ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މޮނިޓަރިންއަށް ލާފައި އޮތް އޮތުން އުވާލިތާ 5 ދުވަސް ފަހުން އަނެއްކާވެސް ށ. ފީވަކުން 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖުލައި 29 ވަނަ ދުވަހުގެ 12:40 ގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މަހަކަށް ވުރެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު އެޗްޕީއޭއިން ވަނީ މިމަހުގެ 2 ވަނަ ދުވަހު އެ ހާލަތުން އެރަށް ވީއްލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެރަށުން ޕޮޒިޓިވް ވެފައިވާ ދެމީހުންނަކީ މިމަހު 5 ވަނަ ދުވަހު ނެގުނު 14 ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވް ވެފައިވާ ދެމީހެކެވެ. އެ ސާމްޕަލްތަކުގެ 12 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ.
ފީވަކު ސިއްޙީ މަރުކަޒުން އާންމުކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 2 މީހުންނަކީ ބަލީގެ އަލާމާތް ފެނުމާއި ގުޅިގެން ޓެސްޓު ކުރެވުނު 2 މީހެކެވެ. އަދި މިހާރުން ފެށިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށްވެސް މައުލޫމާތު ލިބިފާވެއެވެ.
ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހުސްވި އޮގަސްޓް މަހުގެ 26 ވަނަ ދުވަހާ ހަމައަށް އެރަށުން 136 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހުރިހާ ފަރާތްތަކެއް މިހާރު ބަލިން ރަނގަޅުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އަދި މިއަދު ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން އެރަށް އަލުން މޮނިޓަރިން އަށް ލުމާމެދު އެޗްޕީއޭ އިން އަދި ވަކި ގޮތެއް ނާންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!