ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ޙައްޤު މިންވަރު ހަމަޖައްސަވައިދެއްވުމަށް ހދ. ފިނޭ ކައުންސިލުން ގޮވާލައިފިއެވެ.

ފިނޭ ކައުންސިލްގެ 4 މެންބަރަކު ސޮއިކޮށް މިއަދު ނެރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2011 ވަނަ އަހަރު އެ ކައުންސިލް އުފެދުނުއިރު، ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި، އެ ކައުންސިލުގައި މަސައްކަތްކުރަން ތިބީ ސިވިލް ސަރވިސްގެ އެންމެ 5 މުވައްޒަފުން ކަމަށެވެ.

Ad
rt

2011 ގައި ސިވިލް ސަރވިސް ކޮމިޝަނުން ފާސްކުރި ފިނޭ ކައުންސިލުގެ އިދާރީ އޮނިގަނޑުގައި 13 މުވައްޒަފުން ހިމެނިފައިވެއެވެ. ނަމަވެސް އެ އިދާރާގައި މިހާރު މަސައްކަތްކުރަމުން ދަނީ ޖުމްލަ 04 އިދާރީ މުވައްޒަފުން ކަމަށް ފިނޭ ކައުންސިލުން ބުނެފަވެއެވެ.

"10 އަހަރުތެރޭގައި ކުރެވުނު މަސައްކަތުން އިދާރީ އޮނިގަނޑުގައި ހިމެނޭ ހުސް މަޤާމުތަކަށް މުވައްޒަފުން ނެގުމުގެ ހުއްދައަށް ސަރުކާރުން ނުދެއްވުމުން، މި ކައުންސިލު ހިންގަމުން މިދަނީ މަދު މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ. އެހެންނަމަވެސް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި، ބަލަހައްޓަންޖެހޭ ތަންތަނާއި ކަންކަން އިތުރުވެ އިޤްތިޞާދީ އިޖުތިމާޢީ ޙަރަކާތްތައް ގިނަވެ ތަންފީޑުކުރަންޖެހޭ ނިންމުންތައް ނުނިމި އަދި ޒަމާނާ ޙާލަތައް އަންނަ ބަދަލާއި ގުޅިގެން ޚިދުމަތް ދޭނެޖެހޭ ގޮތްތަކަށް ގެނެވޭ ބަދަލުގެ ތެރެއިން، ކައުންސިލްގެ އިދާރީ ހިންގުމުގެ ނިޒާމަށް މިވަނީ ބާރު ބޮޑުވެ މުވައްޒަފުންނަށްވުރެ މަސައްކަތް އިތުރުވެފައެވެ." އެބަޔާނުގައި ބުނެފަ ވެއެވެ.

ޒަމާނަށް އައި ބަދަލުތަކާއެކު ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ވަރަށް ބޮޑަށް އުފުލެމުންދާއިރުވެސް މުވައްޒަފުންނަށް ދެވެމުންދަނީ އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ އުޖޫރައެއްކަން ފާހަގަކުރާ ކަމަށާއި، އަދި ބުރަ މަސައްކަތްކުރާ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭ މުސާރައަށް 10 އަހަރުވީއިރުވެސް ޒަމާނާއި ޙާލަތަށް އަންނަމުންދާފަދަ ބަދަލެއް ސަރުކާރުން ގެނެސްފައި ނުވާކަންވެސް ފާހަގަ ކުރާކަމަށް ވެސް ފިނޭ ކައުންސިލުން ބުނެފަވެއެވެ.

"ހަމައެއާއެކު ޚިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަވާއިރުވެސް މުވައްޒަފުންނަށް މަޤާމުގެ ގޮތުން އެއްވެސް ކުރިއެރުމެއް ނުދެއްވާކަމާއި، 10 އަހަރުދުވަހު ޚިދުމަތުގައި ހޭދަކުރި މުވައްޒަފުންނާ އަލަށް ހަމަޖައްސާ މުވައްޒަފުވެސް މަޤާމުގެ ގޮތުންނާއި އުޖޫރައިގެ ގޮތުން ހަމަހަމަވާކަން ވެސް ހިތާމައާއެކު މި ކައުންސިލުން ފާހަގަކުރަމެވެ." އެބަޔާނުގައި ބުނެފަ ވެއެވެ.

އެހެންކަމުން، ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ވެސް ފޯރުކޮށްދެވެނީ، ކައުންސިލުގައި
މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ވަރަށް ބުރަ މަސައްކަތުންކަމަށްވީ ހިނދު، އެ މުވައްޒަފުންނަށް ދެވޭ މުސާރައަކީ ވެސް ޢާއިލާއަކާއިގެން ހިތްހަމަޖެހިގެން އުޅޭވަރުގެ އެކަނށީގެންވާ އުޖޫރައަކަށް ވީހާ އަވަހަކަށް ހަމަޖައްސައި ދިނުމަށާއި، މުވައްޒަފުންނަށް މަޤާމުގެ ގޮތުންނާއި، މުސާރައިގެ ގޮތުން ކުރިއެރުން ދިނުމަށް އެ ނޫސް ބަޔާނުގައި ގޮވާލާފަވެއެވެ.

މީގެއިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ މެދުގައި އޮތް މުސާރައާއި ޢިނާޔަތްތަކުގެ ބޮޑު ތަފާތުކުރުންތައް ނިމުމަކަށް ގެނައުމަށާއި، އަލަށް ކަނޑައަޅާ މިނިމަމް ވޭޖަކީ އަސާސީ މުސާރައަށް ގެނެވޭ ހެޔޮ ބަދަލެއްކަމުގައި ހަދައިދިނުމަށާއި، އަދި ޚާއްޞަކޮށް ދަށް ފަންތީގެ މުވަޤްއްޒަފުންނަށް މިހާރު ދެވެމުންދާ އެކަށީގެން ނުވާ ކުޑަ މުސާރައަށް ރަނގަޅު ބަދަލެއް ގެނެސްދިނުމަށް ދިވެހި ދަޢުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށާއި، އެ އިދާރާތަކުގެ އިސްވެރީންނަށް ގޮވާލާކަމަށް ފިނޭ ކައުންސިލުން ބުނެފަވެއެވެ.

ފިނޭ ކައުންސިލްގެ އިތުރުން ވެސް ބައެއް ކައުންސިލްތަކުން އަންނަނީ މިފަދަ ބަޔާންތައް ނެރެމުންނެވެ.