ޒުވާނުންގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހއ. ހޯރަފުށި، ހުސްނުހީނާގެ، އަރުޝަދު އަޝްރަފްއަށް ލިބިއްޖެއެވެ.
އަރްޝަދްއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ، ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުންނެވެ.
މި އިނާމް އަރުޝަދާއި ހަވާލުކޮށްދެއްވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ.
އަރުޝަދަކީ 2004 އިން ފެށިގެން ރާއްޖޭގެ ތަފާތު ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބް އަދި އެސޯސިއޭޝަންކުން ހިންގާ ތަފާތުއެކި ހަރަކާތްތަކުގައި މެދުކެނޑުމެއްނެތި ހިލޭ ސާބަހަށް މަސައްކަތް ކުރައްވަމުން ގެންދަވާ މުރާލި ޒުވާނެކެވެ.
ރަށުފެންވަރުގައި އަރުޝަދު ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އިޖުތިމާއީގޮތުން ރަށުގައި ހިންގޭ ޕްރޮގްރާމްތަކާއުރި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތަކާއި އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
ރޭގެ ރަސްމިއްޔާތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވިއެވެ.
ރޭގެ ޖަލްސާގައި ކީރިތި ޤްރުއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤްރުއާނުގެ ޢިލްމުގެ ދާއިރާއިން އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅު، މަންޒިލް، ބ. ތުޅާދޫގެ ހަނދާނަށް ވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަރުވާފައެވެ. އެ އިނާމް ލިބިވަޑައިގެންނެވި އިތުރު ބޭފުޅުންނަކީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޙަސަން ލަބީބު، ކެމީ، ސ. ހިތަދޫ، ޞިއްޙީ ދާއިރާއިން، ޑޮކްޓަރ ޙާމިދު ރަޝީދު، މއ. އެވޭލާގެ އަދި ކުޅިވަރުގެ ދާއިރާއިން މައްލާ ޅަތުއްތު، ހ. ސާވަން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!