މުޖުތަމައަށް ކޮށްދޭ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކޮށް ސަރުކާރުން ދޭ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން "އިމަގު"އަށާއި، ހއ. އިހަވަންދޫ، މޫރިތިގެ ފަތުޙުﷲ އަޙްމަދުއަށް ލިބިއްޖެއެވެ.

ފަތުޙުﷲ އަޙްމަދުއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ނެވެ. ފަތުހުﷲ އަޙްމަދަކީ އިމަގު ޖަމިއްޔާގެ ލިޓްރޭޗާ ސެކްރެޓަރީގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ފަރާތެވެ.

Ad
rt

ފަތުހުﷲ އަޙްމަދަކީ ދިވެހި ބަހަށް މުދައްރިސުންނާއި، ދަރިވަރުން އަހުލުވެރިކޮށް ބަހަވީ ދިރާސާތައް ކުރުމުގައި، ލިޔުންތެރިކަން ކުރިއެރުވުމުގައި އެފަންނު ދަސްކޮށް ދެއްވުމުގައި ސާބިތުވެ ހުންނެވި ޒުވާން މުދައްރިސެކެވެ. އަދި ފަތުހުﷲ ގެންދަވަނީ ދިވެހި ބަހުގެ ގިނަ ކޯސްތަކެއްގައި ކިޔަވައިވެސް ދެއްވަމުންނެވެ.

އިމަގު ޖަމިއްޔާއަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުންނެވެ.

އިމަގު ޖަމިއްޔާއަކީ ވޭތުވިދިޔަ 25 އަހަރު ދުވަހު އިހަވަންދޫގެ ތަރައްގީއަށާއި، ކުރިއެރުމަށާއި ރަށުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ރަށުގެ ރައްޔިތުންނާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި ކުރަމުންދާ ޖަމިއްޔާއެކެވެ.

އިމަގު ޖަމިއްޔާއަކީ މުޅި އުތުރުން ވެސް ފާހަގަކޮށްލެވޭ ވަރަށް ހަރަކާތްތެރި، ވަރަށް ޚިދުމަތްތެރި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދިފައި ވަނީ 1996 ވަނަ އަހަރުއެވެ.

މި އިނާމްތައް އެރުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްއެވެ.

ރޭގެ ރަސްމިއްޔާތުގައި ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 04 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 14 ބޭފުޅަކަށް ދެއްވިއެވެ. މީގެއިތުރުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި، ކީރިތި ޤުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި މިއަހަރު ފާސްވި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެލް ވެސް ދެއްވިއެވެ.