ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ.
ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން ހއ. އަތޮޅުކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.
ޒަމާނުއްސުރެ ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި ބަލަމުންއައި ފިއްލަދޫ ދައްޕަރު ހއ. ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރެއްވުމާއެކު ރައްތިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދި ކައުންސިލަށާއި ރައްޔިތުންނަށް ލިބެމުންއައި ނަފާވެރިކަން ގެއްލިގެން ދިއުމުން ސޯސަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުން ގެންގޮސްފައި ވާކަން ފާހަގަ ކުރައްވައި ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ދައްޕަރުގެ މައްސަލާގައި ސަރުކާރުން ނިންމެވި ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ފިއްލަދޫ ކައުންސިލްގެ 09 ވަނަ ޢާންމު ބައްދަލުވުމުން ނިންމަވާފައިވަނީ ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ހިމެނޭ ދައްޕަރު އަލުން ފިއްލަދޫ އިޙްތިސާސްގައި ހިމަނައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރެއްވުމަށް ކަމަށެވެ.
މި މައްސަލާގައި ހއ. އަތޮޅު ކައުންސިލުންވެސް ގޮތެއް ނިމްމަވައި ސަރުކާރުގައި ދަންނަވައި ދެއްވުމަށް އެ ކައުންސިލުން އެދިފައިވާކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއެވެ.
"މި މައްސަލަ އަތޮޅު ކައުންސިލްގެ ޢާންމު ބައްދަލުވުމަށް ހުށަހެޅުމުން ފިއްލަދޫ ކައުންސިލްގެ އިޙުތިސާސުން ދައްޕަރު ވަކިކުރުން އެއީ ކަންބޮޑުވާ ކަމެއްކަމަށް ވިދާޅުވެ އަތޮޅު ކައުންސިލްގެ ހުރިހާ މެންބަރުންވެސް ވާހަކަ ދައްކަވާފައިވެއެވެ. އެހެންކަމުން އަތޮޅު ކައުންސިލްގެ 17 ވަނަ ޢާންމު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލްގެ 15 މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ދައްޕަރު ވަކިކުރެއްވުން އަލުން މުރާޖަޢާ ކުރެއްވުމަށާއި ފިއްލަދޫ ރައްޔިތުންގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް އަތޮޅު ކައުންސިލްގެ ސިޓީއެއް ފޮނުއްވުމަށެވެ." އެ ކައުންސިލުން ވިދާޅުވެފަވެއެވެ.
އެހެންކަމުން އެ ސިޓީ މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާފައިވާނޭ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
https://thiladhun.wonstasite.com/73438
އިދާރީ ދާއިރާތައް (ރާއްޖޭގެ އަތޮޅުތައް) ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އުފެދުމުގެ މާ ކުރިންވެސް ހއ. ފިއްލަދޫ ދައްޕަރަކީ ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި ބަލަމުން އައި ތަނެއްކަން ވެސް ހއ. އަތޮޅު ކައުންސިލުން ފާހަގަ ކުރައްވައެވެ.
ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި "ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް ވަނީ މަމަހުގެ 19 ވަނަ ދުވަހު ހުށަހަޅާފައެވެ. މި ޕެޓިޝަންގައި ފިއްލަދޫގެ 467 ރައްޔިތަކު ސޮއިކޮށްފަވެއެވެ. މި ޕެޓިޝަނުގައި ސޮއިކޮށްފަވަނީ ފިއްލަދޫގައި ދިރިއުޅޭ ފަރާތްތަކާއި، މާލެއާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކެވެ. ރިސޯޓްތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެރަށުގެ ރައްޔިތުން ދިރިއުޅެމުންދާއިރު ޕެޓިޝަންގެ ހާޑްކޮޕީ އެފަރާތްތަކަށް ފޯރުކޮށް ދެވުމަކީ ވަރަށް ދަތިކަމަކަށްވާއިރު، މި ޕެޓިޝަންގައި ވަނީ އެރަށުގެ ވޯޓުލާ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުން ސޮއިކޮށްފައެވެ. ފިއްލަދޫގެ މިހާރުގެ އާބާދީއަކީ 1130 އެވެ. އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުން ވޯޓުލުމުގެ ހައްގު ލިބުނީ 780 މީހަކަށެވެ. މީގެއިތުރުން އޮންލައިން ޕެޓިޝަނެއް ވެސް ކުރިއަށް އެބަދެއެވެ.
https://thiladhun.wonstasite.com/73426
ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.
ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރުމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދައްޕަރަކީ ކައުންސިލްގެ މުދާވެސް ހުރިތަނެއް ކަމަށެވެ. އަދި އެކަމާއިގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ލިބެމުންދާތީ އެކަމާ ގުޅިގެން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމަށެވެ. އެހެންވެ ކައުންސިލުގެ މަޝްވަރާއެއްނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިޚްތިޞާޞްއިން ވަކިކުރިކުރުން، ހިނގާދިޔަގޮތް އޮޅުންފިލުވުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާއި ގުޅުންހުރި އެންމެހައި މުއައްސަސާތަކުން މަޢުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި މައްސަލާގައި ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!