ކިޑްނީ ފެއިލްވެފައިވާ އުމުރުން 9 އަހަރުގެ އަޒާން މުޙައްމަދު ވަހީދު އަށް އެހީތެރިވުމުގެ ގޮތުން ހދ. ނޭކުރަންދޫގައި 2 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ބާއްވަން ނިންމައިފި އެވެ.

މި ހަރަކާތަކީ ނޭކުރަންދޫ ކައުންސިލާ އެރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަދި ކްލަބު ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކޮށް ކުރިއަށް ގެންދެވޭ ހަރަކާތެކެވެ.

Ad
rt

ނޭކުރަންދޫ ފަރިވިލާގެ، މުޙައްމަދު ވަހީދު އަދި ހދ. ކުރިނބީ ޖަވާހިރުމާގެ، ފަޒުނާ އަބްދުއްރަޙްމާނަށްް ލިބިފައިވާ ހަމައެކަނި ދަރިފުޅު އަޒާން އަކީ އުމުރުން އެންމެ 2 އަހަރުން ފެށިގެން ކިޑްނީ މައްސަލަ ފާހަގަކުރެވި އެއަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެކެވެ.

ފާއިތުވި އަހަރުތަކުގައި އަޒާންގެ އާއިލާއިން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް)، އޭޑީކޭ އަދި އައިޖީއެމްޗް އިންވެސް އެތައްފަހަރެއްގެ މަތިން ފަރުވާ ހޯދާފައެވެ. އެހެންނަމަވެސް، އަޒާންގެ އުމުރުން 8 އަހަރު ވީއިރު، ކިޑްނީގެ ހާލަތު އިތުރަށް ގޯސްވެ ހުރިހާ ޑޮކްޓަރުންވެސް ލަފާ ދެއްވާފައިވަނީ ކިޑްނީ ބަދަލުކުރުމަށެވެ.

އަޒާންގެ މަންމަ އާއި ބައްޕަ ހުރީ އަޒާން އަށް ކިޑްނީ ހަދިޔާ ކުރުމަށް ތައްޔާރަށެވެ. އެހެންނަމަވެސް، މާލީ ގޮތުން އެ އާއިލާއަށް ވަނީ ވީހާވެސް ގިނަ އެހީ ބޭނުން ވެފައެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް ހުސައިން ސިރާޖް 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތު ދުވަހުގައި ގޭގެއަށް ޒިޔާރަތް ކޮށް އެކި ކަހަލަ މަސައްކަތް ކޮށްދިނުމަށް ވަނީ ހަމަޖެހިފަކަމަށެވެ. އަދި އެ މަސައްކަތުން ލިބޭ ހުރިހާ ފައިސާއެއް އަޒާން އަށް ހަދިޔާ ކުރެވޭނެކަމަށްވެސް ސިރާޖް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އުންމީދުކުރަނީ ނޭކުރެންދޫގެ ހުރިހާ ރައްޔިތުންވެސް މި ކަމަށް އެއްބާރުލުން ދެއްވާނެކަމަށް"

ސިރާޖް ވިދާޅުވި އެވެ.

މީގެ އިތުރުން، އޮންލައިން ކޮށް އަޒާން އަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، 7706700362004 (1306 KHARADHU 2) މި ނަންބަރަށް ރުފިޔާ ޓްރާންސްފާރ ކުރެވޭނެ ކަމަށް ނޭކުރަންދޫ ކައުންސިލުން ހާމަކުރެއްވި އެވެ.

މީގެ ކުރިން އަޒާންގެ މަންމަ ނިސްބަތްވާ ހދ. ކުރިނބީގެ ރައްޔިތުންވެސް ވަނީ އަޒާން އަށް އެކިގޮތްގޮތުން ގިނަގުނަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން، ކުރިންބީ ރައްޔިތުންގެ ފަރާތުންވަނީ އަޒާން އަށް ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފައެވެ.