ކުރިން ދުވާލަކު 8 ގަޑިއިރު ޚިދުމަތް ދެމުން ގެންދިޔަ ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް މިއަދު ބަދަލުކޮށްފިއެވެ.
އެ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށް، އެބަދަލުގެ ދަށުން ޑޮކްޓަރަށް ދެއްކޭނެ ގަޑިތަކާއި، ބޭސް އެޅުމާއި ޕަބްލިކް ހެލްތް ޔުނިޓްގެ ޚިދުމަތް ލިބޭނޭ ވަގުތުތައް އެ މަރުކަޒުން މިހާރުވަނީ އާންމު ކުރަށްވާފައެވެ.
މިގޮތުން ބަލިމީހުން ބެލުމުގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ހުރިިހާ ދުވަހަކު ވެސް ދޭނެ ކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ. މި ޚިދުމަތް ދޭ ވަގުތަކީ މިދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. އަދި ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ހުރިިހާ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 17:00 ބޭސް އެޅުމުގެ ޚިދުމަތް ވެސް އެ މަރުކަޒުން ލިބޭނެއެވެ.
މިބަދަލާއެކު ކުޑަކުދިންގެ ބަރުދަން ބެލުމާއި، ޢާއިލާ ރޭވުމުގެ ކަންކަމާގުޅޭ ޚިދުމަތްތައް ރަސްމީ ހުރިހާ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ލިބޭނެ ކަމަށް ކުމުންދޫ ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.
ކުމުންދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ކުމުންދޫ ސިއްހީ މަރުކަޒު
ހުކުރު ދުވަހު ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި އެމާޖެންސީ ކޭސްތަކަށް ކަމަށް ވެސް މަރުކަޒުން ވިދާޅުވެއެވެ. އެމާޖެންސީކޮށް ޚިދުމަތް ހޯދަން ބޭނުންނަމަ ގުޅަންޖެހެނީ އެމަރުކަޒުގެ 7370542 ނަންބަރު ފޯނަށެވެ.
ކުމުންދޫ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް މިއަދު ބަދަލުވެގެން ދިޔުމުން، ރައްޔިތުންގެ މަޖިލިސްގައި ކުމުންދޫ ތަމްސީލްކުރަށްވާ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވަނީ ކުމުންދޫ ލޮބުވެތި ރައްޔިތުންގެ އެދުމުގެ މަތިން ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑި އިރަށް ބަދަލު ކޮށް، މަރުކަޒުން ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ތަކަށް އޭނާގެ އަމިއްލަ ނަމުގައާއި، ކުމުންދޫ ރައްޔިތުންގެ ނަމުގައި ރައީސް ޞާލިޙަށާއި، ހެލްތު މިނިސްޓަރު ނަސީމަށް ޝުކުރު ދަންނަވާފައެވެ.
މީގެއިތުރުން ކުޅުދުފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އެކްޒެކްޓިވް އޮފިސަރ އަހްމަދު ދާއޫދަށާއި، އެ ހޮސްޕިޓަލްގެ މުޅި މެނޭޖްމެންޓް ވެސް ރާޢީ ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ރާޢީއަކީ ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި މެދުނުކެނޑި ވަކާލާތު ކުރަށްވަމުން ގެންދަވާ މެންބަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!