ގްރޭޑް 1 ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތުގައި ފާހަގަވި މައްސަލަ ހައްލުކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން (އެން.އައި.އީ) އިން މަސައްކަތް ފަށައިފި އެވެ.
ސްކޫލްތަކަށް ފޮތް ޕްރިންޓް ކުރުމުގެ ތެރޭގައި ގްރޭޑް 1 ގެ ޤުރުއާން މާއްދާގެ ދަރިވަރުންގެ ފޮތުގައި ދެ ސޫރަތެއްގެ ޢާޔަތްތައް ވަނީ އެކުވެފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ މި މައްސަލަ އެ މިނިސްޓްރީ އަށް ފާހަގަ ކުރެވުނު ހިސާބުން ފެށިގެން އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
" ދެ ސޫރަތެއްގެ ޢާޔަތްތައް އެކުވެފައިވާ ކަން މި މިނިސްޓްރީއަށް ފާހަގަވި ހިސާބުން ފެށިގެން އެކަން ހައްލު ކުރުމަށް އެން.އައި.އީ ވަނީ މަސައްކަތް ފަށާފަ" އެމްއޯއީ ގެ ބަޔާނުގައި ވިދާޅުވިއެވެ.
އެގޮތުން، މައްސަލަ ޖެހިފައިވާ ޞަފްޙާ ބަދަލުކުރުމަށް ޢަމަލު ކުރަންޖެހޭ ގޮތް ސްކޫލްތަކާ ހިއްސާކުރެވި، ސްކޫލްތައް މެދުވެރިކޮށް ބެލެނިވެރީންނަށްވެސް ދާނީ އެންގެމުންކަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ފޮތް ތަކަކީ ޕްރިންޓް ކުރުމުގެ ކުރިން އެން.އައި.އީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ޗެކުކުރެވިފައިވާ ފޮތްތަކެއް ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
އަދި މި ފޮތުގައި މައްސަލަ ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް މިހާރު ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!