މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާޙީމް ވަހީދު ކާމިޔާބު ކުރައްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާޙީމް ވަހީދު އިންތިޚާބު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ.
މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން އިބްރާޙީމް ވަހީދު ކާމިޔާބު ކުރެއްވިއިރު، ކުޅުދުއްފުށީ ސިޓީގެ ރައީސްކަން ކާމިޔާބު ކުރަށްވާފައި ވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ.
މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކުރިން 150 ވަރަކަށް މަގާމަށް ވޯޓާއި ހަމައަށް ނުގޮސް މެންބަރުން ވަނީ އިންތިޚާބުވެފައެވެ. އެއީ އެ މަގާމުތަކަށް އިތުރު މީހަކު ވާދަނުކުރުމުން އިންތިޚާބު ކާމިޔާބުވި މެންބަރުންނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީން ބޭނުންކުރަނީ 93،000ށް ވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީގެ އެތެރޭގެ ދަފްތަރެވެ.
އޭގެ ތެރޭގައި އެލެކްޝަންސް ކޮމިޝަންގެ ޕާޓީގެ ދަފްތަރާ ފުށު އަރާ މެމްބަރުން ތިބެދާނެ ކަން ފާހަގަކޮށް، މެމްބަރަކު އެހެން ޕާޓީއެއްގައި ހިމެނޭކަމުގެ ޝަކުވާއެއް ލިބިއްޖެ ނަމަ އެކަން ބަލާނެ ކަމަށާއި، އެކަން އެހެން އޮތް ނަމަ އެ މެމްބަރަކަށް ވޯޓު ނުލެވޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
އެމްޑީޕީގެ މި އިންތިހާބުގައި 700ށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާއިރު، 455 މަގާމަކަށް މީހުން އިންތިހާބުކުރާނެއެވެ.
މި އިންތިހާބަކީ މި އަހަރުގެ މެއި މަހު ބާއްވަން ތާވަލްކުރި އިންތިހާބެއް ނަމަވެސް އިންތިހާބު ފަސްކުރީ ރައީސް ނަޝީދަށް ދެވުނު ހަމަލާ އާ ގުޅިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!