ށ. މާއުނގޫދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ.
މިކަމާއި ގުޅިގެން 07 ސެޕްޓެމްބަރ 2021 ގައި އެ ކުންފުނިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ. މާއުނގޫދޫގައި އައު އިންޖީނުގެ އާއި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އެ ކުންފުނީގެ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން 08 ސެޕްޓެމްބަރ އިން 21 ސެޕްޓެމްބަރ ގެ ނިޔަލަށް ރިޖިސްޓަރީ ވުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ބުނެފައިވާއިރު، މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ބުނެފައިވާ އެންމެ ފަހު ތާރީޚަކީ 20 ސެޕްޓެމްބަރ 2021 އެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީޚަކީ 22 ސެޕްޓެމްބަރ 2021 އެވެ.
މި ބިޑްގައި ރަޖިސްޓްރީ ވުމުގެ އެންމެހާ ކަންކަން އީ-މެއިލްގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ކުންފުނީގެ ފުރިހަމަ ނަމާއި، އިޢުލާން ނަމްބަރާއި އަދި ނަމާއި ފޯނު ނަމްބަރު tender@fenaka.mv މި މެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިލައްވާފައެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާރީޚުތަކާއި އެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހަޅަމުން ގެންދިޔުމަށާއި، އަދި އަންދާސީ ހިސާބު މެއިލް ކުރައްވާ ފަރާތްތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" ގެ ގޮތުގައި އެ ކުންފުނީގެ މެއިލްއެއް ލިބިލައްވާނެ ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި މަސައްކަތާއި ގުޅިގެން ފެނަކައިން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައުވަނީ ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ބަޔާންކުރެވިދިޔަ މެއިލް އެޑްރެސްއަށް މެއިލް ކުރައްވަމުން ގެންދިޔުމަށް ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!