ރޭބަން އަދި ފޭސްބުކް ގުޅިގެން "ސްމާރޓް ގްލާސް" ބާޒާރަށް

Facebook-Ray-Ban-Stories-Smart-Glasses-Beside-Model-Pointing-To-Facebook-Logo

ހޮލީވުޑް ގެ ގިނަ ފިލްމު ތަކުން، ޚާއްސަކޮށް ސިއްރު އޭޖެންޓުން އުޅޭފަދަ ފިލްމު ތަކުގައި ވަރަށް ގިނައިން ސްމާރޓް ގްލާސް ފެނެއެވެ. ގިނަ ބަޔަކު އެ އެއްޗެއް ތަޖުރިބާ ކޮށްލާ ހިތްވާ، ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ މި ފަދަ އައިނަކީ ވަރަށް މަދުންނޫނީ އަސްލު ދިރިއުޅުމުގައި ނުފެންނަ ވައްތަރެއްގެ އައިނެކެވެ.

އެހެންނަމަވެސް، އަައިނު އުފައްދާ މަޝްހޫރު ކުންފުނި ރޭބަން އަދި ފޭސްބުކް ގުޅިގެން މިފަހަރު ގެނެސްދެނީ މިފަދަ 'ސްމާރޓް ގްލާސް' އެކެވެ. އަދި މި އައިނު ގަންނާކަށް ސިއްރު އޭޖެންޓަކަށް ވާކަށް ނުޖެހެއެވެ.

އަލަށް ނެރުނު މި ސްމާރޓް އައިނާ، އާދައިގެ އައިނަކާ ބަލާބެލުމަށް މާބޮޑު ތަފާތެއް ނެތެވެ. ކިރިޔާވެސް ފާހަގަކުރެވޭނީ އެ އައިނުގައިވާ ކުޑަ ކެމެރާ އެވެ. މި ކެމެރާ ވެގެން ދާނީ އެންމެ މި އައިނުން ފާހަގަކުރެވޭނެ އެންމެ އަޖައިބުކުރަނިވި އަދި އެންމެ ނުރައްކާތެރި ފީޗަރ ކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. ސަބަބަކީ، މި އައިނުގެ ކެމެރާއިން ސިއްރުން ވީޑިއޯ އަދި ފޮޓޯ ނެގޭނެތީއެވެ.

މިއައިނުގެ އަގުތައް އުޅެނީ 299 ޑޮލަރާއި 379 ޑޮލަރާއި ދެމެދުގެ އަގުތަކެއްގަ އެވެ.

މި އައިނުން ކުރެވެނީ ކީއް؟

ރޭބަން އަދި ފޭސްބުކް އިން ނެރުނު މި އައިނުގެ ތަފާތު ކުލަތަކާއި ލެންސުގެ ވައްތަރުތައް ހިމެނެއެވެ. އޭގެ ތެރޭގައި، އަވި އައިނާއި، ނަންބަރު އައިނު އަދި ޕްރޮގްރެސިވް އައިނުގެ އިތުރުން އާދައިގެ އައިނު ލިބެން ހުރެއެވެ.

ފަހުގެ ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ މި އައިނުން މައިގަނޑު 3 ކަމެއް ކުރެވެއެވެ. އައިނުގައި އިންނަ ކުޑަ ކެމެރާއިން ފޮޓޯ އަދި ވީޑިއޯ ނެގޭނެއެވެ. އަދި އެ ތަކެތި ފޯނަށް އެޅޭ ޚާއްސަ އެޕްލިކޭޝަނަށް ފޮނުވާ އެ ނެގި ފޮޓޯތައް އެކި ގޮތްގޮތަށް ހިއްސާ ކުރެވޭނެއެވެ. ހަމެއެއާއެކު، އައިނުގެ ދުނިގަނޑުގައި އިންނަ ކުޑަ ސްޕީކަރަކުން 'އޯޕެން އެއަރ' އަޑު އިތުރު ހެޑް ސެޓަަކާއި ނުލާ އިވޭނެއެވެ. ތިންވަނަ ކަމަކަށް، އައިނުގެ ދެފަޅީގައި އިންނަ 'ޓްވިން ކެމެރާ' އިން އެ ބޭނުންކުރާ ފަރާތްތަކަށް 3ޑީ އެފެކްޓް އައިނުންނަގާ ފޮޓޯތަކުގައި ބޭނުން ކުރެވޭނެއެވެ.

އައިނުގައި މާގިނައިރު ޗާރޖު ނުހިފެއްޓި ނަމަވެސް، އައިނުލާ ފޮށިގަނޑަކީ އޭގައި އައިނު އޮންނައިރު އޭތި ޗާރޖުކޮށްދޭ ވަސީލަތެކެވެ. އެހެންކަމުން، އައިނު ފޮށި ޗާރޖުކުރުމަށްފަހު އައިނު ޗާރޖު ދާނެކަމާމެދު ހާސްވާކަށް ނުޖެހޭނެއެވެ.

ފޭސްބުކްގެ ޕްރޮޑަކްޓް މެނޭޖްމެންޓްގެ ޑިރެކްޓާރ މޮނިޝާ ޕާރކާޝް އާއި ހަވާލާދީ 'ދަ ގާޑިއަން' މެގަޒިން އިން ރިޕޯޓު ކޮށްފައިވާ ގޮތުން ފޭސްބުކްގެ އަމާޒަކީ ކޮންމެ ތާކު، ކޮންމެ ވަގުތަކުވެސް އެކަކު އަނެކަކާއި ގުޅުވައިދޭ ފަދަ ވަޞީލަތްތައް އުފެއްދުމެވެ.

އައިނާ ދޭތެރޭ މީހުން ދެކެނީ؟

ގިނަ ބޭނުންތަކެއް ކުރެވޭ ފެންވަރު ރަނގަޅު މި އައިނަކީ އަދި މާގިނަ ބައެއްގެ މަޤުބޫލުކަން ލިބިފައިވާ އެއްޗެއް ނޫނެވެ. ސަބަބަކީ، މި އައިނު ބާޒާރަށް އައިސްފައިވަނީ މީގެ އެންމެ ހަފްތާއެއް ކުރިން ކަމުގައި ވާތީއެވެ. އެހެނަސް، ބޭރުގެ ބައެއް ލިއުންތަކުގައި ބުނެފައިވާވާގޮތުން، އައިނުގެ ކެމެރާ ފީޗަރ އަށް ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިއަމުންނެވެ. އެއީ އޭގެން ސިއްރުން މީހުންގެ ހައްގުތަކަށް އަރައިގަތުމަށް މަގުފަހިވާތީކަމަށް އެ ފަރާތްތަކުން ބުނެއެވެ.

މި ފަރާތްތަކަށް ފޭސްބުކުން ރައްދުދެމުން ބުނީ ފޯނަކުން ނުކުރެވޭ ފަދަ ކަމެއް އެއައިނަކުން ނުކުރެވޭނެކަމަށެވެ. އަދި ކެމެރާ ކުރެވެމުން ދާވަގުތު އިނގޭނެކަން ފާހަގަކޮށް ފޭސްބުކުން ބުނީ ކެމެރާގެ ކައިރީގައި ހުދު ކުލައިގެ އަލިކޮޅެއް ދިއްލޭނެކަމަށެވެ.

އެހެނަސް، އެނގެންޖެހޭނޭ ހަގީގަތަކީ، ފޯނަކާއި ކުޑަ އައިނަކާ އެތައް ހާސްތަނެއް ތަފާތު ވާނެކަމެވެ. ފޯނަކުން ވަގަށް ރެކޯޑު ކުރާނަމަ، ފޯނު އެ ދިމާލަކަށް ސެޓު ކުރުމާއި ފޯނު ހުޅުވުމާއި އަދި މިފަދަ އެތައް ސަކަރާތެއް ޖަހަންޖެހެއެވެ. ނަމަވެސް، މި އައިނުން އަނގައިން ކޮމާންޑު ކުރުމުން ނުވަތަ ދުނިގަނޑުގައި އިންނަ ޓަޗް ޕެޑުގައި އަތްޖައްސާލުމުން އެ ބަލަހައްޓައިން އިންދިމާލެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ނަގައިދެއެވެ.

ވީއާރ އާއި އޭއާރ ގެ ޒަމާން!

މި ކުޑަ އައިނުގެ ތެރެއަށް ކެމެރާ އަދި ސްޕީކަރު ފަދަ ތަކެތި ހިމަނައިފާވުމުން ދޭހަވަނީ ބޮޑެތި ހައިޓެކް ސިފަތަށް ކުދި ފްރޭމްތަކަށް ލެވޭނެކަމެވެ. މި އައިނުގެ ސަބަބުން ވާޗުއަލް ރިއަލިޓީ (ވީއާރ) އަދި އޯގްމެންޓެޑް ރިއަލިޓީ (އޭއަރ) ބޭނުން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ހުވަފެންތައް ހަގީގަތަކަށް ވުމާ ގާތެވެ.

ވީއާރ އަކީ އަސްލު ދުނިޔޭގެ 360 ސްޓިމިއުލޭޝަން، ގޮގްލް އެއްގެ އެހީގައި ފޯރުކޮށްދިނުމެވެ. އަދި އޭއާރ އަކީ ކޮމްޕިއުޓަރުން ފޯރުކޮށްދޭ ފޮޓޯ އަދި ވީޑިއޯ އަސްލު ދުނިޔެއާއި އެކުވެގެން ފެންނަފަދަ ގޮތަކަށް ދައްކާފަދަ ޓެކްނޮލޮޖީއެވެ. މިފަދަ ވާޗުއަލް ރިއަލިޓީގެ އައިނެއް އަޅާލައި ވަށައިގެންވާ މާހައުލު ޑިޖިޓަލްކޮށް އިހުސާސްކޮށްލަން ކިހާ ސަޅިވާނެ ނޫންހެއްޔެވެ!

ވީއާރ އާންމުކޮށް ބޭނުން ކޮށް އުޅެނީ ގޭމު ކުޅުމަށެވެ. އެހެނަސް، ތައުލީމީ ކަންކަމަށާއި ތެރެޕީގެ ކަންކަމުގެ އިތުރުން އަސްކަރީ ކަންކަމުގައިވެސް މިޓޭކްނޮލޮޖީ ބޭނުން ކުރެވޭނެއެވެ. ވީއާރ އަދި އޭއާރ އުފެއްދުމުގެ ބައެއް މާހިރުންގެ ނަޒަރުގައި މީގެ 10 ވަރަކަށް އަހަރު ފަހުން ގިނަ މީހުން އުޅޭނީ ވީއާރް އަދި އޭއާރް އައިނު ހިފައިގެންކަމަށެވެ.

21 ވަނަ ގަރުނުގެ ޒަމާނީ ވަޞީލަތްތަކުން ކުރިއަރާފައިވާ މި ދުނިޔޭގައި މިފަދަ އެތައް ވަޞީލަތެއް އަންނަނީ އުފައްދަމުންނެވެ. ކުރީގަ ގެންގުޅުނު ހަމައެކަނި ގުޅަން ބޭނުންކުރާ ބޮޑު ޓެލެފޯނުގެ ބަދަލުގައި ސްމާރޓު ފޯނު އައިސް، މުޅި ދުނިޔޭގެ ހުރިހާ ކަމެއް ބަލާލެވެއެވެ. ބޮޑު ފޮށި ޓީވީން ތުނިތުނި 3ޑީ ޓީވީ ތަކައް ބަދަލުވެއްޖެއެވެ. ކާރު ދުއްވަމުން އައިސް މިހާރު އުދުހޭ ކާރު ނެރެންވެސް ތައްޔާރުވަނީ އެވެ. ސައިންސްވެރިންނާ ޑިވެލަޕަރުން އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް، ތަފާތު އައު އުފެއްދުންތަކާ މައުލޫމާތު ހޯދަމުންނެވެ. ރޭބަން ސީރީޒްގެ 'ސްމާރޓް ގްލާސް' އަކީ ވެސް، މިފަދަ ގޮތަކަށް ތަރައްގީވެގެން އައި އެއްޗެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.