މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތާ ގުޅުވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި، މަގާމުން ވަކި ކޮށްފައި ވަނިކޮށް ޢަލީ ވަހީދު ވަނީ ރާއްޖެ ދޫކޮށް ފުރާ ވަޑައިގެންފައެވެ. އެއިރު އޭނާގެ މައްޗަށް ޝަރީޢަތް ހިންގަން ފަށާފައި އޮތް ނަމަވެސް އޭނާ ފުރާ ވަޑައިގަތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެދުމުން ކްރިމިނަލް ކޯޓުން ހުއްދަ ދެއްވުމުންނެވެ.

Ad
rt

އޭގެފަހުން އޭނާ ޔޫކޭގައި ވިސާގެ މައްސަލައެއްގައި ހައްޔަރު ކުރެވުނުކަމަށް ވެސް މައުލޫމާތު ފެތުރުނެވެ. އޭނާ ހައްޔަރުކުރެއްވީ އޮންލައިންކޮށް ރާއްޖޭގެ މީޑިއާތަކާ ބައްދަލުކުރުމަށް ތައްޔާރުވެވަޑައިގަންނަވަނިކޮށް ކަމަށްވެއެވެ.

އޭގެފަހުން ޢަލީވަޙީދު ޓްވީޓެއް ކުރެއްވީ ރޭގައެވެ. އެ ޓްވީޓްގައި ފްރޭމް ކުރުމާއި، އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެކަމަށް ކަމަށާއި، ކޮންމެ ގޮތެއް ހެދިޔަސް އަޑު ކަނޑުވާނުލެވޭނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

އޭގެފަހުން އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލައާ ގުޅުވާ ކުރެވޭނެ އެއްވެސް ދަޢުވާއެއް ނޯންނާނެ ކަމަށާއި، އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއިން ބޭރުގައި ކުރެވުނު ތަޙުޤީޤުގައި އެމަނިކުފާނުގެ އެކައުންޓްތައް ފްރީޒް ނުކުރެވުނީ އެހެންވެ ކަމަށެވެ.

އޭނާ ވަނީ އެ މައްސަލާގައި ރައީސް ޔާމީން ދިފާއު ކުރައްވަމުން، ރައީސް ޔާމީން މިނިވަންކުރަންޖެހޭ ކަމަށް ވިދާޅުވެފައެެވެ.

"ސައްޙަ ލިސްޓު ފެށެނީ އަދުގެ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިން. ރެހެންދި ފްލެޓުން ކަޅު ދަބަސް ހިފައިގެން ނިކުތް މީހުން އަޅުގަނޑުމެންނަކަށް ނޯޅޭ! ތިޔަ ފޯނުތަކާ ލެޕްޓޮޕާ އިނގިރޭސި ތަޙުޤީޤު ޓީމަށް ރައްދުކޮށްދިނީ އަޅުގަނޑު. ޖަލަށް ލިޔަސް، މަރާލިޔަސް، އިރާދަފުޅުން މިއަޑު ކަނޑުވާނުލެވޭނެ." އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފަވެއެވެ.

އަލީ ވަހީދު އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދެއްކެވިއިރު، ރައީސް ޔާމީންގެ މައްޗަށް މިހާރު ކޮށްފައިވާ ޙުކުމް އިސްތިއުނާފް ކުރުމަށް އެމަނިކުފާނު ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ފަށާފައެވެ.