ހދ. މަކުނުދޫގެ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނު އަޅާ ގެއްލުން ދީފިއެވެ.

މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް "ތިލަދުން"އަށް ވިދާޅުވީ، މި އަމަލު ހިންގި ކަމަށް ބެލެވެނީ އިއްޔެގެ ހެނދުނު 8 އިން ފެށިގެން މެންދުރު 12 އާއި ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.

Ad
rt

މި މައްސަލައަކީ މި މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކަށްވާތީ އިތުރު ތަފްސީލް ދެވެން ނެތް އައުޒަމް ވިދާޅުވިއެވެ.

އިސްލާމީ މުޖުތަމަޢުއެއްގައި އެފަދަ ބޭއަދަބީ އަމަލެއް ހިންގުމަކީ އެކަމާއި ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އެ ހަރަކާތް ހިންގި ބައެއް ހޯދައި ފިޔަވަޅު އެޅުމަށް ގޮވާލާކަމަށް ވެސް އައުޒަމް ވަނީ ވިދާޅުވެފައެވެ.

މަކުނުދޫ ނޫރު މިސްކިތުގެ ސައުންޑް ސިސްޓަމްއަށް ލޮނުއަޅާ ގެއްލުންދީފައި

މި މިސްކިތުގެ މައިކުގެ ކޭބަލް ބުރިކޮށްލާ ގެއްލުން ދިން މައްސަލައެއް ވެސް މިދިޔަ ސެޕްޓެމްބަރު ފެންމަތިވިއެވެ. އެކަން އިނގުނީ ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ ރޭ ފަތިސް ނަމާދު ބަންގި ގޮވަން މުދިމް މިސްކިތަށް ދިޔުމުން ނެވެ.

މަކުނުދޫއިން މި ނޫހަށް ވާހަކަ ދެއްކި ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އެރަށުގެ ނޫރު މިސްކިތުގައި ބޭނުންކުރާ މައިކުގެ ވާގަނޑު ބުރިކޮށްލައި، ސައުންޑް ސިސްޓަމަށް ލޮނުއަޅައި ގެއްލުންދީ، އެކަން ކުރި މީހަކު ކުރީ މިސްކިތުގައި ނަމާދު ކުރާއިރު ބޭރަށް އަޑު އިވޭހެން ސައުންޑްގެ އަޑުގަދަކޮށްފައި ހުންނާތީ ކަމަށް ބެލެވޭ ކަމަށާއި، އެފަދަ އަޑު ރަށުތެރޭން އިވިފައިވާ ކަމަށެވެ.

ނަމަވެސް މިކަން ރަސްމީއެއް ވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެއެވެ.