މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެމުން ގެންދާ ހދ.ނައިވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ.
ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކޮށް ނައިވާދޫއަށް ކުރިމަގުގައި ގެނެވިދާނެ ތަރައްޤީއާއި އަދި އެ ތަރައްޤީ ގެނައުމުގައި ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކޮށް ކުރިއަށް ދިއުމަށް ބޭނުންވާ މަޝްވަރާ ކުރުމަށް މިވަގުތު ނައިވާދޫ ކައުންސިލްގެ ރައީސްއާއި މެމްބަރުން ވަޑައިގެން ތިއްބެވީ މާލޭގައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ނައިވާދޫ ކައުންސިލްގެ ރައީސް އަލީ ރަޝީދު ވިދާޅުވެފައި ވަނީ މާލޭ ސަރަހައްދުގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން އަންނަ ކަމަށެވެ. ހާއްސަކޮށް ހުޅުމާލޭގައި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުން އަންނަ ކަމަށެވެ.
މި ދުވަސްވަރަކީ ރަށުގެ މުސްތަޤުބަލާއި ގުޅުންހުރި މުހިންމު ނިންމުންތަކެއް ނިންމަމުން އަންނަ ދުވަސްވަރަކަށް ވެފައި، އެ ކަންކަމާއި މާލޭ ސަރަހައްދުގައި ދިރިއުޅުއްވާ އެ ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުން އެއީ މި ބައްދަލު ވުމުގެ އެއް މަޤުޞަދު ކަމަށެވެ.
މި ބައްދަލުވުމުގައި މާލޭ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ނައިވާދޫގެ ވީހާވެސް ގިނަ ފަރާތްތައް ބައިވެރި ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!