ކޯވިޑް-19އަށް ފަހު މައްކާގެ ހަރަމްފުޅާއި މަސްޖިދުލް ނަބަވީގައި އަނެއްކާވެސް ޒަމް ޒަމް ފެން ކޮންޓެއިނަރުތައް ބަހައްޓައިފިއެވެ.
ކޯވިޑްގެ ނުރައްކާ ބޮޑުވެ 2020 ވަނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ހަރަމުގައި ހުންނަ ޒަމްޒަމް ފެން ކޮންޓެއިނަރުތަކުގެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ނަމަވެސް އިތުރު ކޮންޓޭނާތައް މިހާރު ބަހައްޓާފައިވާއިރު، އަލަށް މާބަލް ބޭނުންކޮށްގެން ހަދާފައިވާ 155 ކޮންޓެއިނަރު ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން 97 ކޮންޓެއިނަރު ބެހެއްޓިފައިވަނީ ހަރަމްފުޅުގައެވެ. އަދި 48 ކޮންޓެއިނަރު ބެހެއްޓިފައިވަނީ މަސްޖިދުއް ނަބަވީގައެވެ.
މިއަދަދާއި އެކު ހަރަމްފުޅާއި، ނަބަވީ މިސްކިތުގައި ބެހެއްޓިފައިވާ ކޮންޓެއިނަރުތަކުގެ އަދަދުވަނީ 20،000 އަރާފައެވެ.
މީގެ އިތުރުން ހަރަމްފުޅު ވަށައިގެން އޮންނަ ސަރަހައްދުގެ މަތީ ފަންގިފިލާގައި ހުރި ފައިބަރު ގްލާސް ކޮންޓެއިނަރުތަކުގެ ބަދަލުގައި މާބަލް ކޮންޓެއިނަރުތަކަށް ބަދަލްކޮށްފައިވާކަމަށް ސައުދީގެ ޑެޕިއުޓީ ހެޑް އޮފް ދަ ޕްރެޒިޑެންސީ މުޙައްމަދު އަލް ޖަބްރީ ވަނީ ވިދާޅުވެފައެވެ.
މައްކާގެ ހަރަމްފުޅުގައާއި މަސްޖިދުއް ނަބަވީގައި ފެން ކޮންޓެއިނަރުތައް ބަހައްޓާ ފެންދޫކުރުމަށް ނިންމާފައިމިވަނީ ކޯވިޑް 19 އިން ދިފާއުވުމަށާއި ބަލި ފެތުރުން ވަރަށް ބޮޑަށް ހައްލުކުރެވިފައިވާތީ ކަމަށްވެސް ޖަބްރީ ވިދާޅުވެފައިވެއެވެ.
ވެކްސިން ޖަހައިގެން އުމްރާއަށް އަންނަ ފަރާތްތަކަށް މައްކާއަށް އެތެރެވުމާއި މީގެ އިތުރުންވެސް ހަރަމްފުޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ސައުދީއަށް އެރުމުގެ ހުއްދަ ލިބިގެން އަންނަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ. ވީމާ މިކަންތައްތަކުގެ ސަބަބުން ހަރަމުގައާއި ހަރަމަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ފުށުން ބަލި އެރުމާއި ބަލި ފެތުރުމަށް ލިބޭ ފުރުސަތުތައް ހައްލުވެގެންދާނެކަމަށް އަލް ޖަބްރީ ވަނީ ފާހަގަކޮށްފައެވެ.
ކޯވިޑް-19ގެ ފަހުން ޒަމް ޒަމް ފެން ފޯރުކޮށްދެމުން އައިސްފައިވަނީ ބަންދުކޮށްފައި ހުންނަ ފެން ތަށީގައި ސީލްކޮށްގެންނާއި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެންނެވެ. ދުވާލެއްގެ މައްޗަށް 100 އަށްވުރެ ގިނަ ސްޓާފުން ބޭނުންކޮށްގެން ހަރަމްފުޅު ވަށައިގެން ތަޢާފްކުރާ ފަރާތްތަކަށާއި، ސަފާ މަރުވާ ދެ ފަރުބަދައިގައި ހިނގާ ފަރާތްތަކަށް ޒަމް ޒަމް ފެން ފޯރުކޮށްދެއެވެ.
މާބަލް ބޭނުންކޮށްގެން ހަދާފައިވާ ކޮންޓެއިނަރުތަކުގައި ޒަމް ޒަމް ފެން ފޯރުކޮށްދެމުން އަންނަ އިރު ކޮންމެ ދުވަހަކު އެތައް ފަހަރެއްގެ މަތިން ކޮންޓެއިނަރުތައް ސްޓެރެލައިޒްކޮށް ޑިސް އިންފެކްޓްކުރަމުންގެންދާކަމަށް އަލް ޖަބްރީ ވަނީ ވިދާޅުވެފައެވެ.
20،000 ކޮންޓެއިނަރު ހަރަމްފުޅުގަޔާއި މަސްޖިދުއް ނަބަވީގައި ބެހެއްޓިފައިވާއިރު، ދުވާލެއްގެ މައްޗަށް 1.6 މިލިއަން ކިއުބިކް މީޓަރުގެ ޒަމް ޒަމް ފެން ބޭނުންކުރެވޭކަމަށް އަލް ޖަބްރީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!