އަންނަ 2022 ވަނަ އަހަރުން ފެށިގެން ތަޖިކިސްތާނަށް ދަތުރުކުރާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
އޮން އެރައިވަލް ވިސާ ދިވެހީންނަށް ލިބޭ ގޮތް ހަމަޖައްސައި ދެއްވުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ޚާރިޖީ ވަޒީރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ އޮން އެރައިވަލް ވިސާ ދޭން ނިންމި ނިންމުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާނެ ކަމަށެވެ. އެގޮތުން ސަގާފީ ގުޅުންތަކުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
2018 ވަނަ އަހަރުން ފެށިގެން ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވެ އެވެ.
މީގެއިތުރުން އިންޑިއާ، ސްރީލަންކާ އަދި ސަޢޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ.
ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ބަންދުވި ގިނަ މަންޒިލްތައް މިހާރު ހުޅުވާލާފައިވާއިރު، ދިވެހިން އާންމުކޮށް ދަތުރުކުރާ ސްރީލަންކާ، އިންޑިއާ އަދި ތައިލެންޑް ފަދަ ގައުމުތަކަށް އެތެރެވުމަށް މިހާރު ވަނީ ލުއިކަން ލިބިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!