ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ޕާޓީގެ އިސްތިއުނާފް މަޖިލީހުން ނިންމައިފިއެވެ.
މަހުލޫފް އަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީން އެންގީ އެމްއެމްޕިއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާތީއެވެ.
އެ މައްސަލަ މަހްލޫފް ގެ ފަރާތުން އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހާއި، އިންތިހާބާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން ކޮމިޓީން ނިންމީ އޭނާ އަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ދިމާވާ މައްސަލަތަކުގެ ޝަކުވާ ހުށަހެޅުމުގެ މަރުހަލާ އޮންނަގޮތުން ފުރަތަމަ އެކަމެއް ބަލާނީ އިންތިހާބާ ބެހޭ ކޮމިޓީންނެވެ. އަދި އެ ކޮމިޓީގެ ނިންމުން ކަމުނުދާ ނަމަ ދެން އެ ނިންމުމެއް ހުށަހަޅަން އޮންނަނީ އިސްތިއުނާފް މަޖިލީހަށެވެ.
އިސްތިއުނާފް މަޖިލީހުން އެހެން ނިންމި އިރު މަހުލޫފް އެ މައްސަލަ އިލެކްޝަންސް ކޮމިށަނަށް ހުށަހެޅުމުން އެ ކޮމިޝަނުން ވެސް ވަނީ އޭނާ އަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް އެމްޑީޕީ އަށް އަންގާފައެވެ. އޭނާ އެ މައްސަލަ އިލެކްޝަނަށް ހުށަހެޅީ އިންތިހާބަށް އެ މަހަށް ވީ އިރު ވެސް ޕާޓީ ތެރެއިން އެކަމުގައި އޭނާ އަށް ޖަވާބެއް ނުލިބުމުންނެވެ.
އެހެންނަމަވެސް ޕާޓީގެ އެތެރޭގެ މަރުހަލާތައް ވެސް ނުނިމެނީސް އެޕާޓީން ވަނީ މަހުލޫފްގެ ނަން އުނިކޮށް، ޕާޓީގެ އިންތިހާބަށް ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު އާންމުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!