ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ހދ. ނޮޅިވަރަންފަރުން އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދަނިކޮށް އެރަށް މޮނިޓަރިން ހާލަތުންނެގިކަން އަންގައިފިއެވެ.

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އޮފިޝަލެއް "ތިލަދުން"އަށް ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތުން ނެގިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންގީ ކުއްލި އަކަށް މިއަދު 3 ޖަހާކަށްހާއިރު ކަމަށެވެ. އަދި އެ އެންގުން އެންގި އިރުވެސް ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންކަމަށެވެ.

Ad
rt

ރަށުން އިތުރު ކޭސްތައް ފެންނަމުންދާ ދަނޑިވަޅެއްގައި، ރަށް އޮތީ މޮނިޓަރިން ވީއްލާފަދަ ހާލަތުގައި ނޫންކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އެރަށް މޮނިޓަރިން ހާލަތުން ނެގީ އެއްވެސް މަޝްވަރާއެއް ނުކޮށް، އެއްވެސް އެނގުމެއްނެތި ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

https://thiladhun.wonstasite.com/72387

ނޮޅިވަރަންފަރު ކައުންސިލްގެ ނައިބު ރައީސް އަބުދުލްކަރީމް މިރޭ "ތިލަދުން"އަށް ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތުން ނެގުމުން ހާސްކަން ކުރިމަތިވެފައިވާ ކަމަށެވެ.

"އެ އެންގުން އެންގި ވަގުތުން ފެށިގެން މިއުޅެނީ އެޗްޕީއޭ ނުވެސް ގުޅިގެން، މިނިންމުން ނިންމީ ކީއްވެތޯ ބަލަން، ރަށުގެ ހާލަތު ރަނގަޅެއް ނޫން، ސިއްހީ މަރުކަޒުގައި ހުރީ 4 އެނދު، ވަސީލަތެއް ހުރިތަނެއްނޫންމީ" ކަރީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭއިން އެ ނިންމުން ނިންމިއިރު ކައުންސިލާއިވެސް އަދި ރަށުގެ ކޯވިޑް ޓާސްކް ފޯހާވެސް މަޝްވަރާ ނުކުރާ ކަމަށާއި، "ހޭވެސް އަހާނުލާ" ކަމަށެވެ.

އޭނާ ވިދާޅުވީ މެންދުރުފަހު ތިނެއްޖަހާކަށްހާއިރު އެރަށް މޮނިޓަރިންއިން ނެގިކަން އެންގުމާއެކު އެޗްޕީއޭއާއި ވާހަކަ ދައްކައިގެން އެކަން ހައްލު ކުރެވޭތޯ މަސައްކަތްފެއްޓެވިކަމަށެވެ.

"މިކަން މީޑިއާއާއި ހަމައަށް މިގެނައީ ހައްލު ކުރަން ވަރަށް މަސައްކަތްކޮށްފައި، މިރަށް އަވަށްޓެރި ނޮޅިވަރަމް އޮތް ހާލަތަށް ދާކަށް ބޭނުމެއްނޫން" ކަރީމް ވިދާޅުވިއެވެ.

ނޮޅިވަރަންފަރަކީ މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހާއި ހަމައަށް އެއްވެސް ޕޮޒިޓިވް ކޭހެއް ނުފެނި އޮތް ރަށެކެވެ. އެދުވަހު އެރަށުން ޕޮޒިޓިވް ކޭހެއް ފެނި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ އަވަށްޓެރި ނޮޅިވަރަމް ކްލަސްޓާއާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަކުރެވުނު އެރަށުގެ މީހެއް ޕޮޒިޓިވްވުމާއި ގުޅިގެން ކަމަށެވެ.

އެރަށުން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ރެންޑަމް ސާމްޕަލާއި، ފްލޫ ސާމްޕަލް ވެސް ހިމެނެއެވެ.