ފެޑާ އިން ފޭދޫ ސްކޫލް އަށް ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފި

photo_2021-10-20_20-34-27

ށ. ފޭދޫ ތިމާވެށީގެ ތަރައްގީއަށް މަސައްކަތްކުރާ 'ފޭދޫ އެންވާރަމެންޓް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފެޑާ)' އިން އެރަށު ސްކޫލަށް ޑިޖިޓަލް ނޯޓިސް ބޯޑެއް ހަދިޔާކޮށްފި އެވެ.

ފޭދޫ ޒުވާނުންގެ ފަންޑާއި ގުޅިގެން ފޭދޫ ސްކޫލަށް ހަދިޔާ ކުރި މި ޑިޖިޓަލް ނޯޓިސް ބޯޑާއި އެކު އެއަށް ބޭނުންވާ ހުރިހާ ވަޞީލަތެއްވެސް ފެޑާ އިންވަނީ އެ ސްކޫލާ ހަދިޔާކޮށްފައެވެ. އަދި ނޯޓިސް ބޯޑުގެ ސެޓަޕް ހަދާފައިވަނީ ވެސް ފެޑާ އިންނެވެ.

ފެޑާގެ ރައީސް އަޙްމަދު ސާމީ 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ބުނީ މި ތަކެތި ހަދިޔާ ކުރަން ނިންމާފައިވަނީ ސްކޫލާއި ބައްދަލުކޮށް މި ވަގުތަށް އެންމެ ބޭނުންތެރި އެއްޗަކީ ކޮބާކަން އޮޅުންފިލުވުމުން، މިވަގުތަށް އެންމެ ބޭނުން ވަނީ ޑިޖިޓަލް ނޯޓިސް ބޯޑަކަށް ވާތީއެވެ.

އަދި ނޯޓިސް ބޯޑުގެ ޓީވީ ގަނެފައިވަނީ ފޭދޫ ޒުވާނުންގެ ފަންޑުން ކަމަށާއި ޓީވީގެ އަގުގެ އެއްބަޔާއެކު ބާކީ ހުރި ހުރިހާ ސާމާނަކާއި ނޯޓީސް ބޯޑުގެ ސެޓަޕް ހަދާފައިވަނީ އެ ޖަމިއްޔާއިން ކަމަށް ފެޑާގެ ރައީސް ފާހަގަކުރިއެވެ.

ފޭދޫ އެންވާރަމެންޓް ޑިވެލޮޕްމެންޓް އެސޯސިއޭޝަން އެންމެ ފުރަތަމް ވުޖޫދަށް އައިސްފާވަނީ 2008 ވަނަ އަހަރުއެވެ. ތިމާވެށީގެ ތަރައްގީއަށް މަސައްކަތް ކުރާ މި ޖަމިއްޔާގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު ހިންގާ ގަވައިދު ބަދަލުކުރުމަށްފަހު އަލުން އެނބުރި އައިސްފައިވަނީ 2017 ވަނަ އަހަރުއެވެ.

ހެޔޮ އެދޭ ފަރާތަކުން ދީފައިވާ އިމާރާތެއްގައި މިހާރު ފެޑާގެ އޮފީސް ހިންގަމުން އަންނައިރު އެ ޖަމިއްޔާގެ އަމާޒަކީ އަމިއްލަ މަސައްކަތަކުން ރަނގަޅު އާމްދަނީ އެއް ލިބި އަމިއްލަ އޮފީހެއް ހެދުމާއި ރަށުގައި ހިންގޭ އެކިކަހަލަ ކަންތައްތަކުގައި ވީވަރަކުން އެހީވުން ކަމުގައި ޖަމިއްޔާގެ ރައީސް ސާމީ ބުންޏެވެ.

ފޭދޫގެ އެކިކަހަލަ ކަންކަމަށް މިހާރު ވެސް އެހީވަމުން އަންނަ ފެޑާއިން ދަނީ ކޮންމެ އަހަރަކުވެސް ފޭދޫގައި ތިބޭ ބެލެނިވެރިންގެ އަތުން އޯޑަރު ނެގުމަށްފަހު މާލެއިން ލިބޭ އަގަށް އެކްޓިވިޓީ ޔުނިފޯމް ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، ފޭދޫ ސްކޫލުން ވަނީ ފެޑާ އަދި ފޭދޫ ޒުވާނުންގެ ފަންޑަށް ޚާއްސަ ޝުކުރު އަދާކޮށްފައެވެ. އަދި ފެޑާ އިން ވަނީ މި ކަން ކުރުމުގައި އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން އެހީ ވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.