ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މަޑުޖައްސާލާފައިވާ ސިވިލް ސަރވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންނަށް ވަކި ފެންވަރެއްގެ ސަނަދެއް ޙާސިލްކުރުމުން ދެވޭ ޕްރޮމޯޝަން "ސެޓްފިކެޓް ޕްރޮމޯޝަން" އަންނަ މަހުން ފެށިގެން ދިނުމަށް ނިންމައިފި އެވެ.
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ މި ޕްރޮމޯޝަން ދެމުން އައި މިނިސްޓްރީ ތަކަށް 1 އޮކްޓޫބަރު 2021 އިން ފެށިގެން ކުރިއަށްގެންދިއުން އެންމެ ރަގަޅުކަމުގައި ދަންނަވާފަ އެވެ.
މިއާއި އެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވަނީ ސެޓްފިކެޓް ޕްރޮމޯޝަން ޗިޓް ޖެހި ނަމަވެސް އެ ޗިޓާއި އެއްގޮތަށް މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިވާނުވާ މުވައްޒަފުންނަށްވެސް 1 އޮކްޓޫބަރު 2021 އިން ފެށިގެން ޗިޓުތަކުގައިވާ ގޮތުގެ މަތިން މުސާރައާއި އިނާޔަތްތައް ދިނުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
ސިވިލްސަރވިސްގެ ފަންނީ ވަޒީފާތަކުގައި ތިއްބެވި އެޑިއުކޭޝަންގެ މުއައްޒަފުންނަށް ސެޓްފިކެޓް ޕްރޮމޯޝަން ދިނުންވެސް އަންނަ މަހުން ފެށިގެން ކުރިއަށް ގެންދެވޭނެކަމުގައިވެސް އެޑިއުކޭޝަނުން ވަނީ ހާމަކޮށްފައެވެ.
ޕްރޮމޯޝަން ޗިޓް އެޕްރޫޕްވި ތާރީޚުން ފެށިގެން 1 އޮކްޓޫބަރު 2021ގެ ނިޔަލަށް ދޫނުކުރެވި ހުރި މުސާރައާއި އިނާޔަތްތައް ދިނުމާއި ގުޅޭ ގޮތުން މިހާރު ސިވިލް ސަރވިސް ކޮމިޝަނުން ކަމާއިގުޅޭ އިދާރާތަކާއި އެކު ކުރިއަށްދާ މަޝްވަރާތައް ނިމުމުން އެފައިސާ ދިނުމާއި މެދު ވަކި ގޮތެއް އަންގާނެކަމުގައިވެސް އެކޮމިޝަނުން މިނިސްޓްރީތަކަށްވަނީ އަންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!