ރާއްޖޭގައި އަޅާފައިވާ އެންމެ ބޮޑު މިސްކިތްކަމަށްވާ ކިންގް ސަލްމާން މިސްކިތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ނޫސްކަމުގައިވާ ސައުދީ ގެޒެޓްއިން ބުނެފި އެވެ.

އެނޫހުގައި ސަލްމާން މިސްކިތުގެ ފޮޓޯއެއް ހިމަނާ އިއްޔެގެ އަދަދުގައި ބުނެފައިވަނީ، މިއީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމެއްގައި އެޅިގެންދާ އެންމެ ބޮޑު މިސްކިތްކަމަށެވެ.

Ad
rt

ވެރިރަށް މާލޭގައި ބިނާކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ސައުދީ ސަރުކާރުގެ ޓީމެއްވަނީ ރާއްޖެ އައިސްފައެވެ. މި ޓީމުގެ ތެރޭގައި އިސްކޮށް ބައިވެރިވެފައިވަނީ އެޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ އެކްޓިންގ ޑެޕިއުޓީ މިނިސްޓަރ އައްޝައިޚް އައްވާދު އަލް އެނެޒީއެވެ.

ހޯމަ ދުވަހު ރާއްޖޭގެ އޮފިޝަލުންނާއި ސައުދީ ސަރުކާރުގެ ވަފުދާއި ވަނީ ބައްދަލުކުރައްވާ މިސްކިތް ހުޅުވުމާއި ބެހޭ އެންމެ ފަހުގެ މަޝްވަރާތައްކޮށްފައެވެ.

ސައުދީ ގެޒެޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ސައުދީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ކިންގް ސަލްމާން މިސްކިތަކީ ރާއްޖޭގެ ތާރިޙުގައިވެސް އެޅޭ މިކަހަލަ އެންމެ ފުރަތަމަ މިސްކިތްކަމަށާއި މިސްކިތުގެ އާކިޓެކްޗަރަލް މަސައްކަތަކީވެސް ވަރަށް ތަފާތު މޮޑެލްއެއްކަން ފާހަގަކޮށް މި މިސްކިތުގެ ސަބަބުން ރާއްޖެއާއި ސައުދީއާއި އޮންނަ ގުޅުން އިތުރަށް ރަގަޅުވެގެން ދާނެކަމަށްވެސް އެ ނޫހުގައި ފާހަގަކޮށްފައިވެއެވެ.

ކިންގް ސަލްމާން މިސްކިތް ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީހެއް އަދި ދިވެހި ސަރުކާރުން ހާމަކޮށްފައި ނުވިނަމަވެސް ސައުދީ ސަރުކާރާއި އެކު ކުރިއަށްދިޔަ މަޝްވަރާތަކުގައި މިސްކިތް ހުޅުމަށް ތާރީހެއް ކަނޑައެޅުމާއި ބެހޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ސައުދީ ގެޒެޓްގައި ވަނީ ކިންގް ސަލްމާން މިސްކިތުގެ ބޭރު އަދި އެތެރޭގެ ބައެއް ފޮޓޯތައްވެސް ޝާޢިއުކޮށްފައެވެ.

6000 އަށް ވުރެ ގިނަ މީހުންނަށް އެއްފަހަރާ އެމިސްކިތުގައި ނަމާދު ކުރުމުގެ ޖާގަ ލިބޭ ގޮތަށް މިސްކިތް ހަދާފައިވަނީ 6 ބުރިއަށެވެ. މިއީ ސައުދީ ސަރުކާރުން ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އަޅާފައިވާ މިސްކިތެއްކަމަށް އެނޫހުގައި ބުނެފައިވެއެވެ.

2016 ވަނަ އަހަރު ދިވެހި ސަރުކާރާއި ސައުދީ ސަރުކާރުން އެއްބަސްވެގެން މިސްކިތް އެޅުމަށް މަޝްވަރާތައް ފެށުނު ނަމަވެސް މިސްކިތް އެޅުމުގެ މަސައްކަތްތައް ފެށިފައިވަނީ 2018 ވަނަ އަހަރުގައެވެ.

ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރާ ޖާގައިގެ އިތުރުން ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހޯލްއަކާއި، ސްޓަޑީ ރޫމްއަކާއި، ކޮންފެރެންސް ހޯލްއަކާއި އިންޓަރނޭޝަނަލް ލައިބްރަރީއެއްވެސް ހިމެނެއެވެ.