އިންޑިއާގެ ޖީއެމްއާރު އަތުން ރާއްޖޭގެ މައި އެއާޕޯޓް އަނބުރާ ހޯދުމަށް ފުރަތަމަ ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި ރައީސް ޔާމީން ފިޔަވައި ދެންތިއްބެވި ސިޔާސީ ލީޑަރުން ބޭނުންވީ ރަނގަޅު ޑީލެއްކަމަށް ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަޙީމް ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް 10 އަހަރު ފުރުން ފާހަގަ ކުރަން ރޭ ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރަށް ރާއްޖޭގެ މައި އެއާޕޯޓް ދީފައި ވަނިކޮށް، ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި އެ އެއާޕޯޓް އަނބުރާ ހޯދުމަށް މަސައްކަތް ފެށުނު ކަމަށެވެ.

Ad
rt

މިގޮތުން ރައީސް އޮފީހުގައި މަޝްވަރާ ބައްދަލުވެއް ބޭއްވުނު ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ބައްދަލުވުމުގައި ރައީސް ޑރ. ވަހީދާއެކު ބައިވެރިވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބުދުﷲ އާއި، ޤައުމީ ޕާޓީގެ ރައީސް ޑރ. ޙަސަން ސައީދާއި އަދި އޭރުގެ ޕީޕީއެމްގެ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޔާމީން އަބުދުލްޤައްޔޫމް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމީން ފިޔަވައި ދެންތިއްބެވި ލީޑަރުން ރައީސް ޑރ. ވަޙީދަށް މަޝްވަރާ ދެއްވީ ޖީއެމްއާރުއާއިއެކު "ރަނގަޅު ޑީލް"އަކަށް ދިޔުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެކަމަށް އިންކާރު ކުރައްވައި ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ލިބެންޖެހޭކަމަށް ވިދާޅުވެ ރައީސް ޔާމީން އެބައްދަލުވުން ދޫކުރައްވާ ނުކުމެވަޑައިގަތީކަމަށް އަދުރޭ ވިދާޅުވިއެވެ.

ފަހުން ޑރ. ހަސަން ސައީދު، ރައީސް ޔާމީނަށް ތާއީދު ކުރެއްވި ކަމަށާއި، އެންމެފަހުން ރައީސް ޑރ. ވަހީދު އެމަސައްކަތްފެއްޓެވީ ރައީސް ޔާމީން ދޫނުދެއްވާ ކުރެއްވި މަސައްކަތުން ކަމަށް އަދުރޭ ވިދާޅުވިއެވެ. އެކަމުން އެނގިގެން ދިޔައީ ރައީސް ޔާމީންގެ ހިތްޕުޅުގައި އޮތް ޤައުމީ ލޯބި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދުރޭގެ ވާހަކާގައި "މިއީ ޚާއިނުންގެ ސަރުކާރެއް" ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ނުފޫޒާ ބާރުގެ ބޭނުންކޮށްގެން ރައީސް ޔާމީން ޖަލަށް ލާފައިވާ ކަމަށާއި، މިއަދު އޮތް ހިތާމައަކީ އެއީ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.