ޑުރަގް ބޯޓުތައް ދޫވެ، ކުނި ކޮތަޅު ހާވާ ޒުވާނުން ރަށުތެރޭ ގިނަވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނު ތަންފީޒު ނުކުރާތީކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ބޮންޑޭ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. "މަސްތުވާތަކެތީގެ ފަރުވާ ފެއިލް ވުމުން ޖަލަށް ދާންޖެހޭ މީހުން ގިނަވަނީ" މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ހިއްސާ ކުރައްވާ ބޮންޑޭ އިތުރު ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ ހިދުމަތްދޭ ކެފޭ އައްޑާ ތިޔާގިވެފައިވާކަމަށެވެ.
"ޑުރަގް ބޯޓުތައް ދޫވެ ފަރުވާ ދޭންޖެހޭ ޒުވާނުން ރަށުތެރެއަށް ގިނަވެ ކުނި ކޮތަޅު ހާވަނީ ގާނޫނު ނަންބަރު 2011/17 މަސްތުވާތަކެއްޗާބެހޭ ގާނޫނު ތަމްފީޒު ނުކުރާތީއެވެ. 5 ޕަސެންޓު ރިޔާސީ ކޯލިޝަން ނިޒާމުގެ ސިފަ."
ބޮންޑޭ ގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ބޮންޑޭ މި ޓުވިޓު ކުރައްވާފައިވަނީ، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ބަދަލުކުރުމަށް ގޮވާލައި "ހޭންޑްސް ޓްގެދާ" އިން ހުށަހެޅި ޕެޓިޝަނާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ސުޕްރިޓެންޑްޓު އޮފް ޕްރިޒްންސް އިބްރާހިމް ނާޝިދު ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.
"މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުން، އުމުރުން 35 އަހަރުން ދަށުގެ 60 ޕަސެންޓް މީހުން އެ ހުކުމް މިހާރު ވެސް ތަންފީޒުކުރޭ. އަދި ހުކުމް ނުކުރާ މީހުންގެ ތެރޭގައި ވެސް ގިނައީ ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ހިމެނޭ. މި ވަގުތު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޑްރަގް ކޯޓުން ފަރުވާ އަށް ހުކުމްކޮށް، ފަރުވާ ފެއިލްވެގެން ޖަލަށް އަންނަ މީހުންގެ އަދަދު އިތުރުވުން. މި ގޮތަށް ނިމިފައި އެބަތިބި 298 މީހުން ހުކުމް ތަންފީޒުކުރަމުންދާ. މި އަދަދުތައް ފުދޭވަރަކަށް އިތުރުވަމުންދާތީ، ޖަލުގެ އާބާދީ އަށް ވެސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ،"
ނާޝިދު ވިދާޅުވި އެވެ.
މިހާރު މަސްތުވާތަކެތީގެ އެކި ބާވަތްތައް ޓްރެފިކިން ކަމަށް ބަލާ މިންގަނޑު ތަފާތެވެ. ކުރީގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައިވާ ގޮތުން، މީހެއްގެ އަތުން ގްރާމެއްގެ މަސްތުވާތަކެތި ފެނިއްޖެ ނަމަ އެއީ ޓްރެފިކިން ކަމަށް ބަލައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ބޮންޑޭ މިމޭރުމުން ވިދާޅުވެފައިވާ، މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނަނުދީ، އެކަން ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް އިއްޔެ ފަށާފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ. މި އޮޕަރޭޝަންގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށާއި، އަދި އެފަދަ ހިދުމަތް ދެމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ 25 ތަނެއްގެ ވެރިންނަށް ގާނޫނީ އިންޒާރުވެސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަނާ ގުޅޭ 8 މައްސަލައެއް މިހާރު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެފަދަ އިތުރު 4 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
މިދުވަސް ވަރު މާލޭ މަގުމަތީގައި ކުނި ކޮތަޅުތައް ހޮވައިގެން މަގުމަތީގައި އުޅޭ ޒުވާނުން ވަނީ އިތުރު ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!