ކޮމަންޑޫ ސިއްހީ މަރުކަޒުން ގޭގެ އަށް ގޮސް ދާނުގައި ތިބޭ ބަލި މީހުންނަށް ޚިދުމަތްދޭތާ 7 އަހަރު

Dhaanmathi balimeehun

ށ. ކޮމަންޑޫ ސިއްޙީ މަރުކަޒުން ގޭގެއަށް ގޮސް ދާންމަތިވެފާއި ތިބޭ ބަލިމީހުންނަށް ޚިދުމަތް ދޭތާ 7 އަހަރު ވެއްޖެ އެވެ.

މިގޮތުން ވޭތުވި ހަތްއަހަރު ވެސް، މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބުތަކާއި ހެދި ހިނގާބިނގާވެ އުޅެން އުނދަގޫ ބަލި މީހުންގެ ގާތަށް ކޮމަންޑޫ ސިއްހީ މަރުކަޒުގެ ޓީމެއް ޒިޔާރަތް ކޮށް ފަރުވާދެމުން ގެންދެއެވެ.

ކޮމަންޑޫ ސިއްހީ މަރުކަޒާ އަލަށް ގުޅިވަޑައިގައިން ސީނިއާރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު މުފީދު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަލި މީހުން ގާތަށް ޒިޔާރަތް ކޮށް ޚިދުމަތް ދިނުމަކީ އެ ޚިދުމަތް ފެށުނީއްސުރެ ތާވަލްތަކެއްގެ މައްޗަށް އެކުލަވާލައިން ގަވައިދުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން، ބައެއް ބަލިމީހުންގެ ގާތަށް މަހަކު އެއްފަހަރު ޒިޔާރަތް ކުރުމަށް ތާވަލު ކުރެވިފާވާކަމަށާއި އަނެއްބައި ފަރާތްތަކަށް ހަފްތާއަކު އެއްފަހަރުވެސް ޒިޔާރަތްކުރާ ފަހަރުތައް ތާވަލް ކުރެވިފާ ވާކަމަށް މުފީދު ފާހަގަކުރެއްވިއެވެ.

އަދި މި ކަމަކީ ދާންމަތި ވެފާއި ތިބޭ ފަރާތްތަކަށް ކޮންމެ ފަހަރަކު ސިއްހީ މަރުކަޒަށް ޒިޔާރަތް ކުރަން އުނދަގޫވާނެތީ އެ ފަރާތްތަކަށް ލުއި ދިނުމުގެ މަގުސަދުގައި ފެށުނު ކަމެއްކަމަށްވެސް މުފީދު ވިދާޅުވިއެވެ.

މީގެ އިތުރުން، މުފީދު ވިދާޅުވީ އެ މަރުކަޒުން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ސަރުކާރުގެ ޕޮލިސީ އާއި އެއްގޮތަށް އެ މަރުކަޒުގެ ހިންގުން ހަރުދަނާ ކުރުމާއި ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށެވެ.

" އުންމީދުކޮށްގެން މިތިބީ މި މަރުކަޒުގެ ލެވެލް މަތިވެގެންގޮސް އެހެން ލެވެލް އަކަށް ދެވި ދެވޭ ޚިދުމަތްތައް އަޕްގްރޭޑް ވެގެން ދާނެ ދުވަހަކަށް. ސަރުކާރުގެ ފަރާތުން އިޝާރަތެއްވެފަ އޮތީ، އިރާދަކުރެއްވިއްޔާ މިތަނުގެ ގްރޭޑް ބަދަލުވެ އިތުރު ޚިދުމަތްތައް ފުޅާވެގެން ދާނެކަމަށް. " މުފީދު ވިދާޅުވިއެވެ.

މަރުކަޒާ އަލަށް ގުޅިވަޑައިގެން މުފީދުވެސް ވަނީ އިއްޔެ އެ މަރުކަޒުން ދާންމަތިވެފައި ތިބި ބަލި މީހުންގެ ގާތަށް ޒިޔާރަތް ކުރެއްވި ޓީމާއި ގުޅިވަޑައިގެން އެ ފަރާތްތަކުގެ ހާލު ބައްލަވާލައްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި