ޝިފާޢު ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ބަޖެޓުން ފެންނަނީ، ރާއްޖޭގެ އެކި ރަށްރަށުގައި ބިމުގެ ޖާގައަށް ކުރިމަތިވެފައި އޮތް ދަތިކަމަށް ޙައްލެއް ހޯދައިދިނުމަށް ޓަކައި ބަޖެޓުކުރެވި، އަމިއްލަ ރަށުގެ ބިން ހިއްކުމަށް ބަޖެޓް ކުރެވިފައިވާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކިން ޚާއްޞަކޮށް، ރާއްޖެތެރޭގެ ރަށްރަށުގެ ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ މި ބަޖެޓުން ބަޖެޓުކޮށްފައި އޮތުމުން ރަށުގައި ބިން ހިއްކައި، އެ ތަނުން ހައުސިންގ ޔުނިޓު ލިބި، ދިރިއުޅުމެއް އާރާސްތުކުރުމުގެ ދަތިކަމެއް ނެތި، އުފާވެރިކަމާ އެއްކޮށް އުޅެވޭނެކަމުގެ ޔަގީންކަންލިބި، އެ ތިބީ މިހާރު ދިރިއުޅުމަކާ ދިމާއަށް މިސްރާބުޖަހާފައި" ޝިފާޢު ވިދާޅުވިއެވެ.

ޝިފާޢު ވިދާޅުވީ، ބަޖެޓުން ފެންނަނީ، އުތުރުގައި ގާއިމުކުރެވޭ ހައި ސްޕީޑު ފެރީ ނެޓްވޯރކްގެ ފެރީތައް ރިސޯޓުގައި ޖައްސާތީ ކަމަށާއި، އަދި މި ބަޖެޓުން ނައިޓަށް ރަށަށް ދެވޭނެ މަގު އޮތީ ބޮޑުކޮށް ހުޅުވިފައި ކަމަށެވެ.

"ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ އަނބިމީހާ ބަލިވެއިން ކަމުގައި ވިޔަސް، 2022 ވަނަ އަހަރުގެ ބަޖެޓުގައި ރަށު ހޮސްޕިޓަލު އެބަ އޮތް. ރަށު ހޮސްޕިޓަލުން ފަރުވާ ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް. 2022 ވަނަ އަހަރުގެ ބަޖެޓުގައި ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއެޅެން އެބަ އޮތް. މާބަނޑު އަނބިމީހާ ގޮވައިގެން ރަށުގެ މަގުތަކުގައި ބުރުޖަހައިލާއިރުގައި އުފާވެރިކަން ހިތަށް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެ ދެ ޒުވާނުންނަށް އެބަ އޮތް" ޝިފާޢު ވިދާޅުވިއެވެ.

ދިމާވާ ކޮންމެ ކަމެއްގައި މާލެ ދާން ޓިކެޓް ހޯދަން ދުއްވައިގަންނަންނުޖެހޭނެކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ފަސް ސަރަޙައްދުގައި ޓަރޝަރީ ފެންވަރަށް ތަރައްޤީކުރެވޭ ހޮސްޕިޓަލްތަކުގެ ސަބަބުން ލިބިފައިވާކަމަށާއި، އަދި ސަރުކާރުން، ރައްޔިތުން ރަށު ބަންދުން ފިލުވައިލުމުގެ މަޤްޞަދުގައި ގާއިމުކުރާ ހައި ސްޕީޑު ފެރީ ނެޓްވާރކްގެ ނިޒާމު ފައްކާވުމުން ރައްޔިތުމީހާ އެ ނިޒާމުގެ ތެރެއިން ގޮސް، ކުޅުދުއްފުށީގައި ހުންނަ ޓަރޝަރީ ހޮސްޕިޓަލުން ފަސޭހަކަމާ އެކު ފަރުވާ ހޯދޭނެކަމުގެ ފުރިހަމަ ޔަގީންކަން ބަޖެޓުން ލިބިގެންދާ ކަމަށް ޝިފާޢު ވިދާޅުވިއެވެ.

"ހައި ސްޕީޑު ފެރީ ނެޓްވޯރކް ގާއިމުކުރެވުނީމާ ޚާއްޞަ އެހީއަށް ބޭނުންވާ ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅު ގޮވައިގެން ރަށުގައި ދިރިއުޅެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ލިބުނީމާ އެ ދުވަހު ހެނދުނު ހައި ސްޕީޑު ނެޓްވޯރކްގައި ފެރީގައި ގޮސް، އެ ދަރިފުޅަށް ބޭނުންވާ ހުރިހާ ތެރަޕީތަކެއް އެ ހޮސްޕިޓަކުން ލިބިގަނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް. ކޮންމެ ނުކުޅެދުންތެރި ކުއްޖަކު ހުރި ޢާއިލާ އެއީ، މާލެއަށް ހިޖުރަކުރަންޖެހޭނެ ޢާއިލާއެއް ނޫންކަން މި 2022 ވަނަ އަހަރުގެ ބަޖެޓުން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެބަ ބުނެދޭ." ޝިފާޢު ވިދާޅުވިއެވެ.

މި ބަޖެޓަކީ މިއީ ދިވެހި ރައްޔިތު މީހާގެ ބަޖެޓޭ ބުނާ ބުނުމަކީ، ރައްޔިތު މީހާއަށް، އެ ރައްޔިތު މީހާ ހުރި ހިސާބަކުން ހާލަތާ ގުޅޭ ގޮތުން ބޭނުންވާ ޞިއްޙީ ފަރުވާ، އިޖުތިމާޢީ ރައްކާތެރިކަން ފުރިހަމައަށް ބަޖެޓުން ކަށަވަރުކޮށްދޭކޮށްދިނުން ކަމަށް ޝިފާޢު ވިދާޅުވިއެވެ.

ކޯވިޑްގެ ބަލިމަޑުކަމާއެކު ކުރިމަތިވި ގޮންޖެހުންތަކާއެކު 2022 ވަނަ އަހަރާ ކުރިމަތިލާއިރު ދިވެހިން ދިރިއުޅެމުން ދަނީ، ބޯހާސްކަން މަތީގައި ކަމަށާއި، ޙައްލުކުރަން ހުރި އެތައް ބައިވަރު މައްސަލަތަކެއް އެބަ ހުރި ކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އެ މައްސަލަތަކަކީ އެއްފަހަރާ އެއް ދުވަހުން، އެއް ބަޖެޓުން ޙައްލުކުރެވޭނެ މައްސަލަތަކެއް ނޫންކަމަށާއި، އެހެންނަމަވެސް، 2022 ވަނަ އަހަރުގެ ބަޖެޓުން ފެނިގެން ދަނީ، ދިވެހިން އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ހައްލެއް ކަމަށް ޝިފާޢު ވިދާޅުވިއެވެ.

މިގޮތުން ބަޖެޓަށް ބަލާލުމުން ފެންނަ އެންމެ ބޮޑު އުފާވެރި މަންޒަރަކީ ތައުލީމީ ދާއިރާއިން އަލަށް 400 ވަޒީފާ އުފެދިގެން އަންނަ ތަންކަމަށާއި، އަދި ސިއްހީ ދާއިރާއިން 700 ވަޒީފާ އުފެދިގެންދާތަން ފެންނަކަމަށް ޝިފާޢު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް އަލަށް 160 އަށްވުރެ ގިނަ ޑޮކްޓަރުންނާއި، 200އަށް ވުރެ ގިނަ ނަރުހުން އިތުރުވެގެންދާއިރު، މުޅިރާއްޖޭގެ ކަންކޮޅުތަކަށް އެ ވަޒީފާތައްބެހި، ސިއްހީ ކަންކަމަށް މާލެއަށް ބަރޯސާވެފައި އޮތްއޮތުން އަތޮޅުތަކަށް ބެހި، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ޚިދުމަތް ފުޅާވެގެންދާތަން ބަޖެޓުން ފެންނިގެންދާ ކަމަށް ޝިފާޢު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގައި މީހުން އުޅޭ ރަށްތަކުގެ އަދަދު 187 ގައި އޮތްއިރު، ތައުލީމީ ދާއިރާއިން 177 މަޝްރޫޢުއެއް ރަށްރަށަށް ބަޖެޓް ކުރެވިފައިވާކަން ޝިފާޢު ފާހަގަ ކުރެއްވިއެވެ.

މި މޭރުމުން ދެއްކި ވާހަކާގައި ޝިފާއު ވަނީ މިނޫންވެސް ގިނަ ކަންތައްތަކެއް ފާހަގަ ކުރަށްވާފައެވެ.