ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް އާމްދަނީ ހޯދުމުގެ ގޮތުން އެ ކޮމިޓީން ފަތް ކެޔޮ ހައްދަން ފަށައިފި އެވެ.
މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ސަލްމާ އަބްދުއްޞަމަދު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފަތް ކެޔޮ ދަނޑެއް ހައްދަން އެ ކޮމިޓީން ނިންމީ އެ މަސައްކަތަކީ އެރަށުގައި ވަރަށް ލާރި ލިބޭ މަސައްކަތަކަށް ވުމާއެކު ކޮޮމެޓީއަށް އާމްދަނީ ހޯދުމުގެ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުގައި ކަމަށެވެ.
މި މަސައްކަތުން އާމްދަނީ ލިބެން އަދި ދުވަސްގަނޑެއް ވާނެކަމަށާއި އެހެންނަމަވެސް ފަތް ކެޔޮ ދަނޑުން ލިބޭ އާމްދަނީ ބޭނުން ކުރާނީ ކޮމިޓީގެ ހަރަކާތްތަކަށާއި މަސައްކަތްތަކަށް ކަމަށް ސަލްމާ ވިދާޅުވި އެވެ.
"މިކޮޅުގަ ދަނޑު ހައްދާ އުޅޭ ފަރާތްތަކުން ބުނޭ އަދި އަހަރެއްހާ ދުވަސް ނަގާނޭ މި ދަނޑުން ރަނގަޅަށް ހެދެން ފަށަން. އެކަމަކު ގަސްތައް ފޯދުނީމަ ދެން ވަރަށް ރަނގަޅު އާމްދަނީ އެއް ލިބޭ މަސައްކަތެއް މި މަސައްކަތަކީ" ސަލްމާ ވިދާޅުވި އެވެ.
މި ދަނޑު ސާފުކުރުމުގައި ކޮމިޓީގެ މެންބަރުން އަމަލީ ގޮތުން ބައިވެރިވެފާވާއިރު ރުށް ކެނޑުން ފަދަ ބޮޑެތި ކަންކަން ކޮށްފައިވަނީ އެހެން ފަރާތްތަކާއި ހަވާލުކޮށްގެން ކަން ސަލްމާ ފާހަގަކުރެއްވި އެވެ.
އަދި ފަތް ކެޔޮ ގެ އިތުރުން އެހެން ބާވަތެއް ނަހައްދާކަމަށާއި މި ދަނޑުގެ އިތުރުން އާމްދަނީ ހޯދުމުގެ އިތުރު މަސައްކަތެއް އަދި ފަށާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ފަހާ ކޯހެއް މި މަހު 15 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަހަރުގެ ފަހު ކޮޅު އެ ރަށުގައި ހޭންޑް ބޯލް ކޯޗިން ކޭމްޕެއް ބޭއްވުމަށްވެސް އެ ކޮމިޓީން އަންނަނީ ރާވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!