ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމާއި ގުޅޭގޮތުން ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ސިޓީއެއް ފޮނުވައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމަށް އެޑްރެސްކުރައްވައި، ރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ޙަވާލުވެހުރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ސޮއިކުރައްވާފައިވާ މި ސިޓީގައި ބުނެފައި ވަނީ، އެ ކޯލިޝަންގެ ލީޑަރު އަދި ކޯލިޝަނުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކުރެވިފައިވާ ޙުކުމަކީ އެ މައްސަލައިގައި ޙުކުމް ކުރި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކުރެވިފައިވާ ޙަރާމް ޙުކުމެއްކަމުގައި އެ ކޯލިޝަނުން ފެށުނީއްސުރެ ބުނަމުންއަންނަ ކަމަށެވެ.
މިގޮތަށް ދިވެހި ރައްޔިތުންވެސް ބުންނަމުން އަންނަ ކަމަށާއި، ރައްޔިތުންނާއި އެ ކޯލިޝަނުން މިގޮތަށް ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުންވެސް މައްސަލައިގައި ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކު ކަމަށް ބެލެވޭ ފަނޑިޔާރުން ވަނީ، ރައީސް ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމްގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެ ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނެފައިކަމަށް އެ ސިޓީގައި ބުނެފަވެއެވެ.
ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައި ކަމަށާއި، އެހެންކަމުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޞައްޙަކަން
ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯ ތަކުގެ ފޮރެންސިކް ތަޙުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވުން އެދޭކަމަށް އެ ސިޓީގައި ބުނެފަވެއެވެ.
"މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި މިކޯލިޝަނުން ދެކޭތީ، އެކަން އަވަސްކޮށްދެއްވުމަށްވެސް ދެންނެވީމެވެ." އެ ސިޓީގައި ބުނެފަވެއެވެ.
މި ސިޓީގައި ވަނީ، މި މައްސަލައާއި ގުޅިގެން އެ ކޯލިޝަނުން ރައީސް ޔާމީނާއި މަޝްވަރާކޮށް އިތުރަށް ޙިއްސާކުރަން ޖެހޭ މަޢުލޫމާތު ހުރިކަމަށް ވެސް ބުނެފައެވެ. އެހެންކަމުން އެ ކޯލިޝަންގެ ލީޑަރޝިޕާއި ރައީސް ޔާމީނާއި ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓެއް ވީ އެންމެ އަވަހަކަށް ހަމަޖައްސައި ދިނުމަށް ވެސް އެ ސިޓީގައި އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!