ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށުން ދައްޕަރު ވަކިކޮށް، އެތަނުގައި ހިންގަން އުޅޭ މަޝްރޫޢާއި ގުޅިގެން ފިއްލަދޫގެ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކޮށް އަޑު އުފުލައިފިއެވެ.

ފިއްލަދޫ ޒުވާނުންގެ ބަޔަކު މިއަދު ޝުއޫރު ފާޅުކުރީ ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރައްވާ ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) މިއަދު އެރަށަށް ވަޑައިގަތުމުންނެވެ.

Ad
rt

އިބްރޭ އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން ކުރެއްވި ޒިޔާރަތެއްގައެވެ.

ފިއްލަދޫ ޒުވާނުންގެ ބަޔަކު ނުރުހި މެންބަރު އިބްރޭ އެރަށުން ބޭލީކަމަށް އަޑު ފެތުރިފައިވާތީ އެކަން ސާފުކޮށްލުމަށް ދެންނެވުމުން ފިއްލަދޫ ކައުންސިލް މެންބަރަކު "ތިލަދުން"އަށް ވިދާޅުވީ، މެންބަރު އެރަށަށް ކުރެއްވި ޒިޔާރަތުގައި ބައްދަލު ކުރައްވަން ވަޑައިގެން ބޭފުޅުންނާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި ފުރާ ވަޑައިގަތީ އެރަށަށް ވަޑައިގެން ބައްދަލު ކުރައްވަން ނިންމަވާފައިވާ މީހުންނާ ބައްދަލު ކުރެއްވުމަށް ފަހުއި ކަމަށެވެ.

"މެންބަރު ވަޑައިގަތީ ޕްރޮވިންސް އިންތިޚާބުގެ ކެމްޕޭނަށް، ދެން ކެފޭއެއްގައި އިންނަވަނިކޮށް ޒުވާނުންގެ ބަޔަކު ވަނީ އެމީހުންގެ ޝުއޫރު ފާޅުކޮށްފައި، އެއްވެސް ހަމަނުޖެހުމެއް މާރާމާރީއެއް ނުހިނގާ، ދައްޕަރު މައްސަލާގައި އޮތް ކަންބޮޑުވުން އެއްވި ޒުވާނުން ފާޅުކުރީ، އެމްޕީ ފުރާވަޑައިގަންނަވަންދެން އެ ޒުވާނުން އަޑު އުފުލި" އެ މެންބަރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ސުވާލު ކުރުމުން މެންބަރު އިބްރޭ "ތިލަދުން"އަށް ވިދާޅުވީ، މިއަދު އޭނާ ފިއްލަދޫއަށް ވަޑައިގަތުމުން ޒުވާނުންގެ ބަޔަކު ޝުއޫރު ފާޅުކޮށްފައިވާ ކަމަށާއި، އެއީ އެ ރައްޔިތުންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.

"ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުންގެ ހުރި ނުތަވަނަވަސްކަން ސަރުކާރަށް ވެސް އެނގޭ، އެކަމަށް އިރާދަ ކުރެއްވިއްޔާ އެދެވޭ ހައްލުވެސް ލިބޭނެ، އަޅުގަނޑު މިދައްކަނީ އެވާހަކަ، ދެން އެރަށުން އަޅުގަނޑު އައީ މިއަދު އަޅުގަނޑު އެރަށަށް ދިޔަ ބޭނުން ނިމުނީމައި" އިބްރޭ ވިދާޅުވިއެވެ.

ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ރައްޔިތުން ނުތަނަވަސް ވެފައިވާއިރު، ދައްޕަރު މައްސަލާގައި އެރަށުގެ ރައްޔިތުންގެ މެދުގައި މިހާރު ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މާދަމާ އެ ޕެޓިޝަން ހުށަހަޅާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު ބާއްވައިގެން އެތަން ތަރައްގީކުރުމުގައި، އެއްވެސް ހުރަހެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ފިއްލަދޫ ކައުންސިލުން ވެސް ވަނީ ވިދާޅުވެފައެވެ.

ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީޚާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެއްކެވެ. އަދި ފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީޚް ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ޤަބުރުސްތާނުން އެކަމަށް ހެކިދޭއިރު، އެސަރަހައްދުގައި ކޮންމެ މަޝްރޫޢުއެއް ހިންގިކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީޚާއި ތަރިކަ ހިމާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކައުންސިލްގެ މައްޗަށް ޤާނޫނު ލާޒިމްކުރާ ކަމެއްގެ ގޮތުގައި ދެކޭކަމަށް ފިއްލަދޫ ކައުންސިލުން ވަނީ ބުނެފައެވެ.