ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާކޮށްދޭން ނިންމައިފިއެވެ.

މި މިސްކިތް ޢިމާރާތްކުރުމަށް، ހެޔޮއެދޭ ފަރާތާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި ދެމެދު ސޮއިކޮށްފައި ވަނީ މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުލްއަޒީޒް އިސްމާޢީލް އެވެ.

Ad
rt

ދެ ޖިންސްގެ މީހުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް އިމާރާތްކޮށް ދޭ މި މިސްކިތަކީ، އެރަށުގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް ނެތުމުން އެ ސަރައްދުގައި އުޅޭ މީހުންނަށް ފަސޭހައިން ނަމާދުކުރެވޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށް އިމާރާތް ކޮށްދޭ މިސްކިތެކެވެ.

އިސްލާމިކް މިނިސްޓްރީއިން "ތިލަދުން"އަށް މައުލޫމާތު ދެއްވި ގޮތުގައި މި މިސްކިތުގެ ހަރިންމައިގެ ބޮޑުމިނުގައި 10,000 އަކަފޫޓް ހުންނާނެއެވެ. އަދި ނަމާދުކުރާބައިގެ ބޮޑުމިނުގައި 1296.2 އަކަފޫޓު ހުންނާނެއެވެ. މިއީ 154 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތުގެ ޤިބްލަ ފާހަގަކޮށްދޭ ދުވަހުން ފެށިގެން 250 ދުވަހުގެ ތެރޭގައި ނިންމައިދޭން ނިންމާފައިވާ މި މިސްކިތުގައި ފާޚާނާ، ވުޟޫކުރާ އިސްކުރުބަރި، ގުދަން އަދި މުންނާރު ވެސް އެކުލެވިގެން ވެއެވެ.

އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ހިމެނޭ ފީވަކުގައި މިހާރު ވެސް ނަމާދު ކުރަން ބޭނުން ކުރާ 2 މިސްކިތެއް ހުރެއެވެ.